ޚަބަރު

ރައީސް އެދިވަޑައިގަތީ އައު ހިތްވަރަކާއެކު ފުރިހަމަ ޚިދުމަތެއް ދިނުމަށް މަސައްކަތްކޮށްދެއްވުމަށް


  • ރައީސް ވަނީ ތިން ވުޒާރާއަށްވެސް ވަޑައިގެން މުވައްޒަފުންނާ ބައްދަލުކުރައްވާފައި

  • މުވައްޒަފުންގެ މަސައްކަތްތަކަށް ތަޢުރީފްކުރެއްވި

ތިން ވުޒާރާގައި ހިނގާދިޔަ އަލިފާނުގެ ހާދިސާގައި ގެއްލިގެން ދިޔަ ތަކެތީގެ އަގު ނުކުރެވޭނެކަމަށާއި، ނަމަވެސް އައު ހިތްވަރަކާއި އަޒުމަކާއެކު އެކަމުން އަރައިގަނެ އެންމެ ފުރިހަމަ ޚިދުމަތެއް ރައްޔިތުންނަށް ދިނުމަށް މަސައްކަތްކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މުވައްޒަފުންގެ ކިބައިން އެދިވަޑައިގެންފިއެވެ. ރައީސް އެކަމަށް އެދިވަޑައިގަތީ، ދަރުބާރުގޭގައި ހިންގަމުން އަންނަ ތިން ވުޒާރާއަށް ވަޑައިގެން މުވައްޒަފުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.


ޢިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާއާއި، ގެދޮރުވެރިކަމާއި، ބިމާއި ޢުމްރާނީ ތަރައްްީއާބެހޭ ވުޒާރާއާއި މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާބެހޭ ވުޒާރާ ހިންގަމުން އައި ޢިމާރާތުގައި އަލިފަން ރޯވެ ބޭނުން ނުކުރެވޭވަރަށް އަނދާފައިވަނީ މިމަހުގެ 12 ވަނަ ދުވަހުއެވެ. އަދި ސިޓީ ކައުންސިލްގެ އާބާދީއާބެހޭ ބައިވެސް ހިންގަމުން އައީ އެކޮށީގައި ހުރި ޢިމާރާތެއްގައެވެ. މި ހާދިސާގައި ވަނީ އެ ވުޒާރާތަކުގެ ގިނަ ޢަދަދެއްގެ ލިޔެކިޔުންތަކާއި މުވައްޒަފުންގެ ވަރަށް ގިނަ ތަކެތި ގެއްލިގެން ގޮސްފައެވެ.

މިއާއެކު އެ ތިން ވުޒާރާގެ މަސައްކަތްތައް ދަރުބާރުގެއަށް ބަދަލުކޮށް ވަނީ ޚިދުމަތްދޭން ފަށާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ދަރުބާރުގެއަށް ވަޑައިގެން ހުރިހާ ވުޒާރާތަކެއްގެ މަސައްކަތްތައް ބައްލަވާލައްވާ މުވައްޒަފުންނަށް ހިތްވަރުދެއްވާފައެވެ.

ތިން ވުޒާރާއަށް ވަޑައިގެން ވަކިވަކިން މުވައްޒަފުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، އަލިފާނުގެ އެ ހާދިސާއަކީ އެ ހުރިހާ މުވައްޒަފުންނަށް ވަރަށް ހިތްދަތިކަން ގެނުވި ހާދިސާއެއްކަަމަށެވެ. އެ ހާދިސާގައި މަސައްކަތުގެ ވަރަށް ގިނަ މަޢުލޫމާތުތަކާއި، ވަރަށް ގިނަ މުވައްޒަފުންގެ އަމިއްލަ ބައެއް ތަކެތިވެސް ނެތިގެންގޮސްފައިވާކަމަށް ރައީސް ވިދާޅުވިއެވެ. އެއީ އަގުކުރެވޭނެ ތަކެތި ނޫންކަން ފާހަގަކުރައްވަމުން ރައީސް ވަނީ އެއީ ވަރަށް ހިތާމަވެރި ހާލަތެއްގެގޮތުގައި ސިފަކުރައްވާފައެވެ. އަދި އެއީ ވަރަށް ކުއްލިގޮތަކަށް ސިހުން ގެނުވި ހާދިސާއެއްކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑުވެސް ކުޑަދުވަސްކޮޅަކަށްނަމަވެސް މިނިސްޓްރީއާ ހަވާލުވެހުރި ދުވަސްކޮޅެއް ދިޔަ. އަދި އަޅުގަނޑުމެން އެންމެން ކުރީގަ އެއްކޮށް އުޅުނު ތަނެއް. އަޅުގަނޑަށްވެސް ޕާސަނަލީ ކުރިމަތީގަ ފެނިގެންދިޔައީ އެހާދިސާ ހިނގިތަން. ވަރަށް އިހްސާސްތަކެއް ކުރެވުނު ކިޔައިދޭންނޭނގޭ. އަދި ތިބޭފުޅުން ކޮންމެ ދުވަހަކު މަަސްއްކަތްކުރާތަން. މީގެ "ޑެޕްތުއޮފް ލޮސް" ކައުންޓެއް ނުކުރެވޭނެ. ނަމަވެސް އަޅުގަނޑު ގަސްތުކުރީ މިވަރުގެކަމެއް އަންކެކްސްޕެކްޓެޑްލީ [ކުއްލިގޮތަކަށް]ހީވެސްނުކުރާކަމެއް ދިމާވިނަމަވެސް، ހިނގާށޭ ވަރުގަދަ ހިތްވަރެއްކޮށްގެން މިކަމުން އަރާގަތުމަށް މަސައްކަތްކުރަން." ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ހުރިހާ މުވައްޒަފުންވެސް ހިތްވަރުކޮށްގެން ކުރިއަށްދާންޖެހޭކަމަށެވެ. ރައްޔިތުންނަށް އެއްވެސް ޚިދުމަތެއް މެދުނުކެނޑި ފޯރުކޮށްދޭންޖެހޭކަމަށް ވިދާޅުވެ ރައީސް ވަނީ މުވައްޒަފުންގެ ކެތްތެރިކަމާއި ހިތްވަރަށް ޝުކުރުއަދާކުރައްވާފައެވެ.

"އަޅުގަނޑު އެދެނީ އަޅުގަނޑުމެން އެންމެން އެއްޓީމެއްގެގޮތުގައި ވަރުގަދަ އަޒުމެއްގައި ކުރިއަށްވުރެވެސް ބޮޑު ހިތްވަރެއްގައި ރައްޔިތުންނަށް ޚިދުމަތްދިނުމަށް މަސައްކަތްކުރުމަށް. ގެއްލުނުތަކެތި އެއީ އަގުކުރެވޭނެ ތަކެއްޗެއްނޫން. އެކަމަކު އަރައިގަތުމަށް، ކުރިއަށްިދުމުގެ އަޒުމުގައި މަސައްކަތްކުރަންޏާ ކާމިޔާބުވާނެ ކަންކަމުގައި. އެހެންވީމަ އަޅުގަނޑު ވިސްނީ އެންމެ އަވަހަށް ވީހާވެސް އަވަހަށް ބެކްޓުނޯމަލް ވެވޭނެ ގޮތަކީ ކިހިނެއްތޯ؟ ކޮންމެގޮތެއްވިޔަސް ކުރިން އޮތް ހިސާބަށް ދިއުމަށް ފަސޭހަނުވާނެ. އެކަމު ދިއުމަށް މަސައްކަތްކުރެވިދާނެ. އެކަމަށް ވިސްނާފަ މި ސެޓަޕް ހަދަން ނިންމީ ދާއިމީ ތަނެއް ހަމަޖެހެންދެން." ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ދާއިމީ ހައްލަކަށް އެމަނިކުފާނުގެ ވިސްނުންފުޅަކީ ތަނެއް ކުއްޔަށް ހިފުމުގެ ބަދަލުގައި ސަރުކާރުގެ ޢިމާރާތެއްގައި އެ ވުޒާރާތައް ހިންގުންކަމަށެވެ. އެހެންކަމުން އެކަމަށް މަސައްކަތްތައްފަށާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ތިން ވުޒާރާގައި 500އަށްވުރެ ގިނަ މުވައްޒަފުން އެއް އިމާރާތެއްގައި މަސައްކަތްކުރުމުގައި ދަތިތަކެއް ހުންނާނެކަމަށާއި، ނަމަވެސް ވީހާވެސް ފަސޭހަ މާހައުލެއް ޤާއިމްކުރުމަށް މަސައްކަތްކުރައްވާކަމަށެވެ. އަދި ހުރިހާ މުވައްޒަފުންނަށް ބޭނުންވާ ކޮމްޕިއުޓަރާއި އެހެނިހެން ބައެއް ވަސީލަތްތައް މިވަގުތު ހަމަނުވިނަމަވެސް ވީހާވެސް އަވަހަށް އެކަންކަން ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ރައީސް ވިދާޅުވިއެވެ.

އެގޮތުން ދަރުބާރުގޭގެ ގޯތިތެރޭގައި ކެފެޓީރިއާއަކާއި، ފާޚާނާއާއި، ޕާކިން އޭރިއާއެއް ހެދުމުގެ މަސައްތްވެސް ކުރަމުން އަންނަކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ރައީސްގެ ވާހަކަފުޅުގައި ވަނީ ކެތްތެރިކަމާއި، އެކުވެރިކަމާއެކު އެއްޓީމެއްގެތުގައި ހިތްވަރާއެކު ކުރިއަށްދިއުމަށް މުވައްޒަފުންނަށް ނަސޭހްތެތެރިވަޑައިގެންފައެވެ. އަދި އެ ވުޒާރާތަކުގެ ސަރވާ އިއާދަކުރެވޭތޯ މަސައްކަތްކުރަމުން އަންނަކަމަށާއި، އެކަން ނުކުރެވުނަސް މުޅި ސަރުކާރުގެތެރެއިން މައުލޫމާތު އެއްކުރެވޭނެގޮތް ހޯދައި އެކަމަށް މަސައްކަތްކުރައްވަމުން ގެންދަވާކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ސިޓީ ކައުންސިލްގެ އާބާދީއާ ބެހޭބައިގެ ލިޔެކިޔުންތައް ގަލޮޅު މަދަރުސާގެ ޢިމާރަތަށް ބަދަލުކުރުމުގެ މަސައްކަތްތައް ހިނގާގޮތްވެސް ބައްލަވާލައްވައި މުވައްޒަފުންނަށް ހިތްވަރުދެއްވާފައެވެ.