ދަޢުރު ހަމަވުމާ ގާތް ވަމުންދާ އެމެރިކާގެ ރައީސް ޖޯ ބައިޑަން 39 ކުށްވެރިންނަށް މަޢާފު ދެއްވައި, 1،500 ކުށްވެރިންގެ އަދަބު ލުއި ކޮށްދެއްވައިފިއެވެ.
ބައިޑަން ވިދާޅުވީ މަޢާފު ދެއްވާފައިވާ ކުށްވެރިންނަކީ އެހެން މީހުންގެ ނަފްސަށް ނުރައްކަލަކަށް ވާ ފަދަ ކުށްތަކަށް އަރައިގެންފައިވާ މީހުން ނޫން ކަމަށެވެ. އަދި ޢަދަބު ލުއި ކޮށްދެއްވި ކުށްވެރިންގެ ތެރޭގައި ހިމެނެނީ ދިގު ޖަލު ޙުކުމްތައް ތަންފީޒު ކުރަމުން ދިޔަ މީހުން ކަމަށެވެ.
ރައީސް ބައިޑަން ގިނަ ޢަދަދެއްގެ މީހުންނަށް މަޢާފު ދެއްވާ އަދަބު ލުއި ކޮށްދެއްވާފައި މި ވަނީ މިދިޔަ ހަފުތާގެ ތެރޭގައި އޭނާގެ އަމިއްލަ ދަރިކަލުން, ހަންޓަރ ބައިޑަނަށް ޝަރުތަކާ ނުލައި މަޢާފު ދެއްވާފައި ވަނިކޮށެވެ. މީގެ ކުރިން މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ވެސް ހިމެނިފައިވާ ހަންޓަރގެ ޓެކުހާއި ހަތިޔާރާ ގުޅޭ ޝަރުޢީ މައްސަލަަތަކެއްގެ ތެރެއަށް ވަދެވަޑައިނުގަންނަވާނެ ކަމަށް ކުރިން ވަޢުދުވެ ވަޑައިގެންފައިވާ ބައިޑަން އޭނާގެ ދަރިކަލުންނަށް މަޢާފު ދެއްވުމުން ގިނަ ބައެއްގެ ފާޑުކިޔުން އޭނާއަށް އަމާޒުވިއެވެ. އަދި އަމިއްލަ ދަރިކަލުންނަށް މަޢާފު ދެއްވި ބީދައިން ހައްޤަކާ ނުލައި ޢަދަބު ލިބެމުންދާ މީހުންނަށް ވެސް މަޢާފު ދެއްވުމަށް ގިނަ ޢަދަދެއްގެ މީހުން ދިޔައީ ގޮަވައިލަމުންނެވެ.
ރައީސް ބައިޑަން ޢަދަބު ލުއި ކޮށްދެއްވާފައި ވަނީ ކޯވިޑް-19ގެ އާލަމީ ބަލިމަޑުކަމުގެ ދުވަސްވަރު ގޭ ބަންދަށް ލާފައިވާ މީހުންނަށެވެ. އަދަބު ލުއި ކޮށްދެއްވަން ނިންމެވި ސަބަބު ސާފު ކޮށްދެއްވަމުން ބައިޑަން ވިދާޅުވީ މިހާރުގެ ޙާލަތުގައި އެމީހުންގެ މައްސަލަ ބަލައި ޙުކުމް ކުރާ ނަމަ އެމީހުންގެ ޙުކުމް އެހައި ހަރުކަށި ނުވާނެ ކަމަށެވެ.
ބައިޑަން ވިދާޅުވީ އެމެރިކާގެ ރައީސްގެ ހައިޞިއްޔަތުން، ކުރެވިފައިވާ ކުށާމެދު ހިތާމަކުރާ މީހުންނަށާއި އުޅުން ބަދަލު ކޮށްފައިވާ މީހުންނަށް މަޢާފު ދެއްވުމަކީ އެމަނިކުފާނަށް ލިބިވަޑައިގެންފައިވާ ޝަރަފެއް ކަމަށެވެ. އެ މީހުންނަށް ޢާންމު ދިރިއުޅުމަށް އަލުން އަނބުރާ ރުޖޫޢަވެ މުޖުތަމަޢުއަށް ފައިދާ ހުރި ބައެއްގެ ގޮތުގައި ނިކުތުމަށް ފުރުޞަތު ހޯދައި ދެއްވުމަކީ އެކަމާ އުފާ ކުރައްވައި ކަމެއް ކަމުގައި ވިދާޅުވިއެވެ. އަދި ކުށް ކުރާ މީހުންގެ ތެރެއިން އަނިޔާވެރި ކުށްތައް ކުރާ މީހުންނާއި އެ ނޫން ކުށްތައް ކުރާ މީހުންނާ ދެމެދު ޢަދަބު ދިނުމުގައި ފަރަޤެއްް އޮންނަން ޖެހޭނެ ކަމަށް އެ މަނިކުފާނަށް ޤަބޫލު ކުރައްވާ ކަމަށް ވެސް ވިދާޅުވިއެވެ. ވެރިކަމުގެ ބާކީ އޮތް ދުވަސްތަކުގައި އަދަބު ލުއިކޮށް ދިނުމަށް އެދި ލިބިފައިވާ ހުށަހެޅުންތައް އިތުރަށް ބައްލަވާނެ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.
ވައިޓް ހައުސުން ބުނީ ބައިޑަން އަދަބު ލުއި ކޮށްދެއްވި ޢަދަދަކީ މިހާތަނަށް އެއް ދުވަސް ތެރޭގައި އެންމެ ގިނަ ބަޔަކަށް އަދަބު ލުއި ކޮށްދެއްވި ޢަދަދު ކަމަށެވެ.