ޔުއެފާ ކޮންފަރެންސް ލީގުގައި އަސްތާނާއާ ދެކޮޅަށް ކުޅުނު މެޗު 3-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް، މުބާރާތުގެ ދެވަނަ ބުރުގެ ޖާގައެއް ޗެލްސީން ކަށަވަރުކޮށްފިއެވެ.
ކަޒަކިސްތާނުގައި މައިނަސް 11 ޑިގްރީގައި ކުޅުނު މި މެޗު ކާމިޔާބު ކުރުމާއެކު ޗެލްސީ އަށް ވަނީ މި މުބާރާތުގައި މިހާތަނަށް ކުޅުނު 5 މެޗުވެސް ކާމިޔާބުކޮށް ޖުމްލަ 15 ޕޮއިންޓާއެކު ތާވަލުގެ އެއްވަނަ ލިބިފަ އެވެ. އަސްތާނާ އަށް ފަސް މެޗުން ލިބިފައިވާ 4 ޕޮއިންޓާއެކު އެ ޓީމު އޮތީ 28 ވަނައިގަ އެވެ.
ޗެލްސީގެ ކޯޗު އެންޒޯ މަރެސްކާ ވަނީ 8 ގަޑިއިރުގެ ދިގު ދަތުރެއް ލަންޑަނުން އަސްތާނާއަށް ކުރަން ޖެހުމާއި ގުޅިގެން އެ ޓީމުން ފުރަތަމަ ޓީމުގެ ގިނަ ކުޅުންތެރިންނަށް އަރާމު ކުރަން ފުރުސަތު ދިނުމުގެ ގޮތުން މި މެޗުގައި ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދީފަ އެވެ. އަދި އެންމެ ފަހުން އެ ޓީމު ކުޅުނު މެޗަށް ނެރުނު ޓީމަށް 10 ބަދަލު ގެނެސްފައިވާއިރު ފުރަތަމަ ޓީމުން ފުރުސަތު ދީފައިވަނީ ނެޓޯ އަށް އެކަނި އެވެ. ނަމަވެސް އޭނާވެސް ފަހުން ވަނީ ބަދަލުކޮށްފަ އެވެ.
ޗެލްސީން މުޅި މެޗު ޑޮމިނޭޓްކޮށްގެން ކުޅެފައިވާ މި މެޗުގެ 14 ވަނަ މިނިޓުގައި މާކް ޖިއޫ ވަނީ ލަނޑެއް ޖަހާ ޗެލްސީއަށް ކުރި ހޯދަދީފަ އެވެ. އަދި އޭގެ ހަތަރު މިނިޓު ފަހުން ޖިއޫ ގޯލަށް ފޮނުވާލަން މަސައްކަތް ކުރި ބޯޅައެއް އަސްތާނާގެ ކުޅުންތެރިއެއްގެ ގައިގައި ޖެހިފައިވަނީ ގޯލުގެ ތެރެއަށް ވަދެގެން މެޗުގެ ނަތީޖާ 2-0 އަށް ބަދަލުވެފަ އެވެ.
މި މެޗުގައި ޗެލްސީގެ ބަދަލު ކުޅުންތެރިން ފެނިގެންދިޔަ ނަމަވެސް ޗެލްސީން ވަނީ 39 ވަނަ މިނިޓުގައި އިތުރު ލަނޑެއް ކާމިޔާބުކޮށްފަ އެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ރެނާޓޯ ވެއިގާ އެވެ.
މި މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމުމުގެ ކުރިން އަސްތާނާގެ ޓޮމަސޯވް ވަނީ ލަނޑެއް ޖަހާފަ އެވެ. މިއީ ފުރަތަމަ ހާފުގައި އެ ޓީމަށް އުފެއްދުނު ދެވަނަ ހަމަލާ އެވެ. މެޗުގެ ދެވަނަ ހާފުގައި ލަނޑު ޖަހާނެ ރަގަޅު ފުރުސަތުތަކެއް ޗެލްސީއަށް ލިބުނު ނަމަވެސް އެ ޓީމަށް ލަނޑެއް ކާމިޔާބު ކުރެވޭ ގޮތްވަނީ ނުވެފަ އެވެ.
މި މުބާރާތުގެ ފުރަތަމަ ބުރުގައި މި މަހުގެ 19 ވަނަ ދުވަހު ޗެލްސީ ނިކުންނާނީ އަޔަލޭންޑްގެ ޝެމްރޮކް ރޯވާސް އާއި ދެކޮޅަށެވެ.