ސޫރިޔާގެ ރައީސް ބައްޝާރް އަލް-އަސަދުގެ ސަރުކާރު ވައްޓައިލުމުގައި އިސްކޮށް ހަރަކާތްތެރިވި ހަޔިއަތު ތަޙްރީރް އަލް-ޝާމް (އެޗްޓީއެސް)ގެ ވެރިންނާ ބައްދަލުކޮށް އެމެރިކާއިން ކާމިޔާބު މަޝްވަރާތަކެއް ބާއްވައިފިއެވެ. އެޗްޓީއެސްގެ ހަނގުރާމަވެރިން ސޫރިޔާގެ ވެރިރަށް ދިމިޝްޤަށް އަރައި، އަސަދުގެ ވެރިކަން ނިމުމަކަށް ގެނެސްފައި ވަނީ ޑިސެންބަރު 8ވަނަ ދުވަހުއެވެ. އެޗްޓީއެސްގެ ފައުޖުތަކުން ދިމިޝްޤަށް އެރުމާ އެކު، އަސަދު ވަނީ ޢާއިލާއާ އެކު ރަޝިޔާގެ ވެރިރަށް މޮސްކޯއަށް ވަޑައިގަންނަވައި، ޙިމާޔަތް ހޯއްދަވާފައެވެ.
އަސަދުގެ ވެރިކަން ވައްޓައިލުމަށް ފަހު އެކުލަވައިލާފައިވާ އިންތިޤާލީ ސަރުކާރުގެ ބޮޑުވަޒީރު ކަމުގެ މަޤާމު ޙަވާލު ކޮށްފައި ވަނީ މުޙައްމަދު އަލް-ބަޝީރާއެވެ. އޭނާއަކީ، ސޫރިޔާގެ ހުޅަނގުއުތުރުގައި ހަތިޔާރު އެޅި ޖަމާޢަތްތަކުން އެކުވެ ޤާއިމު ކޮށްފައިވާ ސަރުކާރުގެ ވެރިޔާއެވެ. ޙުކޫމާތު އަލް-އިންޤާޒު އަލް-ސޫރިއްޔާ ނުވަތަ ސީރިޔަން ސެލްވޭޝަން ގަވަރމެންޓް (އެސްއެސްޖީ) އުފައްދާފައި ވަނީ އެޗްޓީއެސްގެ ބައިވެރިވުމާ އެކުގައެވެ.
ސޫރިޔާގެ ވެރިރަށް ދިމިޝްޤަށް ދަތުރުކުރި އެމެރިކާގެ ވަފުދުން ބައްދަލު ކޮށްފައި ވަނީ އެޗްޓީއެސްގެ ކޮމާންޑަރު އަޙްމަދު އަލް-ޝަރާޢު ނުވަތަ އަބޫ މުޙައްމަދު އަލް-ޖޫލާނީއާއެވެ. އެޗްޓީއެސަކީ އެމެރިކާއާއި ވިލާތުގެ ގިނަ ޤައުމުތަކެއްގެ އިތުރުން އދން ވެސް ނިރުބަވެރި ޖަމާޢަތެއްގެ ގޮތުގައި ކަނޑައަޅާފައިވާ ގުރޫޕެކެވެ. އެއީ ނިރުބަވެރި ޖަމާޢަތް، އަލް-ޤާޢިދާއާ ކުރިން ގުޅުން އޮތް ގުރޫޕެކެވެ.
ޝަރާޢާ ބައްދަލު ކުރި އެމެރިކާގެ ވަފުދުގައި އިސްކޮށް ހުންނެވީ އެމެރިކާގެ ޚާރިޖީ ވުޒާރާއިން މެދުއިރުމައްޗަށް ކަނޑައަޅާފައި ހުންނަވާ އިސް މަންދޫބު ބާބަރާ ލީފެވެ. އަސަދުގެ ސަރުކާރަށް ފަހު ސޫރިޔާގައި ޤާއިމު ކޮށްފައިވާ އިންތިޤާލީ ސަރުކާރާ ގުޅޭ ގޮތުން ފުޅާ ދާއިރާއެއްގައި ބޭއްވި މަޝްވަރާތަކަށް ފަހު ލީފް ވިދާޅުވީ، ޝަރާޢަކީ ކަންކަމާ މެދު ވަރަށް ވިސްނުންތެރި ކަމާ އެކު އަމަލު ކުރާ މީހެއްގެ ގޮތުގައި ފެނިގެން ދިޔަ ކަމުގައެވެ.
"އަޅުގަނޑުމެންގެ ފުރަތަމަ ބައްދަލުވުން ދިޔައީ ވަރަށް ރަނގަޅަށް. އަޅުގަނޑުމެން އިންސާފު ކުރާނީ ދައްކާ ވާހަކައަށް ބަލައިގެންނެއް ނޫން، އަޅުގަނޑުމެން ބަލާނީ އަމަލަށް،" ލީފް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ސޫރިޔާގައި ޤާއިމު ކުރާ އައު ސަރުކާރުގައި ބައިވެރިވުމުގެ ފުރުޞަތު އެ ޤައުމުގެ ހުރިހާ ނަސްލުތަކާއި ގުރޫޕުތަކަށް ދިނުމަށް ބާރު އަޅާފައިވާނެ ކަމުގައެވެ. އަދި، ނިރުބަވެރި ޖަމާޢަތްތަކުގެ ހަރަކާތްތައް ކުރިއެރުވުމުގެ ފުރުޞަތު ނުދިނުމަށް ވެސް ބާރު އަޅާފައިވާނެ ކަމުގައެވެ.
"އެ ގޮތަށް އަމަލުތައް ބައްޓަން ކުރަން ޝަރާޢު ވަނީ އެއްބަސްވެފައި. އަދި، އަޅުގަނޑުމެންގެ މަޝްވަރާތަކަށް ބަލައި، އޭނާ ހޯދައި ހައްޔަރު ކުރަން ކުރަމުން ދިޔަ މަސައްކަތްތައް ހުއްޓައިލަން ވާނީ ނިންމާފައި،" ލީފް ވިދާޅުވިއެވެ. ޝަރާޢު ހައްޔަރު ކުރާ، ނުވަތަ މަރައިލާ މީހަކަށް އެމެރިކާއިން ހުށަހަޅާފައިވާ ފައިސާގެ އިނާމު ބާޠިލު ކުރުމަށް ވެސް އެމެރިކާއިން ވަނީ ނިންމާފައެވެ. ޝަރާޢު ހައްޔަރު ކުރާ، ނުވަތަ މަރައިލާ މީހަކަށް 10 މިލިޔަން އެމެރިކާ ޑޮލަރުގެ ފައިސާގެ އިނާމެއް ދިނުމަށް އެމެރިކާއިން އޮތީ ހުށަހަޅާފައެވެ.
އެމެރިކާގެ އިތުރުން ހުޅަނގުގެ އެހެން ބާރުތަކުން ވެސް ދަނީ އެޗްޓީއެސާ އެކު ގުޅުން ޤާއިމު ކުރަން މަސައްކަތް ކުރަމުންނެވެ. އޭގެ ތެެރޭގައި ވިލާތުގެ އިއްތިޙާދު (އީޔޫ)ގެ އެންމެ ބޮޑެތި ޤައުމުތަކުގެ ތެރޭގައި ހިމެނޭ އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތުގެ އިތުރުން ޖަރުމަނުވިލާތް ހިމެނެއެވެ. އޭގެ ތެރެއިން ފަރަންސޭސިވިލާތާއި އިނގިރޭސިވިލާތުގެ އޮފިޝަލުން ވަނީ ޝަރާޢާ އެކު ބައްދަލުވުންތަކެއް ބާއްވާފައެވެ.
ނިރުބަވެރި ޖަމާޢަތްތަކުގެ ލިސްޓުން އެޗްޓީއެސް އުނިކުރުމާ ގުޅޭ ގޮތުން ވެސް ހުޅަނގުގެ ބާރުތަކުން ދަނީ މަޝްވަރާ ކުރަމުންނެވެ. ހުޅަނގުގެ ބާރުތަކުން އެޗްޓީއެސާ އެކު ގުޅުން ޤާއިމު ކުރަމުންދާ ކަމުގެ އަނެއް ހެއްކަކީ، ދިމިޝްޤުގައި ހުރި ފަރަންސޭސިވިލާތުގެ އެމްބަސީގައި 12 އަހަރަށް ފަހު އެ ޤައުމުގެ ދިދަ ވިހުރުވައިލުމެވެ. ނަމަވެސް، ފަރަންސޭސިވިލާތުން ބުނީ، ދިމިޝްޤުގައި ހުންނަ އެ ޤައުމުގެ އެމްބަސީ ރަސްމީ ގޮތުން ހުޅުވާފައި ނުވާ ކަމުގައެވެ.
އެޗްޓީއެސާ އެކު ރަސްމީ ހައިސިއްޔަތެއްގައި ގުޅުން ބަދަހި ކުރުމަށް އެމެރިކާއިން ވަނީ ޝަރުޠުތަކެއް ކަނޑައަޅާފައެވެ. އޭގެ ތެރޭގައި، ސޫރިޔާގެ މައިނޯރިޓީ ނަސްލުތަކުގެ މީހުންގެ ޙައްޤުތައް ޙިމާޔަތްކޮށް، ވެރިކަމުގައި ބައިވެރިވުމުގެ ފުރުޞަތު ދިނުން ހިމެނެއެވެ. މީގެ އިތުރުން، އަސަދުގެ ވެރިކަމުގެ ދުވަސްވަރު ސޫރިޔާއަށް ދަތުރު ކުރި އެމެރިކާގެ ރައްޔިތުންގެ ތެރެއިން ވީނުވީއެއް ނޭނގި ގެއްލިފައިވާ މީހުންގެ މަޢުލޫމާތު ހޯދުމަށް ވެސް އެމެރިކާގެ ވަފުދުން ވަނީ މަސައްކަތް ކޮށްފައެވެ.
އޭގެ ތެރެއިން އެކަކަކީ އެމެރިކާގެ ނޫސްވެރިއެއް ކަމުގައިވާ އޮސްޓިން ޓައިސެވެ. އޭނާ ގެއްލުނީ، ސޫރިޔާގެ ދާޚިލީ ހަނގުރާމައިގެ ޚަބަރުތައް ރިޕޯޓު ކުރުމަށް 2012ވަނަ އަހަރު ކުރި ދަތުރެއްގެ ތެރެއިންނެވެ. އެ ދަތުރުގެ ތެރެއިން އޭނާ ހައްޔަރު ކޮށްފައިވާ ކަމުގައި އެމެރިކާއިން ޤަބޫލު ކުރެއެވެ. ނަމަވެސް، އެ ކަމުގެ ފަހަތުގައި އޮތީ ކޮން ފަރާތެއް ކަން ސާފެއް ނޫނެވެ. ސޫރިޔާއަށް ދަތުރު ކޮށްފައިވާ އެމެރިކާގެ އެހެން ރައްޔިތުންތަކެއް ވެސް އަސަދުގެ ވެރިކަމުގެ ދައުރުގައި ގެއްލިފައިވާ ކަމުގައި އެމެރިކާއިން ބުންޏެވެ.
2011ވަނަ އަހަރު ސޫރިޔާގައި ފެށި ދާޚިލީ ހަނގުރާމައާ ގުޅިގެން އެމެރިކާއިން އަސަދުގެ ސަރުކާރާ ގުޅުން ކަނޑައިލައި ދިމިޝްޤުގައި ހުރި އެމެރިކާގެ އެމްބަސީ ބަންދު ކޮށްފައި ވަނީ 2012ވަނަ އަހަރުއެވެ. ސޫރިޔާގެ އިންތިޤާލީ ސަރުކާރާއި އެމެރިކާއާ ދެމެދު މިހާރު ކުރަމުންދާ މަޝްވަރާތަކުގައި އެންމެ އިސް ދައުރެއް އަދާ ކުރައްވާ އެއް ބޭފުޅަކީ ޑެނިއެލް ރުބިންސްޓައިނެވެ. އޭނާ ވިދާޅުވީ، ކުރިއަށް އޮތް ދުވަސްތަކުގައި އެމެރިކާ ސަރުކާރުގެ އިސް އޮފިޝަލުންގެ ވަފުދުތައް ދިމިޝްޤަށް ދަތުރުކޮށް، އެޗްޓީއެސްގެ އިންތިޤާލީ ސަރުކާރާ އެކު އިތުރު މަޝްވަރާތައް ބާއްވާނެ ކަމުގައެވެ.