ޚަބަރު

އިންޑިޔާގެ ފުލުހުން އިދިކޮޅު ލީޑަރު ރާހުލް ގާންދީގެ މައްސަލައެއް ބަލަނީ


އިންޑިޔާގެ ވެރިކަން ކުރާ ޕާޓީ ބަރާތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ)އަށް ނިޞްބަތްވާ ޤާނޫނުހަދާ މަޖިލީހުގެ މެންބަރުންނާއި އިދިކޮޅު މެންބަރުންނާ ދެމެދު ބުރާސްފަތި ދުވަހު ހިނގި ހަމަނުޖެހުމެއްގެ ސަބަބުން އިންޑިޔާގެ ފުލުހުން އެ ޤައުމުގެ މައި އިދިކޮޅު ޕާޓީ ކަމުގައިވާ ކޮންގްރެސް ޕާޓީގެ އިސް ލީޑަރު ރާހުލް ގާންދީއާ ގުޅޭ މައްސަލައެއް ތަހުޤީޤު ކުރަން ފަށައިފިއެވެ.

ފުލުހުންގެ ތަހުޤީޤު ފެށީ ބީޖޭޕީން ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ. އެ މައްސަލައިގައި ބީޖޭޕީން ބުނީ މަޖިލިސް ކުރާ ގޭގެ ބޭރުގައި އިދިކޮޅު ޕާޓީތަކާ ދެކޮޅަށް ބީޖޭޕީއަށް ނިޞްބަތްވާ މެންބަރުން މުޒާހަރާ ކުރަމުން ދަނިކޮށް ރާހުލް އެ މީހުން ކޮށްޕާލައިފައިވާ ކަމަށާއި އޭގެ ސަބަބުން ދެ މެންބަރަކަށް އަނިޔާވެފައިވާ ކަމަށެވެ. އިންޑިޔާގެ ޓީވީ ޗެނަލަކުން ދެއްކި މަންޒަރުތަކުގައި ހަމަނުޖެހުމުގެ ތެރޭގައި އަނިޔާވި މަޖިލިސް މެންބަރެއް ފުރޮޅުލީ ގޮނޑިއެއްގައި އެ ސަރަޙައްދުން ގެންދާ ތަން ފެނެއެވެ. އޭނާގެ ބޮލަށް އަނިޔާވެ އެ ތަނުން ލޭ އައުން މަނާ ކުރުމަށް ބޮލުގައި ފޮތިގަނޑެއް ޖައްސައިގެން ހުރި މީހަކު އެ ވަގުތު ކައިރީގައި ހުންނަ މަންޒަރު ވެސް ފެނެއެވެ. ހާދިޘާގައި އަނިޔާވި މެންބަރުންނާ ގުޅޭގޮތުން ޑޮކްޓަރުން ބުނީ އެ ބޭފުޅުންނަށް ހަސްފަތާލުގައި ފަރުވާ ދެމުންދާ ކަމަށާއި ޙާލު ކުރިއަށް ވުރެ ރަނގަޅު ކަމަށެވެ.

ރާހުލް ވަނީ އޭނާއާ ދެކޮޅަށް ކުރާ ތުހުމަތު އިންކާރު ކޮށްފައެވެ. އޭނާ ބުނީ ބީޖޭޕީއަށް ނިޞްބަތްވާ މެންބަރުން އޭނާ ކޮށްޕައި ބިރުދައްކައިފައިވާ ކަމަށެވެ. އަދި މަޖިލީސް ކުރާ ގެއަށް އޭނާ ވަނުން ހުއްޓުވުމަށް ސަރުކާރަށް ނިޞްބަތްވާ މެންބަރުން ހުރަސް އަޅަމުން ދިޔަ ކަމަށް އޭނާ ބުނެއެވެ.

އެ ހާދިޘާއާ ގުޅިގެން ކޮންގުރެސް ޕާޓީން ވެސް ވަނީ ފުލުހުންނަށް މައްސަލައެއް ހުށަހަޅައިފައެވެ. އެ މައްސަލައިގައި ބުނީ ބީޖޭޕީއަށް ނިޞްބަތްވާ މަޖިލިސް މެންބަރުން ކޮންގުރެސްގެ ރައީސް މައްލިކްއާރްޖުން ކަރްގޭއަށް ޖެއްސުންކޮށްފައިވާ ކަމަށެވެ.

ނަން ހާމަ ނުކުރުމަށް ޝަރުތުކޮށް ވާހަކަ ދެއްކި ދިއްލީގެ ފުލުހުންގެ އިސް ބޭފުޅަކު ވިދާޅުވީ ރާހުލް ގާންދީއާ ދެކޮޅަށް ހުށަހަޅާފައިވާ ފަސްޓް އިންފޯމޭޝަން ރިޕޯޓު ފުލުހުންގެ ފަރާތުން މިހާރު ތަހުޤީޤު ކުރަމުންދާ ކަމަށެވެ. އެ ހާދިޘާއާ ގުޅޭ އެއްވެސް ވީޑިޔޯއެއް ވާނަމަ މައްސަލައިގެ ތަހުޤީޤަށް އެ ބަލައިނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ކޮންގުރެސް ޕާޓީން ވެސް މައްސަލައެއް ހުށަހަޅާފައިވާ ކަމަށާއި އެ މައްސަލައާ މެދު ގޮތެއް ނިންމާ ފިޔަވަޅު އަޅާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ކޮންގުރެސް ޕާޓީގެ ލީޑަރުގެ މަޤާމުގައި ހުންނެވި ރާހުލާ ގުޅޭ ގިނަ މައްސަލަތަކެއް މިހާރު ވެސް ދަނީ ތަހުޤީޤު ކުރަމުންނެވެ. މިދިޔަ އަހަރުގެ ތެރޭގައި އިންޑިޔާގެ ކޯޓަކުން އަބުރުގެ މައްސަލައެއްގައި އޭނާއަށް ދެ އަހަރުގެ ޖަލު ޙުކުމެއް ވެސް ވަނީ އިއްވާފައެވެ. އެ ޙުކުމާ ގުޅިގެން އޭނާގެ މަޖިލީހުގެ ގޮނޑި ވެސް ވަނީ ދުވަސްކޮޅަކަށް ގެއްލިފައެވެ. ނަމަވެސް ފަހުން ސުޕްރީމް ކޯޓުން އެ ނިންމުން ބާޠިލް ކުރުމުން އަލުން ވަނީ ޤާނޫނުހަދާ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި އޭނާ އިޢާދަ ކޮށްފައެވެ.

އެންމެ ފަހުގެ ތުހުމަތުތަކާ ގުޅޭގޮތުން ރާހުލްގެ ކޮއްކޮ އަދި ޤާނޫނުހަދާ މަޖިލީހުގެ މެންބަރު ޕްރިޔަންކާ ގާންދީ ވަދުރާ ވިދާޅުވީ ބީޖޭޕީން އެންމެ ފަހުން ހުށެހެޅި މައްސަލައިން އެ ޕާޓީއަށް ގޮތް ހުސްވެފައިވާކަން ދައްކުވައިދޭ ކަމަށެވެ. އޭނާ ވިދާޅުވީ ބީޖޭޕީން ރާހުލާ ދެކޮޅަށް ޢަމަލު ކުރަމުންދާ ގޮތް މުޅި ޤައުމަށް ފެންނަމުންދާ ކަމަށާއި އޭނާއާ ދެކޮޅަށް އެތައް މައްސަލައެއް ހުށަހަޅާފައި ވުމާއި ދޮގުހެދުމުން ބީޖޭޕީއަށް ކުރާނެ ނުކުރާނެ ކަމެއް ނޭނގިފައި ތިބިކަން ހާމަ ކޮށްދޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ކޮންގްރެސުން ބީޖޭޕީއާ ދެކޮޅަށް ހުށަހަޅާފައިވާ މައްސަލައާ ގުޅޭގޮތުން އިންޑިޔާގެ ދަނޑުވެރިކަމާ ބެހޭ ވަޒީރު ސިވްރާޖް ސިންގު ޗޮހާން ވިދާޅުވީ އެ ތުހުމަތުތަކަކީ އަސްލެއް ނެތް ދޮގުތަކެއް ކަމަށެވެ. ކޮންގްރެސް ޕާޓީން މަސައްކަތް ކުރަމުންދަނީ ރައްޔިތުންނަށް އޮޅުވައިލަން ކަމަށް އޭނާ ވިދާޅުވިއެވެ.

އެ ހާދިޘާއަށް ފަހު ހުކުރު ދުވަހު އިންޑިޔާގެ ޤާނޫނުހަދާ މަޖިލީހުގެ މަތިގެޔާއި ތިރިގޭގައި ވެސް ބޭއްވި ޖަލްސާ ވަނީ ކުރުކޮށްލައިފައެވެ. އެއާއެކު ހިނގަމުން ދިޔަ މަޖިލީހުގެ ދަޢުރު ވެސް ވަނީ ނިމުމަކަށް އައިސްފައެވެ. ފާއިތުވި މަޖިލީގެ ދަޢުރުގައި މުޅިން ވެސް އޮތީ ޤާނޫނުހަދާ މަޖިލީހުގެ މަސައްކަތްތަކަށް ހުރަސްއެޅުމަށް އެކި ގޮތްގޮތުން މަސައްކަތް ކުރަމުންދާ ކަމަށް ދެބައި މީހުން އެއްބަޔަކު އަނެއްބަޔަކަށް ތުހުމަތު ކުރުމެވެ. އޭގެ ސަބަބަން ދަޢުރުގެ ގިނަ ޖަލްސާތަކަށް ކުރުކޮށްލަން ޖެހުނެވެ.