ޚަބަރު

ސައުތެމްޓަންގެ ކޯޗު މާޓިން މަގާމުން ވަކިކޮށްފި


ޕްރިމިއާ ލީގުގެ ކްލަބް ސައުތެމްޓަންގެ ކޯޗު ރަސެލް މާޓިން މަގާމުން ވަކިކޮށްފި އެވެ.

މާޓިން މަގާމުން ވަކިކޮށްފައިވަނީ ލީގުގައި ރޭ ޓޮޓްނަމް ހޮޓްސްޕަރ އާއި ދެކޮޅަށް ކުޅުނު މެޗުން 5-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން އެ ޓީމު ވަލިވިތާ ގިނަ އިރުތަކެއް ނުވަނީހެވެ. މިއީ މި ސީޒަނުގައި ސައުތެމްޓަން ބަލިވި 13 ވަނަ މެޗެވެ.

ޕްރިމިއާ ލީގުގައި މިހާތަނަށް ސައުތެމްޓަން އިން 16 މެޗު ކުޅެފައިވާއިރު އެ ޓީމަށް ލިބިފައިވަނީ އެންމެ ފަސް ޕޮއިންޓެވެ. އަދި ތާވަލުގެ ފުލުގައި އެ ޓީމު މިހާރު އޮތް އިރު 19 ވަނައިގައި އޮތް ވޮލްވްސް އާއި ދެމެޗުވެސް ހަތަރު ޕޮއިންޓުގެ ފަރަގެއް އެބައޮތެވެ.

އުމުރުން 38 އަހަރު މާޓިން ވަނީ މިދިޔަ ސީޒަނުގައި ޗެމްޕިއަންޝުޕުން ސައުތެމްޓަން ޕްރިމިއާ ލީގަށް ކޮލިފައިކޮށްދީފަ އެވެ. ނަމަވެސް ޕްރިމިއާ ލީގުގައި އެ ޓީމަށް މޮޅުވެވިފައިވަނީ ހަމައެކަނި އެވަޓަން އަތުން މިދިޔަ ނޮވެމްބަރ މަހު އެވެ.

ސައުތެމްޓަން އިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ މި ސީޒަން ފެށުނުއިރު އެ ޓީމަށް އޮތީ އުނދަގޫ ދަތުރެއްކަން އެނގޭ ކަމަށާއި އަދި އެކަމަށް ތައްޔާރުވެގެން ތިބި ކަމަށެވެ. އަދި ލީގު ދެބައިވެގެންދިޔައިރުވެސް ޓީމުން ނެރުނު ނަތީޖާތަކާއިމެދު އިތުރަށް ވާހަކަ ނުދައްކާ ވަގުތު ދެވިފައިވާ ކަމަށާއި ނަމަވެސް ކްލަބުން އުންމީދު ކުރި ގޮތަށް ކަންތައްތައް ކުރިއަށް ގޮސްފައިނުވާކަމަށްވެސް އެ ބަޔާނުގައިވަނީ ބުނެފަ އެވެ.

އަދި ފާއިތުވެދިޔަ 18 މަސް ދުވަހު މާޓިން އާއި އޭނާގެ ކޯޗިން ސްޓާފުން އެ ކްލަބަށް ކޮށްދީފައިވާ ކަންތައްތަކަށް ޝުކުރު އަދާކުރާ ކަމަށާއި މިއަހަރުގެ މެއި މަހު ކުޅެވުނު ޕްލޭއޮފް މެޗަކީ އެ ކްލަބުގެ ސަޕޯޓަރުންގެ ހަނދާނުގައި އަބަދުވެސް ހުންނާނެ މެޗެއް ކަމަށްވެސް އެ ބަޔާނުގައި ވަނީ ބުނެފަ އެވެ.