ޕާކިސްތާނުގެ ހަނގުރާވެރި ޖަމާޢަތަކުން ދިން ޙަމަލާއެއްގައި ސަލާމަތީ ބާރުތަކަށް ނިޞްބަތްވާ 16 މީހުން މަރުވެއްޖެއެވެ.
ދެކުނު ވަޒީރިސްތާނު ސަރަޙައްދުގެ ފުލުހުންގެ އިސް އޮފިސަރެއް ކަމަށްވާ ޑެޕިއުޓީ ސުޕަރިންޓެންޑެންޓު ޙިދާޔަތުالله ވިދާޅުވީ އެ ޙަމަލާގައި ސަލާމަތީ ބާރުތަކަށް ނިޞްބަތްވާ 16 މީހުން މަރުވެ އިތުރު އަށް މީހަކަށް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށެވެ. ލުއި އަދި ބަރު ހަތިޔާރު ބޭނުން ކޮށްގެން އެ ޙަމަލާ ދީފައިވަނީ ހޮނިހިރު ދުވަހުގެ މެންދަމުން އަލިވެ 2 ޖަހަނިކޮށް ކަމަށް އޭނާ ވިދާޅުވިއެވެ. އެ ސަރަޙައްދު ބަލައި ފާސް ކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ޕާކިސްތާނުގައި ޙަަރަކާތްތެރިވާ ހަނގުރާމަވެރި ޖަމާޢަތެއް ކަމަށްވާ ތަހްރީކީ ޠާލިބާން ޕާކިސްތާން (ޓީޓީޕީ)ން ވަނީ ޙަމަލާގެ ޒިންމާ އުފުލައިފައެވެ. އެ ޖަމާޢަތުން ބުނި ގޮތުގައި ޙަމަލާގައި ސަލާމަތީ ބާރުތަކަށް ނިޞްބަތްވާ 35 މީހުން މަރުވިއެވެ. ނަމަވެސް އެ ޙަމަލާގައި މަރުވި އެ ޖަމާޢަތުގެ ހަނގުރާމަވެރިންގެ ޢަދަދެއް ބުނެފައެއް ނުވެއެވެ.
ފާއިތުވި މަސްތަކުގައި ޕާކިސްތާނުގެ ސަލާމަތީ ބާރުތަކަށް އަމާޒުކޮށް ޓީޓީޕީން ދެމުންދާ ޙަމަލާތައް ވަނީ އިތުރުކޮށްފައެވެ. އެ ޖަމާޢަތުން މަސައްކަތް ކުރަނީ ޕާކިސްތާނުގެ ސަރުކާރުގެ ވެރިކަން ވައްޓާލައި ހަރުކަށި ފިކުރުގެ ވެރިކަމެއް އެ ޤައުމުގައި ޤާއިމް ކުރުމަށެވެ.