ވޭޕް ބޭނުންކުރި މައްސަލައިގަ މިހާތަނަށް 9 މީހަކު ޖޫރިމަނާކޮށްފިއެވެ.
ފުލުހުންގެ ޚިދުމަތުން ވިދާޅުވީ ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ޤާނޫނާ ޚިލާފުވި 9 މީހަކު އާދީއްތަ ދުވަހުގެ ނިޔަލަށް ޖޫރިމަނާކޮށްފައިވާ ކަމަށެވެ. ޖޫރިމަނާކޮށްފައިވާ ޖުމްލަަ އަދަދަކީ 50،000 ރުފިޔާއެވެ. ޖޫރިމަނާކުރި މީހުންގެ ތެރެއިން އެކަކު، ސައިކަލު ދުއްވަމުން ވޭޕް ބޭނުންކުރުމާ ގުޅިގެން 10،000 ރުފިޔާއިން ޖޫރިމަނާކޮށްފައިވާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
ރާއްޖޭގައި ވޭޕު ބޭނުންކުރުމާއި ވިއްކުމާއި ހިލޭބެހުން މަނާކޮށް ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ޤާނޫނަށް ގެނައި އިސްލާޙަށް ޢަމަލުކުރަން ފަށާފައިވަނީ މިމަހުގެ 15 ވަނަ ދުވަހުން ފެށިގެންނެވެ.
ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ޤާނޫނުގެ ދަށުން ރާއްޖެއަށް ވޭޕްގެ ބާވަތްތަކާއި އެއާއެކު ބޭނުންކުރުމަށް ތައްޔާރުކޮށްފައި ހުންނަ ބާވަތްތައް އެތެރެކޮށްފިނަމަ 50،000 ރުފިޔާއިން ޖޫރިމަނާ ކުރާނެއެވެ. އަދި އެތެރެކުރާ ކޮންމެ އިލެކްޓްރޯނިކް ސިނގިރޭޓް ނުވަތަ ވޭޕަކަށް 10،000 ރުފިޔާގެ މަގުން ޖޫރިމަނާކުރާނެއެވެ.
ޤާނޫނާ ޚިލާފުވާ މީހުންނަށް މޯބައިލް ފޯނުގެ ޒަރިއްޔާއިން ކުރު މެސެޖެއް، ޖޫރިމަނާ ދެއްކުމަށް ވާރު ޕޭގެ ޕޭމަންޓް ލިންކެއް ހިމަނާފައި ފުލުހުން ފޮނުވާނެއެވެ. ފުލުހުން ވަނީ ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ޤާނޫނަށް ގެނައި އިސްލާހަށް ހުރިހާ މީހުންވެސް ފުރިހަމައަށް ޢަމަލުކުރުމަށާއި ޤަނޫނު ތަންފީޒްކުރުމުގައި ފުލުހުންގެ ޚިދުމަތަށް ފުރިހަމަ އެއްބާރުލުން ދިނުމަށް އިލްތިމާސްކުރައްވާފައެވެ.