އަރިއަތޮޅު ދެކުނުބުރީ ހަންޏާމީދޫ އާއި ކުނބުރުދޫއަށް ވެވަޑައިގެންނެވި ވައުދުތައް ފުއްދަވައިދެއްވާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
އެމަނިކުފާނު މިކަން ހާމަކުރެއްވީ އަރިއަތޮޅު ދެކުނުބުރިއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ދެ ރަށުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކާ ބައްދަލުކުރައްވައެވެ.
ހަންޏާމީދު ކައުންސިލާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި އެ ކައުންސިލުން ވަނީ ގޮނޑުދޮށް ހިމާޔަތްކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ. އަދި ކުޅިވަރުގެ ދާއިރާ ކުރިއެރުވުމަށް ބޭނުންވާކަމަށާއި ސުކޫލުގެ ހާލަތު ރަނގަޅުކުރުމަށް ބޭނުންވާކަމަށާއި ޒަމާނީ ކުނި ކޮށްޓެއް ތަރައްޤީކޮށްދެއްވުމަށްވެސް ކައުންސިލުން އެދިވަޑައިގެންނެވިއެވެ.
މީގެއިތުރުން ރަށުގެ ސަޤާފަތާ ތަރިކަ ރައްކާކޮށް، އެކަމުން ރަށަށް މަންފާކުރާނެ ގޮތެއް ބޭނުންވާކަން ފާހަގަކުރައްވާ އެކަން ކުރުމަށް ރައްޔިތުން އެދޭގޮތް ކައުންސިލުން ޙިއްޞާކުރެއްވިއެވެ. އަދި އެ ރަށުގެ ދޯނި އެހެލާ ސަރަހައްދަށް ގެންނަންބޭނުންވާ ބަދަލުތައް ވެސް ކައުންސިލުން ރައީސާ ޙިއްޞާކުރެއްވިއެވެ.
މިބައްދަލުވުމުގައި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއިން ވަނީ ޕިކްނިކް ދާނެ ރަށެއް ހަންޏާމީދޫ ކައިރީގައި ނެތުމުން އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އަދި ރަށުގެ ހިނަވާގޭގެ މަސައްކަތް ނިންމުމަށް ސަރުކާރުން އެހީތެރިކަން ބޭނުންވާކަން ފާހަގަކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވައި އެކަންކަން ކައުންސިލުން ފާހަގަކުރެއްވި ގޮތަށް ކުރިއަށްދިއުމަށް މަސައްކަތްކުރައްވާނެކަމަށެވެ. އަދި ވަޢުދުވެވަޑައިގެންފައިވާ ކަންކަން ކުރިއަށްދާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ކުނބުރުދޫ ކައުންސިލާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި އެ ކައުންސިލުން ވަނީ ރާއްޖޭގެ ރައީސަކު އެރަށަށް ޒިޔާރާތްނުކުރާތާ 15 އަހަރުވެފައިވާކަން ކަންބޮޑުވުމާއެކު ފާހަގަކުރައްވާފައެވެ. އަދި ކައުންސިލުން ވަނީ ރަށުގެ ސުކޫލު ހާލަތު ރަނގަޅުކުރުމަށް ބޭނުންވާކަމަށާއި ބަނދަރު ބޮޑުކުރުމަށް ބޭނުންވާކަމުގައި ފާހަގަކުރައްވާފައެވެ.
އެ ރަށުގެ ކުނި ނެގުމާއި ކުނި ނައްތާލުމުގެ މައްސަލައަށް ހައްލު ބޭނުންވާކަމަށާއި ރަށުގެ ކުޅިވަރުގެ ދާއިރާ ހަރުދަނާކުރުމަށް ބޭނުންކަމުގައި ވެސް ކައުންސިލުން ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ކުނބުރުދޫ ރައްޔިތުންނަށް އެންމެ ބޭނުންވާ އެންމެ މުހިންމުކަމަކީ ބޯހިޔާވަހިކަންކަމުގައި ކައުންސިލުން ވިދާޅުވިއެވެ.
މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެމަނިކުފާނު ވަޢުދުވެވަޑައިގެންނެވި ކަންކަން ކުރިއަށްދާނެކަމުގެ ޔަގީންކަން ދެއްވާފައެވެ. އަދި ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވައި އެ މަސައްކަތްތައް ކުރިއަށްގެންދަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މިއަދުގެ ބައްދަލުކުރެއްވުންތަކުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން ވަނީ ކުނބުރުދޫގެ ތަރައްޤީއަށް ކުރިއަށްގެންދާ މަޝްރޫޢުތަކުގެ އެންމެ ފަހުގެ މަޢުލޫމާތުތައް ޙިއްޞާކުރައްވާފައެވެ.