ޤާނޫނު އަސާސީއަށް ގެނައި އިސްލާހާއެކު މެންބަރުންނަށް ރައްޔިތުންގެ އިތުބާރާއި ޔަޤީންކަން ލިބެމުންދާކަމަށް ހުޅުދޫ ދައިރާގެ މެންބަރު މުޙައްމަދު ޝާހިދު ވިދާޅުވެއްޖެއެވެ.
މެންބަރު ޝާހިދު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ މަސައްކަތް ނިމުމާއި ގުޅިގެން ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުންނެވެ.
ނިމިދިޔަ ދައުރުގައި ކުރެވުނު މުހިންމު މަސައްކަތްތަކާ ގުޅޭގޮތުން މެންބަރު ޝާހިދު ވަނީ ނިމިދިޔަ ދައުރުގެ ތެރޭގައި ޤާނޫނު އަސާސީއަށް ގެނެވުނު އިސްލާހާއި ގުޅޭގޮތުން ވާހަކަ ދައްކަވާފައެވެ. ޤާނޫނު އަސާސީއަށް 5 އިސްލާހެއް ގެނެވުނު ނަމަވެސް އިދިކޮޅުން ރައްޔިތުންނަށް އޮޅުވާލުމުގެ ބޭނުމުގައި ފާހަގަކުރަނީ އެންމެ އިސްލާހެއްކަމަށް މެންބަރު ޝާހިދު ވިދާޅުވިއެވެ.
މެންބަރުން ޕާޓީ ބަދަލުކުރުމާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ޕާޓީގެ ޑިޕިއުޓީ ޕީޖީ ލީޑަރުކަންވެސް ކުރައްވާ ޝާހިދު ވިދާޅުވީ މިއީ ޤާނޫނު އަސާސީން ބާރުލިބެންޖެހޭ ކަމެއްގެ ގޮތުގައި ދެކެވަޑައިގަންނަވާ ކަމަށެވެ. އެގޮތުން ރައްޔިތުން އިތުބާރުކޮށް އިންތިޚާބުކުރާ މެންބަރެއްގެ ގޮތުގައި ހުރެ ރައްޔިތުންނަށް ފުރަގަސްދީފައި ދާން ބޭނުން ނުވާ ކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑުމެން ބޭނުން އެބަވޭ އަޅުގަނޑުމެން ހޮވިގެން އައި ޕާޓީގެ މެންބަރެއްގެ ގޮތުގައި ތިބެ ދައުރު ހަމަވާން. އެ ޔަޤީންކަންވެސް އަޅުގަނޑުމެންނަށް އޮންނަން އެބަޖެހޭ. އެއީ އިންސާނުންނަށް ވީތީ އެކި ޚިޔާލުތައް ހުންނާނީ. އަޅުގަނޑުމެންގެ ތެރޭގައި ތަފާތު ޚިޔާލުތައް ހުންނާނެ. އަޅުގަނޑުމެން ބަހުސްވެސް ކުރާނަން. ޕާޓީގެ ތެރޭގައި ޕާލަމެންޓަރީ ގްރޫޕް ތެރޭ ހުންނަ މައްސަލައް އަބަދުވެސް މަޝްވަރާކުރާނަން. މަޝްވަރާކޮށްގެން ހައްލުހޯދައިގެން ކުރިއަށްދާނީ" ޝާހިދު ވިދާޅުވިއެވެ.
މެންބަރު ވިދާޅުވި ގޮތުގައި ޕީއެންސީގެ އެތެރޭގައި ޚިޔާލު ތަފާތުވިކަމުގައިވީނަމަވެސް މަޝްވަރާކުރެވޭ ކަމާށެވެ. ރައީސުލްޖުމްހޫރިއްޔާ އާއި ޕާޓީ ލީޑާޝިޕުންވެސް އެކަމަށް ފުރުޞަތުދެއްވާ ކަމަށެވެ.
އިދިކޮޅުން މިކަމާއި ގުޅޭގޮތުން ވާހަކަތައް ފަތުރަނީ މެންބަރުން ވިކޭ ބައެއްގެ ގޮތުގައި ދެއްކުމުގެ ބޭނުމުގައި ނަމަވެސް ޤާނޫނަށް ބަދަލުގެނައުމަކީ ހަޤީޤަތުގައިވެސް ކުރަން ޖެހިފައިއޮތް ކަމެއްކަމަށް މެންބަރު ޝާހިދު ވިދާޅުވިއެވެ.
"މިއީ ކުރަން ޖެހޭ ކަމެއް. ޤާނޫނު އަސާސީއަށް ގެންނަން ޖެހޭ އިސްލާހެއް ގެނެވިގެން މިދިޔައީ. އަޅުގަނޑުމެން އުފާކުރަން އަޅުގަނޑުމެން އެއްގޮތަކަށްވެސް ދެކޮޅު ހަދާކަމެއް ނޫން މިއީ. އެންމެންވެސް ބޭނުންވަނީ ނަޒާހާތްތެރި ޕާޓީއަށް އިޙުލާސްތެރި މެންބަރުންގެ ގޮތުގައި ތިބެން" ޝާހިދު ވިދާޅުވިއެވެ.
މެންބަރު ޝާހިދުގެ ވަނީ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ޤާނޫނު އަސާސީއަށް މިގެނައި އިސްލާހަކީ ހަޤީޤީ މާނައިގައި ރައްޔިތުންނަށް ބާރުލިބިގެންދިޔަ އިސްލާހުތަކެއް ކަމަށް ވިދާޅުވެފައެވެ. އެގޮތުން އިޤްތިޞާދީ ސަރަހައްދު ކަނޑައެޅުމާއި މިނިވަންކަމާއި އިސްތިޤްލާލު ހިމާޔަތް ކުރުމަށް މި އިސްލާހުތަކުގެ މުހިންމުކަން ޝާހިދު ފާހަގަކުރެއްވިއެވެ.