ޚަބަރު

ހޫޘީންނަކީ ނިރުބަވެރި ޖަމާޢަތެއްގެ ގޮތުގައި ކަނޑައެޅުމަށް ޔަހޫދީން މަސައްކަތް ކުރަނީ


އީރާނުން ވާގިވެރިވާ ޔަމަނުގެ ހަނގުރާމަވެރި ޖަމާޢަތެއް ކަމަށްވާ ހޫޘީންނަކީ ނިރުބަވެރި ޖަމާޢަތެއްގެ ގޮތުގައި ކަނޑައެޅުމުގެ މަސައްކަތް ހައްދުފަހަނައަޅާފައިވާ ޔަހޫދީ ދައުލަތުން ފަށައިފިއެވެ. އެ ގޮތުން ވިލާތުގެ ޤައުމުތަކުގައި ހުންނަ ޔަހޫދީންގެ އެންބަސީތަކުން އެ މަސައްކަތް ކުރުމަށް ޔަހޫދީ ސަރުކާރުން ވަނީ އަންގައިފިއެވެ.

ޔަހޫދީ އިސްތިޢުމާރީ ފައުޖުގެ ޢޫދުވާނީ ޙަމަލާތަކުން ފަލަސްޠީނުގެ ރައްޔިތުން ދިފާޢުކޮށްދިނުމަށް ހޫޘީން ދަނީ ޔަހޫދީ ދައުލަތަށް އަމާޒުކޮށް ތަކުރާރުކޮށް ޑްރޯންނާއި މިސައިލު ޙަމަލާ ދެމުންނެވެ. އެ ޙަމަލާތަކުގެ ސަބަބުން ބައިނަލްއަޤްވާމީ ވިޔަފާރި މަގުތަކަށް ބުރޫއަރައި, އެ މަގުތައް ބޭނުންކުރާ ވިޔަފާރިތަކަށް ވަނީ ޚަރަދު ބޮޑު އަދި ދިގު މަގުތަކުން ދަތުރުކުރުމަށް މަޖުބޫރު ވެފައެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގުތައް އުފުލެން ވަނީ ފަށައިފައެވެ.

ޔަހޫދީ ދައުލަތުގެ ޚާރިޖީ ވަޒީރު ގިޑިއަން ޒާރު ނެރުނު ބަޔާނެއްގައި ބުނީ ހޫޘީންނަކީ ހަމައެކަނި ޔަހޫދީ ދައުލަތަށް އޮތް ނުރައްކަލެއް ނޫން ކަމަށާއި އެ ޖަމާޢަތަކީ މުޅި ސަރަޙައްދަށާއި ދުނިޔެއަށް ވެސް އޮތް ބިރުވެރިކަމެއް ކަމަށެވެ. އެންމެ ފުރަތަމަ ކުރަން ޖެހޭ އެންމެ އަސާސީ ކަމަކީ ހޫޘީންނަކީ ނިރުބަވެރި ޖަމާޢަތެެއްގެ ގޮތުގައި ރަސްމީކޮށް ކަނޑައެޅުން ކަމަށް އޭނާ ބުނެއެވެ. ޒާރު ބުނީ އދގެ ސަލާމަތީ މަޖިލީހުގެ ރައީސަށް ފޮނުވި ސިޓީއެއްގައި ހޫޘިންގެ ޙަމަލާތަކާއި އީރާނުން އެ ޖަމާޢަތަށް ދެމުންދާ ތާއީދު ކުށްވެރި ކުރުމަށް އެ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް ބޭއްވުމަށް އެދިފައިވާނެ ކަމަށެވެ.

ހޫޘީންނަކީ ނިރުބަވެރި ޖަމާޢަތެއްގެ ގޮތުގައި ކަނޑައަޅާފައިވާ ޤަައުމުތަކަކީ އެމެރިކާއާއި ސަޢުދީ ޢަރަބިއްޔާއާއި މެލޭޝިޔާއާއި އެކުވެރި ޢަރަބި ޢިމާރާތް (ޔޫއޭއީ)އާއި އޮސްޓްރޭލިޔާއާއި ކެނެޑާއާއި ނިއު ޒީލެންޑާއި ޔަހޫދީ ދައުލަތެވެ.