ޕެރަގުއާއީގެ އެންބަސީއެއް ޔަހޫދީ ދައުލަތުން އިސްތިޢުމާރު ކޮށްފައިވާ އަލް-ޤުދްސްގައި ރަސްމީކޮށް ހުޅުވައިފިއެވެ. ޕެރަގުއާއީގެ އެންބަސީއެއް އަލް-ޤުދްސްގައި ހުޅުވައިފައި ވަނީ 2018ވަނަ އަހަރުން ފެށިގެން އެ ޤައުމުގެ އެމްބަސީ ޤާއިމު ކުރާނެ ތަނަކާ މެދު ގިނަ ޚިޔާލު ތަފާތުވުންތައް ކުރިމަތިވެފައި ވަނިކޮށެވެ.
އެތައް އަހަރެއް ވަންދެން ޕެރަގުއާއީގެ އެންބަސީ ޔަހޫދީ ދައުލަތުގެ ތެލް އަވީވުގައި ޤާއިމު ކޮށްފައި ވަނިކޮށް، 2018ވަނަ އަހަރު އެ ޤައުމުގެ އޭރުގެ ރައީސް ހޮރާސިއޯ ކާރްތޭސް ވަނީ އެންބަސީ އަލް-ޤުދްސްސަށް ބަދަލު ކުރުމަށް ޢަމުރު ކުރައްވައިފައެވެ. ނަމަވެސް އޭގެ މަސްތަކެއް ފަހުން، ކާރްތޭސަށް ފަހު އެ ޤައުމުގެ ވެރިކަމާ ޙަވާލުވެވަޑައިގެންނެވި މާރިއޯ އަބްދޯ ވަނީ އަލް-ޤުދްސްގައި ހުރި ޕެރަގުއާއީގެ އެންބަސީ އަނެއްކާވެސް ތެލް އަވީވަށް ކުއްލި ގޮަތަކަށް ބަދަލު ކުރައްވައިފައެވެ.
އަބްދޯއަށް ފަހު ޕެރަގުއާއީގެ ވެރިކަމާ މިދިޔަ އަހަރު ޙަވާލުވެ ވަޑައިގެންނެވި ސަންތިއާގޯ ޕެންޔާ ވަނީ ޔަހޫދީ ދައުލަތުގައި ހުންނަ އެ ޤައުމުގެ އެންބަސީ އަލުން އަލް-ޤުދްސްސަށް ބަދަލު ކުރައްވާނެ ކަމަށް އިޢުލާނު ކުރައްވައިފައެވެ. ޕެންޔާއަކީ ޔަހޫދީ ދައުލަތުގެ ނިރުބަވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ ގާތް ގުޅުމެއް އޮންނަ ކުރީގެ ރައީސް ކާރްތޭސްސާ ގާތް ބޭފުޅެކެވެ. ދެ ބޭފުޅުންނަކީ ވެސް ޕެރަގުއާއީގެ ކޮލޮރާޑޯ ޕާޓީއަށް ނިސްބަތްވެ ވަޑައިގަންނަވައި ދެ ބޭފުޅުންނެވެ.
ނިރުބަވެރި ނަތަންޔާހޫ ވެސް ބައިވެރިވި އެންބަސީ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ޕެންޔާ ވިދާޅުވީ އަލް-ޤުދްސަށް އެމްބަސީ އަލުން ބަދަލުކުރުމަކީ އެ ޤައުމާއި ޔަހޫދީ ދައުލަތާ ދެމެދު އޮންނަ ގުޅުމާއި އެއްގޮތް ފިކުރުތައް ރަމްޒު ކޮށްދޭ ކަމެއް ކަމަށެވެ. އޭނާގެ ވާހަކަގައި ޔަހޫދީ ދައުލަތުން އަލް-ޤުދްސްގެ ހަޤީޤީ މިލްކުވެރިން ކަމަށްވާ ފަލަސްޠީނުގެ ރައްޔިތުންނަށް ދެމުންދާ ލާއިންސާނީ އަނިޔާތަކުގެ ވާހަކަ، އަދި ލުބުނާނާއި ސޫރިޔާގައި ޔަހޫދީ ދަޢުލަތުން ހަމަނުޖެހުން އިތުރު ކުރުމަށް ކުރަމުންދާ މަސައްކަތްތަކާ ބެހޭ ގޮތުން އެއްވެސް އެއްޗެއް ބުނެފައި ނުވެއެވެ.