ޚަބަރު

ސިޓީގެ ޑިފެންޑަރު ޑިއާސްއަށް އަނިޔާވެ ތިން ހަފުތާއަށް ކުޅުމާ ދުރަށް


ފޯމު ގެއްލިފައިވާ ޕްރިމިއާ ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓަރ ސިޓިގެ ޑިފެންޑަރ ރުބެން ޑިއާޒް އަށް އަނިޔާވެ ތިން ހަފްތާއަށް ކުޅުމާއި ދުރަށް ދާން ޖެހިއްޖެ އެވެ.

މެންޗެސްޓަރ ސިޓީގެ ކޯޗު ޕެޕް ގަޑިއޯލާ ބުނެފައިވަނީ ރުބެން ޑިއާޒްގެ ފަޔަށް ލިބުނު އަނިޔާގެ ސަބަބުން އޭނާ މަދުވެގެން ތިން ހަފްތާއަށް ކުޅުމާއި ދުރަށް ދާން ޖެހިފައިވާ ކަމަށާއި އަދި މިއީ އަނެއްކާވެސް އެ ކްލަބަށް ކުރިމަތިވާ ބޮޑު މައްސަލައެއް ކަމަށެވެ. ޑިއާސް އަށް އަނިޔާ ވެފައިވަނީ ލީގުގައި މިދިޔަ ހަފްތާގައި މެންޗެސްޓަރ ޔުނައިޓެޑާއި ދެކޮޅަށް ކުޅުނު މެޗުގަ އެވެ. މި މެޗުން ސިޓީ ބަލިވެފައިވަނީ މެޗުގެ ފަހު ދެ މިނިޓުގެ ތެރޭގައި ޔުނައިޓެޑް އިން ޖެހި ދެ ލަނޑުންނެވެ.

އެސްޓަން ވިލާ އާއި ދެކޮޅަށް ސިޓީ މިރޭ ނިކުންނައިރު މިއީ އެ ޓީމަށް ކުރިމަތިވެފައިވާ މައްސަލަތަކުން އަރައިގަންނަން އަނެއްކާވެސް ލިބޭ ފުރުސަތެކެވެ. ލީގުގެ 5 ވަނައިގައި މިވަގުތު އޮތް ސިޓީ އެންމެ ފަހުން ކުޅުނު 11 މެޗުގެ ތެރެއިން މޮޅުވެފައިވަނީ އެންމެ މެޗަކުންނެވެ.

ލީގުގެ ހަތްވަނައިގައި މިވަގުތު އޮތް އެސްޓަން ވިލާ އާއި ދެކޮޅަށް ސިޓީ މިރޭ ނިކުންނައިރު މީގެ އަހަރެއް ކުރިން މި ދެ ޓީމު ވިލާ ޕާކްގައި ކުޅުނު މެޗުން 1-0 ގެ ނަތީޖާއަކުން ސިޓީ ވަނީ ބަލިވެފަ އެވެ. ނަމަވެސް މިދިޔަ އެޕްރިލް މަހު މި ދެ ޓީމުގެ ކުރިމަތިލުން ސިޓީން ވަނީ 4-1 ގެ ނަތީޖާއަކުން ކާމިޔާބު ކޮށްފަ އެވެ.