ބުރާސްފަތި ދުވަހު ހިނގި އަލިފާނުގެ ހާދިސާގެ ފުރިހަމަ ތަޙްޤީގެއް ކުރާނެކަމަށާއި އެ ތަޙްޤީގަށް ބޭރުން ޚާއްސަ ޓީމެއްގެ އެހީތެރިކަން ހޯދާނެކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާޢު ވިދާޅުވެއްޖެއެވެ.
އަލިފާނުގެ ހާދިސާއާ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަނަރ އޮފް ޕޮލިސް ޝުޖާއު ވިދާޅުވީ އަލިފާނުގެ ހާދިސާގެ ފުރިހަމަ ތަހުގީގެއް ހިންގާނެކަމަށެވެ. އަދި އެ ތަހުޤީގު ކުރިއަށް ގެންދިއުމަށްޓަކައި ރާއްޖެއިން ބޭރުގެ ޓީމެއްގެ އެހީތެރިކަން ހޯދަން ނިންމާފައިވާ ކަމަށް ކޮމިޝަނަރ ވިދާޅުވިއެވެ.
ކޮމިޝަނަރ ޝުޖާއު ވިދާޅުވީ ކުރިއަށް އޮތް ދެތިން ދުވަހުގެތެރޭގައި ބޭރުގެ އެ ޓީމަށް ދިވެހި ފުލުހުންގެ ތަހުޤީގީ ޓީމާއެކު މަސައްކަތުގައި ބައިވެރިވެވޭނެ އިންތިޒާމް ހަމަޖެއްސުމަށްޓަކައި ސަރުކާރުގެ ތެރެއިން ކުރަން ޖެހޭ ކަންކަން ކުރަމުންދާ ކަމަށެވެ. އަދި ބޭރުގެ ތަހުޤީގީ ޓީމާއެކު ކުރެވޭ މަސައްކަތުން ހާދިސާ ހިނގައިދިޔަ ގޮތް ދެނެގަނެވޭނެކަމުގެ ޔަގީންކަން އެބައޮތް ކަމަށް އޭނާ ވިދާޅުވިއެވެ.
"ބޭނުމަކީ މިވަރުގެ ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގި ގޮތް ރައްޔިތުންނަށްވެސް އެނގެން ބޭނުންވާނެ. އަދި އެއާއެއްކޮށް ކުރިއަށް އޮތް ތަނުގަ މިފަދަ ހާދިސާތަކުން ރައްކާތެރިވުމަށްޓަކައިވެސް މިގޮތަށް ހިންގޭ ތަހުގީގުތަކުން ލިބޭ މައުލުމާތަކީ މުހިއްމު މައުލޫމާތަކަށް ވާނެތީ" ކޮމީޝަނަރ އޮފް ޕޮލިސް ވިދާޅުވިއެވެ.
ދިވެހި ފުލުހުންގެ ފަރާތުން މިހާރުވެސް އެ ހާދިސާގެ ތަހުގީގު އަންނަނީ ކުރަމުންނެވެ. އެކަމާ ގުޅޭގޮތުން ސީޕީ ވިދާޅުވީ އަލިފާނުގެ ހާދިސާ ހިނގި ސަރަޙައްދުގައި ފޮރެންސިކް ޓީމްތަކުން ހަރަކާތްތެރިވަމުން އަންނަ ކަމަށާއި، މުހިއްމު ސާމްޕަލްތައް ނެގުމާއި ތަނުގެ ވަށައިގެން ހުރި ސީސީޓީވީ ފުޓޭޖްތައް ތަހުލީލްކުރުމުގެ މަސައްކަތްތައްވެސް ކުރިއަށްދާކަމަށް ސީޕީ ވިދާޅުވިއެވެ.
ސީޕީ ޝުޖާއު ވިދާޅުވީ މި ހާދިސާއާ ގުޅިގެން އެންމެ ފުރަތަމަ މަންޒަރު ދުށްމީހުންގެ ބަޔާންތައް ނެގުމުގެ މަސައްކަތާއި ހާދިސާގެ މައުލުމާތު އެންމެ ފުރަތަމަ ލިބޭނެ ކަމަށް ގަބޫލުކުރެވޭ މީހުންނާ ސުވާލުކުރުމުގެ މަސައްކަތްވެސް ކުރިއަށްދާކަމަށެވެ.
ސީޕީ ވަނީ އެ ހާދިސާއާ ގުޅޭ އިތުރު މައުލޫމާތެއް ލިބިފައިވާނަމަ ހިއްސާ ކުރުމަށް އެދިވަޑަިއގެން އެކަމަށް ފަސޭހަ ނިޒާމެއް ހަމަޖައްސަވާނެކަމަށް ވިދާޅުވެފައެވެ.
އަލިފާނުގެ ހަދިސާއާ ގުޅިގެން މަޢުލޫމާތު ދެއްވަމުން ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އިބްރާހީމް ހިލްމީ ވިދާޅުވީ ބުރާސްފަތި ދުވަހުގެ ހެނދުނު 6:30 ހާއިރު ހާދިސާ ހިނގައިގެން އުޅޭ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމަށް ފުރަތަމަ ޓީމްގެ މަސައްކަތް ފެށި ކަމަށެވެ.
އޭރު ވަރަށް ބޮޑަށް ދުން އަރަމުންދިޔަ ކަމަށާއި އަލިފާނުގެ ނިޝާނެއް ފެންނަން ނެތުމުން ތާމަލް ކެމެރާއެއްގެ އެހީގައި އަލިފާން ހިފާފައި ހުރި ތަންތަން ދެނެގަނެ އަލިފާން ނިއްވަން ފެށި ވަގުތު އަލިފާން ފަޅައިގެން ގޮސް ފެތުރެން ފެށި ކަމަށް ހިލްމީ ވިދާޅުވިއެވެ. ހިލްމީ ވިދާޅުވީ އެއާއެކު އެތެރޭގައި ތިބުމަކީ އެންމެ ރައްކާތެރިކަމަކަށް ނުވާތީ ޓީމުތައް ބޭރަށް ނިކުމެ އަލިފާން ނިއްވުމުގެ މަސައްކަތް އަނެއްކާވެސް ފެށިކަމަށެވެ.
"އަޅުގަނޑުމެން އެންމެ ބޮޑު އިސްކަމެއް ދިނީ މީގައި އެއްވެސް މީހެއްގެ ފުރާނައަށް ގެއްލުމެއް ނުލިބި އަދި ރައްޔިތުންގެ މުދަލަށްވެސް ގެއްލުމެއް ނުލިބި ކޮންޓްރޯލް ކުރުމަށް." ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އިބްރާހީމް ހިލްމީ ވިދާޅުވިއެވެ.
ބުރާސްފަތި ދުވަހު ހެނދުނު ސަރުކާރުގެ ރަސްމީ ގަޑި ފެށުމުގެ ކުރިން ހިނގި އަލިފާނުގެ ހާދިސާގައި އިމާރާތް ކުރުމާ ބެހޭ ވުޒާރާއާއި ގެދޮރުވެރިކަމާ ބެހޭ ވުޒާރާގެ އިތުރުން ތިމާވެއްޓާ ބެހޭ ވުޒާރާއަށް ގެއްލުންތައް ވަނީ ލިބިފައެވެ. މި ހަދިސާގާއި އަލިފާންގަނޑު މުޅިން ކޮންޓްރޯލް ކުރެވިފައިވަނީ އެދުވަހުގެ ހަވީރުއެވެ.