ސްޕެއިންގެ ލަލީގާގައި ރޭ ސެވިއްޔާ އާއި ދެކޮޅަށް ރެއާލް މެޑްރިޑް ކުޅުނު މެޗު 4-2 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ތާވަލުގެ ދެވަނަ މަގާމް ހޯދައިފި އެވެ.
ރެއާލް މެޑްރިޑް ވަނީ މި މެޗުން މޮޅުވުމާއެކު 18 މެޗުން 40 ޕޮއިންޓް ހޯދާފަ އެވެ. އެއްވަނައިގައި އޮތް އެތްލެޓިކޯ މެޑްރިޑަށް 18 މެޗުން ލިބިފައިވަނީ 41 ޕޮއިންޓެވެ. އަދި ރެއާލް މެޑްރިޑާއި އެންމެ ވާދަވެރި ބާސެލޯނާއަށް 19 މެޗުން ލިބިފައިވާ 38 ޕޮއިންޓާއެކު އެ ޓީމު އޮތީ ތާވަލުގެ ތިންވަނައިގަ އެވެ.
މެޑްރިޑްގެ ސެންޓިއާގޯ ބާރނަބިއު ސްޓޭޑިއަމްގައި ހަތްދިހަ ފަސްހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގެ ދިހަ ވަނަ މިނިޓުގައި ކިލިއަން އެމްބާޕޭ ވަނީ ލަނޑެއް ޖަހާ ރެއާލް މެޑްރިޑަށް ކުރި ހޯދަދީފަ އެވެ.
އަދި އޭގެ ދިހަ މިނިޓް ފަހުން ފެޑެރީކޯ ވަލްވާޑް ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފަ އެވެ.
ރެއާލް މެޑްރިޑް އިން މި މެޗުގައި ޖެހި ތިންވަނަ ކަނޑު މެޗުގެ 34 ވަނަ މިނިޓުގައި ރޮޑްރިގޯ ކާމިޔާބުކުރިއިރު އޭގެ މިނިޓެއް ފަހުން ސެވިއްޔާގެ އިސާކް ރޮމޭރޯ ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 3-1 އަށް ބަދަލުކޮށްފަ އެވެ.
މި މެޗުގައި ރެއާލް މެޑްރިޑް އިން ޖެހި ހަތަރުވަނަ ލަނޑު މެޗުގެ ފަންސާސް ތިންވަނަ މިނިޓުގައި އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ބްރާހިމް ޑިއާޒް އެވެ.
އަދި މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ފަސް މިނިޓަށް ވެފައިވަނިކޮށް ލުކޭބަކިއޯ ވަނީ ސެވިއްޔާއަށް އިތުރު ލަނޑެއް ކާމިޔާބުކޮށްދީ މެޗުގެ ނަތީޖާ 4-2 އަށް ބަދަލުކޮށްފަ އެވެ.