ރަޝިޔާއިން ޔޫކްރެއިންގެ އިންޖީނުގެތަކާއި ކަރަންޓުގެ ޚިދުމަތް ދިނުމަށް ބޭނުން ކުރާ ވަސީލަތްތަކަށް އަމާޒުކޮށް ނުރައްކާތެރި ޙަމަލާތަކެއް ދީފިއެވެ. ޔޫކްރެއިނުން ބުނީ، މިސައިލް ބޭނުން ކޮށްގެން ޙަމަލާތައް ދީފައި ވަނީ ހެނދުނު އޮފީސްތަކާއި މަދަރުސާތައް ހުޅުވި ގަޑިއާ ދިމާކޮށް، ކަޅު ކަނޑުގެ އައްސޭރިފަށުގައި އޮތް އޮދެއްސާ އަދި ހުޅަނގުގައި އޮތް ރަށްތަކަށް ކަމުގައެވެ. މިއީ، ޔޫކްރެއިންގެ ކަރަންޓު ވިއުގައަށް ގެއްލުން ދިނުމަށް ރަޝިޔާއިން ފަށާފައިވާ ކެމްޕޭންގެ ދަށުން ދީފައިވާ ޙަމަލާތަކެކެވެ.
ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ފަށާފައި ވަނީ މީގެ 34 މަސް ކުރިންނެވެ. މި ހަނގުރާމައިގެ ދަށުން ރަޝިޔާއިން ޔޫކްރެއިނަށް ދެމުން ގޮސްފައިވާ ޙަމަލާތަކުގެ ތެރެއިން ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި އެ ޤައުމުގެ އިންޖީނުގެތަކާއި ކަރަންޓުގެ ޚިދުމަތް ދިނުމަށް ބޭނުންވާ ކުރާ ވަސީލަތްތަކަށް ގިނަ ޙަމަލާތަކެއް އަމާޒުކޮށްފައިވެއެވެ. އެ ޙަމަލާތަކުގައި ބޮޑެތި ގެއްލުންތަކެއް ލިބި، ގިނަ ސަރަޙައްދުތަކުން ކަރަންޓުގެ ޚިދުމަތް މެދުކެނޑި، އެތަކެއް މިލިޔަން ބަަޔަކަށް ކަނު އަނދިރީގައި ދިރިއުޅެން މަޖުބޫރުވިއެވެ.
"ރަޝިޔާއިން އުޅެނީ ހަކަތައިގެ ޙައްޤުން އަޅުގަނޑުމެން މަހުރޫމު ކުރުވަން. އޭގެ ބަދަލުގައި، ރަޝިޔާގެ އަނިޔާވެރިކަން ހިންގަން ރަޝިޔާއިން ބޭނުން ކުރާ ވަސީލަތްތައް ނައްތައިލަން ޖެހޭ. [ހުޅަނގުގެ ބާރުތަކުން] ވަޢުދުވެފައިވާ 20 ވައިގެ ދިފާޢީ ނިޒާމު ވީ އެންމެ އަވަހަކަށް [ޔޫކްރެއިނަށް] ފޯރުކޮށްދިނުމަށް އަޅުގަނޑު ތަކުރާރުކޮށް ގޮވައިލަން،" ޔޫކްރެއިންގެ ޚާރިޖީ ވަޒީރު އަންދްރީ ސީބީހާ ވިދާޅުވިއެވެ.
ރަޝިޔާއިން އެންމެ ފަހުން ދީފައިވާ ޙަމަލާތަކުގައި ވެސް ކަރަންޓުގެ ޚިދުމަތް ދިނުމަށް ބޭނުން ކުރާ ވަސީލަތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. ނަމަވެސް، އެއްވެސް މީހެއްގެ ފުރާނައަށް ނުރައްކާވި ކަމުގެ ރިޕޯޓެއް ކޮށްފައެއް ނެތެވެ. ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދޭ ކުންފުނި، ޔާސްނޯން ބުނީ، އެ ކުންފުނީގެ 3.5 މިލިޔަން ކަސްޓަމަރުންގެ ތެރެއިން ދެބައިކުޅަ އެއްބައި މީހުން މި ވަގުތު ދިރިއުޅެމުން ދަނީ ކަރަންޓުގެ ޚިދުމަތާ ނުލައި ކަމުގައެވެ. ރަޝިޔާގެ އެންމެ ފަހުގެ ޙަމަލާތަކާ ގުޅިގެން، ގިނަ ސަރަޙައްދުތަކަކުން ކަރަންޓުގެ ޚިދުމަތް މެދުކެނޑޭނެ ކަމުގެ އިންޒާރު، ޔޫކްރެއިންގެ ކަމާ ގުޅޭ އިދާރާތަކުން ވެސް ވަނީ ކޮށްފައެވެ.
ޔޫކްރެއިންގެ ހުޅަނގުގައި އޮތް ލިވީވް ސަރަޙައްދަށް ވެސް ރަޝިޔާއިން ވަނީ ނުރައްކާތެރި ޙަމަލާތަކެއް ދީފައެވެ. އޭގެ ތެރެއިން ގިނަ ޙަމަލާތައް ވެސް އަމާޒު ކޮށްފައި ވަނީ އިންޖީނުގެތަކާއި ކަރަންޓުގެ ޚިދުމަތް ދިނުމަށް ބޭނުން ކުރާ ވަސީލަތްތަކަށެވެ. ޔޫކްރެއިންގެ ޢާންމުންނަށް ޚިދުމަތް ދިނުމަށް ބޭނުން ކުރާ ވަސީލަތްތަކަށް ރަޝިޔާގެ ޙަމަލާތައް އަމާޒު ކުރަމުންދާ ކަމަށް އެ ޤައުމުން ކުރާ ތުހުމަތުތައް ރަޝިޔާއިން ދޮގު ކުރެއެވެ. ނަމަވެސް، ލިވީވްގެ އޮފިޝަލުން ބުނީ، ރަޝިޔާއިން އެންމެ ފަހުން ދީފައިވާ ޙަމަލާތަކުގައި ހަކަތަ އުފެއްދުމުގެ ދާއިރާއަށާއި ވަސީލަތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމުގައެވެ.
ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި، ރަޝިޔާއިން ވަނީ ތަފާތު 11 ފަހަރެއްގެ މަތިން ޔޫކްރެއިންގެ ހަކަތަ އުފެއްދާ ނިޒާމުތަކަށް އަމާޒުކޮށް ބޮޑެތި އަދި ގިނަ ޙަމަލާތަކެއް ދީފައެވެ. އެ ޙަމަލާތަކާ ގުޅިގެން ލިބުނު ގެއްލުންތަކުގައި ގިނަ ސަރަޙައްދުތަކަކުން ކަރަންޓުގެ ޚިދުމަތް ކެނޑުނެވެ. ރަޝިޔާއިން އެންމެ ފަހުން ދީފައިވާ މިސައިލް ޙަމަލާތަކުގެ ކުރިން، ޔޫކްރެއިންގެ ރަށްތަކަށް އަމާޒުކޮށް އަސްކަރީ ޑްރޯން ބޭނުން ކޮށްގެން ވެސް ނުރައްކާތެރި ޙަމަލާތަކެއް ދީފައިވާ ކަމުގައި ޔޫކްރެއިނުން ބުންޏެވެ.
ރަޝިޔާއިން މިސައިލާއި ޑްރޯން ބޭނުން ކޮށްގެން ޔޫކްރެއިންގެ ރަށްތަކަށް އަމާޒުކޮށް ނުރައްކާތެރި ޙަމަލާތަކެއް ދީފައި މި ވަނީ، ޔޫކްރެއިންގެ ފައުޖުތަކާ ދެކޮޅަށް ހަނގުރާމަ ކުރަމުންދާ ރަޝިޔާގެ ސިފައިން ހަނގުރާމައިގެ މައިދާނުގައި ބޮޑެތި ކާމިޔާބީތަކެއް ހޯދަމުންދާ ދަނޑިވަޅެއްގައެވެ. ރަޝިޔާގެ ސިފައިން އެންމެ ބޮޑެތި ކުރިއެރުންތަކެއް ހޯދަމުން ދަނީ ޔޫކްރެއިންގެ އިރުމަތީގައި އޮތް ދޮންބާސްގައެވެ. އެއީ، ސިނާޢީ މަސައްކަތް ކުރާ ގިނަ ރަށްތަކެއް އޮތް ސަރަޙައްދެކެވެ.
ހަނގުރާމައިގެ ކުރީ ސަފުގެ މަޢުލޫމާތު އިނގޭ ބްލޮގަރުން ބުނީ، ޔޫކްރެއިންގެ މައި ރަށެއް ކަމުގައިވާ ޕޯކްރޮވްސްކް ހިފުމަށް ރަޝިޔާ ސިފައިން ކުރަމުންދާ މަަސައްކަތުގައި ވެސް ބޮޑެތި ކުރިއެރުންތަކެއް ހޯދަމުންދާ ކަމުގައެެވެ. މި ގޮތުން، އެ ރަށާ 1.5 ކިލޯމީޓަރު ސަރަޙައްދަކަށް ރަޝިޔާގެ ފައުޖުތަކުން ގާތްވެފައިވާ ކަމުގައި ބްލޮގަރުން ބުންޏެވެ. އޭގެ ތެރެއިން ގިނަ ސިފައިން ތިބީ ޕޯކްރޮވްސްކުގެ ދެކުނުގައެވެ. ރަޝިޔާގެ ޚާއްޞަ ފައުޖު ނުވަތަ ސްޕެޝަލް ފޯސަސްގެ ބައެއް ސިފައިން އެ ރަށުގެ ބައެއް ސަރަޙައްދުތަކަށް ވަދެފައިވާ ކަމުގައި ވެސް ބްލޮގަރުން ރިޕޯޓު ކުރިއެވެ.
މިއީ، 2020ވަނަ އަހަރަށް ފަހު ހަނގުރާމައިގެ މައިދާނުުގައި ރަޝިޔާއިން ހޯދާފައިވާ އެންމެ ބޮޑު ކުރިއެރުމުގެ ގޮތުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ސިފަކުރިއެވެ. އޮގަސްޓު މަހުގެ 6ވަނަ ދުވަހު، ޔޫކްރެއިނުން ވެސް ވަނީ ރަޝިޔާގެ ހުޅަނގުގައި އޮތް ކޫރްސްކް ސަރަޙައްދަށް ސިފައިން ފޮނުވައި، އެ ސަރަޙައްދުގެ ބައެއް ރަށްތަކާއި އަވަށްތަކަށް އަތްގަދަ ކޮށްފައެވެ. އެ ޙަމަލާތަކާ ގުޅިގެން ރަޝިޔާއިން އަމާޒު ހިފާފައި ވަނީ، ދޮންބާސްގެ މައި އެއް ސަރަޙައްދު ކަމުގައިވާ ދޮންޏެސްކުގެ ބޮޑު ބިމަކަށް ވެރިވެގަތުމަށެވެ. އެ ސަރަޙައްދުގެ %60 މި ވަގުތު އޮތީ ރަޝިޔާ ސިފައިންގެ ބާރުގެ ދަށުގައެވެ.
ރަޝިޔާ ސިފައިންގެ ބާރުގެ ދަށަށް ޕޯކްރޮވްސްކް ވެއްޓުމަކީ، ޔޫކްރެއިންގެ ދިފާޢުގައި ހަނގުރާމަ ކުރަމުންދާ ފައުޖުތަކަށް ލިބޭނެ ވަރަށް ބޮޑު ދެރައެއް އަދި ނުރައްކަލެއްގެ ގޮތުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ސިފަކުރިއެވެ. އެއާ އެކު، ޔޫކްރެއިންގެ އިރުމަތީގައި ހަނގުރާމަ ކުރަމުންދާ ސިފައިންނަށް ބޭނުންވާ ހަތިޔާރާއި އެހެނިހެން ސާމާނު ފޯރުކޮށްދިނުމަށް ޔޫކްރެއިނުން ބޭނުން ކުރާ ސަޕްލައި މަގުތައް ބަންދުވާނެއެވެ. އަދި، ޔޫކްރެއިނަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެއެވެ. މީގެ އިތުރުން، ޕޯކްރޮވްސްކް ކައިރީގައި އޮތް ޗަސިވް ޔާރް ހިފުމަށް ރަޝިޔާއިން ކުރަމުންދާ މަސައްކަތްތަކަށް ވެސް ކުރިއެރުންތަކެއް ލިބިގެންދާނެއެވެ.
ރަޝިޔާ-ޔޫކްރެއިން ހަނގުރާމައިގެ ޚަބަރުތައް ފަތުރާ ބްލޮގަރެއް ކަމުގައިވާ ޔޫރީ ޕޮދޮލަކާ ބުނީ، ޕޯކްރޮވްސްކްގެ ބައެއް ސަރަޙައްދުތަކުގައި ރަޝިޔާގެ ސިފައިން މި ވަގުތު ވެސް ހަރަކާތްތެރިވަމުންދާ ކަމުގައެވެ. އަދި، ބޮޑު ލަޝްކަރެއް އެ ރަށުގެ ދެކުނު ފަރާތުން 1.5 ކިލޯމީޓަރު ކައިރިއަށް ޖަމާ ކޮށްފައިވާ ކަމުގައެވެ. ހަނގުރާމައިގެ މައިދާނުގެ ޚަބަރުތައް ފަތުރާ އެހެން ބްލޮގަރެއް ކަމުގައިވާ ބޮރިސް ރޯޜިން ވެސް ވަނީ މި މޭރުމުން މަޢުލޫމާތު ހާމަކޮށްފައެވެ. ނަމަވެސް، މި މަޢުލޫމާތުގެ ސައްޙަކަން ކަށަވަރު ކުރެވިފައެއް ނުވެއެވެ.
ޔޫކްރެެއިންގެ އަސްކަރިއްޔާއިން ވެސް ބުނީ، ޕޯކްރޮވްސްކްގެ ދިފާޢުގައި ހަނގުރާމަ ކުރަމުންދާ ޔޫކްރެއިންގެ ފައުޖުތަކަށް އަމާޒުކޮށް ރަޝިޔާގެ ސިފައިން ވަރުގަދަ އަދި ނުރައްކާތެރި ޙަމަލާތަކެއް އަމާޒު ކުރަމުންދާ ކަމުގައެވެ. އަދި، ޔޫކްރެއިންގެ ސިފައިން ތިބި ބައެއް ސަރަޙައްދުތަކަށް އަތްގަދަ ކޮށްފައިވާ ކަމުގައެވެ.
މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުނީ، 2022ވަނަ އަހަރު ފެށި ރަޝިޔާ-ޔޫކްރެއިން ހަނގުރާމައިގެ ހާލަތު ވަރަށް ނުރައްކާތެރި ފައްތަރަކަށް ވެއްޓިފައިވާ ކަމުގައެވެ. ޔޫކްރެއިންގެ އިރުމަތީގެ ބިންތަކަށް ރަޝިޔާއިން އަތްގަދަ ކުރަމުންދާ މި ދަނޑިވަޅުގައި، އެމެރިކާއިން ފޮނުވާފައިވާ ދުރު-ރާސްތާ ހަތިޔާރުތައް ބޭނުން ކޮށްގެން ޔޫކްރެއިނުން ވެސް ދަނީ ރަޝިޔާގެ ރަށްތަކަށް އަމާޒުކޮށް ނުރައްކާތެރި ޙަމަލާތަކެއް ދެމުންނެވެ. ސަރަޙައްދީ ރޮނގު ހުރަސްކޮށް ރަޝިޔާގެ ރަށްތަކަށް އަމާޒުކޮށް ޔޫކްރެއިނުން ދެމުންދާ ޙަމަލާތަކުގައި ބޭނުން ކުރަމުން ދަނީ އެމެރިކާއިން ފޮނުވަމުންދާ އޭޓީއޭސީއެމްއެސް މަރުކާގެ މިސައިލެވެ.