ނިމަކެތި ޙާލުގައި ދިރިއުޅެމުންދާ ފަލަސްޠީނުގެ ރައްޔިތުންނަށް އެހީ ފޯރުކޮށްދޭ ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވާރކްސް އޭޖެންސީ ފޯރ ޕަލަސްތީނިއަން ރެފިއުޖީޒް، އަންރުވާ މެދުވެރިކޮށް، ސްވިޑަނުން ފަލަސްޠީނަށް ފޯރުކޮށްދެމުން ދިޔަ އެހީތެރިކަން ހުއްޓައިލުމަށް އެ ޤައުމުން ނިންމައިފިއެވެ.
އދގެ ޢާންމު މަޖިލީހުން އަންރުވާ އުފެއްދީ ޔަހޫދީ ދައުލަތް އުފެއްދުމަށް ކުރި ހަނގުރާމައަށް ފަހު 1949 ވަނަ އަހަރެވެ. ޣައްޒާއަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މައިބަދައަކީ އަންރުވާގެ ގޮތުގައި އދން އެ ޖަމުޢިއްޔާ ސިފަކުރެއެވެ. ޣައްޒާގެ އިތުރުން ހުޅަނގު އައްސޭރި، ސޫރިޔާ، ލުބުނާން އަދި އުރުދުންގައި ދިރިއުޅޭ އެތައް މިލިއަން ފަލަސްތީންގެ ރައްޔިތުންނަށް ސިއްޙީ، ތައުލީމު އަދި ކާބޯތަކެތީގެ އެހީ ފޯރުކޮށްދޭ އަންރުވާގެ ބަދަލުގައި، އެ މަސައްކަތް ކުރެވޭނެ އެހެން ޖަމްޢިއްޔާއެއް ނެތް ކަމަށް އދން ވަނީ ބުނެފައެވެ.
ސްވީޑަންގެ މި ނިންމުން އިޢުލާނު ކޮށްފައި ވަނީ ނުހައްޤުން ފަލަސްޠީނުގެ ބިންތައް ފޭރިގެންފައިވާ ޔަހޫދީ ދަޢުލަތުން އަންރުވާގެ މަސައްކަތްތައް ފެށޭ ޖަނަވަރީ މަހުން ފެށިގެން އެ ދައުލަތުގައި ކުރިއަށް ނުގެންދެވޭނެ ކަމަށް ނިންމާފައި ވަނިކޮށެވެ. އަންރުވާ އުވާލަން ޔަހޫދީން ނިންމާފައި ވަނީ 2023 އޮކްޓޫބަރު 7ވަނަ ދުވަހު ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުގެ މުޖާހިދުން އިސްރާއީލުގެ ރަށްތަކަށް ދިން ޖިހާދީ ޙަމަލާއާ ގުޅިގެންނެވެ. އެ ޙަމަލާތަކުގައި އަންރުވާގެ ބައެއް މުވައްޒަފުން ޢަމަލީ ގޮތުން ބައިވެރިވެފައިވާ ކަމަށް ޔަހޫދީން ތުހުމަތު ކުރެއެވެ.
ސްވީޑަނުން ބުނީ އަންރުވާ މެދުވެރިވެ ފަލަސްޠީނުގެ ރައްޔިތުންނަށް އެހީ ދިނުމުގެ ބަދަލުގައި ޣައްޒާގެ ރައްޔިތުންނަށް އެހީތެރިވާ އެހެން މަގުތައް މެދުވެރިކޮށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް އެ ޤައުމުން ނިންމާފައިވާ ކަމަށެވެ. ސްވީޑަންގެ ނިންމުމާ ގުޅިގެން ޔަހޫދީ ދަޢުލަތުގެ ޚާރިޖީ ވަޒީރުގެ ނައިބު ޝެރެން ހަސްކެލް ވަނީ ސްވީޑަނުން ޔަހޫދީ ދައުލަތާއެކު މި ހަފުތާގެ ތެރޭގައި ބޭއްވި ބައްދަލުވުމަކަށް ޝުކުރު ޢަދާކޮށް އަންރުވާއަށް ދެމުންދިޔަ އެހީތެރިކަން ހުއްޓައިލުމަށް ނިންނި ނިންމުމަށް މަރުޙަބާ ކިޔައި އެކަމަށް ވެސް ޝުކުރު ޢަދާ ކޮށްފައެވެ.
ނަމަވެސް ސްވީޑަންގެ އެހީ ދިނުމާ ބެހޭ ވަޒީރު ބެންޖަމިން ޑައުސާ ވިދާޅުވީ ޔަހޫދީ ދައުލަތުގެ ޤާނޫނަށް ސްވީޑަނުން އެއްވެސް ސިފައެއްގައި ތާޢީދު ނުކުރާކަމަށާއި އެފަދަ ޤާނޫނުތަކަށް ތަކުރާރުކޮށް ފާޑު ކިޔަމުންދާ ކަމަށެވެ. ޑައުސާ ވިދާޅުވީ ޔަހޫދީ ދައުލަތުގެ ނިންމުމާ ގުޅިގެން އަންރުވާ މެދުވެރިކަށް ޣައްޒާއަށް އެހީ ފޯރުކޮށްދިނުމަށް ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހޭނެ ކަމަށެވެ. އޭގެ ސަބަބުން އަންރުވާއިން ކުރަމުންދާ މަސައްކަތުގެ ބޮޑު ބައެއް ހުއްޓޭނެކަމަށާއި އެ ޖަމުޢިއްޔާގެ މަސައްކަތްތައް ވަރަށް ބޮޑަށް ބަލިކަށިވެގެން ދާނެ ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ. މި އުނދަގޫތައް ހުރި ނަމަވެސް މި ވަގުތު ސަރުކާރަށް އެންމެ މުހިންމީ ކޮންމެ ސިފައެއްގައި ނަމަވެސް އެހީތެރިކަން ފޯރު ކޮށްދިނުން ކަމުގައި ވާތީ، އެހެން މަގުތައް މެދުވެރިކޮށް އެހީ ފޯރުކޮށްދިނުމަށް ނިންމީ އެހެންވެ ކަމަށް އޭނާ ވިދާޅުވިއެވެ.
ސްވީޑަންގެ ޚާރިޖީ ވުޒާރާއިން ބުނީ އެ ޤައުމުން ޣައްޒާއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ހޭދަ ކޮށްފައިވާ 40 މިލިޔަން އެމެރިކާ ޑޮލަރު އަންނަ އަހަރު 72 މިލިޔަނަށް ބޮޑު ކުރާނެ ކަމަށެވެ. އެ އެހީތެރިކަން ފަލަސްޠީނުގެ ރައްޔިތުންނަށް ފޯރުކޮށްދޭނީ އދގެ ކާބޯތަކެއްޗާ ބެހޭ ޖަމުޢިއްޔާ، ޑަބްލިއުއެފްޕީއޭއާއި އދގެ ކުޑަކުދިންގެ ހައްޤުތަކާ ބެހޭ ޖަމުޢިއްޔާ ޔުނިސެފާއި އދގެ އާބާދީއާ ބެހޭ ފަންޑު، ޔޫއެންއެފްޕީއޭއާއި އިންޓަނޭޝަނަލް ކޮމިޓީ އޮފް ރެޑް ކްރޮސް، އައިސީއާރުސީ މެދުވެރިކޮށް ކަމަށް ވެސް އެ ވުޒާރާއިން ބުނެފައި ވެއެވެ.
ސްވީޑަންގެ ނިންމުމާ ގުޅިގެން އެ ޤައުމުގެ ވެރިކަންކުރާ ސްޓޮކްހޮމުގައި ހުންނަ ފަލަސްޠީނުގެ އެމްބަސީން ނެރުނު ބަޔާނެއްގައި ބުނީ ފަލަސްޠީނުގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ޚާއްޞަ ޖަމުޢިއްޔާއެއް ކަމަށްވާ އަންރުވާގެ މައްޗަށް ފަލަސްޠީނުގެ ރައްޔިތުން ވަރަށް ބޮޑަށް ބަރޯސާވާ ކަމަށެވެ. އެގޮތުން ޞިއްޙީ ދާއިރާއާއި ތަޢުލީމާއި އެމަޖެންސީ އެހީއާއި އިންސާނީ އެހީއަށް އެންމެ ބޮޑަށް ބަރޯސާ ވަނީ އަންރުވާގެ މައްޗަށް ކަމަށް ވާއިރު އެ ޖަމުޢިއްޔާއިން ދެމުންދިޔަ ޚިދުމަތްތައް ދޭނެ އެހެން ބަޔަކު ހޯދުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް އެމްބަސީން ބުނެއެވެ.
މި މަހުގެ ތެރޭގައި އދގެ ޢާންމު މަޖިލީހުން ވެސް ވަނީ އަންރުވާގެ ދިފާޢުގައި ވާހަކަ ދައްކައި، ޔަހޫދީ ދަޢުލަތުން އަންރުވާގެ ޒިންމާތަކަށް އިޚްތިރާމު ކުރަންޖެހޭ ކަމަށް ބުނެ އެ ޖަމުޢިއްޔާގެ މަސައްކަތްތަކަށް ހުރަސް ނޭޅުމަށް ގޮވައިލައިފައެވެ. އަންރުވާގެ އިސްވެރިޔާ ފިލިޕް ލައްޒަރިނީ ވެސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ ޖަމުޢިއްޔާއަށް ދެމުންދިޔަ ފައިސާގެ އެހީތެރިކަން ހުއްޓައިލުމަކީ އިންސާނީ ކުރިއެރުމަށް ސްވީޑަނުން އެތައް އަހަރެއް ވަންދެން ކުރަމުންދިޔަ މަސައްކަތް ކުޑައިމީސް ކުރުން ކަމުގައެވެ.