ޚަބަރު

މަސްވެރިން ކިރުވާ މަހަށް 48 ގަޑިއިރުގެ ކުރިން މިހާރު ދަނީ ފައިސާ ޖަމާކޮށްދެމުން: މިފްކޯ


  • 24 ގަޑިއިރުގެ ތެރޭގައިވެސް އޮޮޑިވެރިންނަށް ފައިސާ ޖަމާކޮށްދޭ

  • ސަރުކާރުން މިކަމުގައިދޭ އެއްބާރުލުން މިފްކޯއިން ފާހަގަކުރައްވާ

މަސްވެރިން ކިރުވާ މަހަށް 48 ގަޑިއިރުގެ ކުރިން މިހާރު ފައިސާ ޖަމާކޮށްދެމުން އަންނަކަަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޑެޓް، މިފްކޯއިން ވިދާޅުވެއްޖެއެވެ. މަސްވެރިން ބާނާ މަހަށް 48 ގަޑިއިރުގެތެރޭގައި ފައިސާ ދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދެކެވެ.

މި ސަރުކާރު ވެރިކަމާ ހަވާލުވީއިރު، މަސްވެރިން ކިރުވާފައިވާ މަހަށް ގިނަ ޢަދަދެއްގެ ފައިސާ ނުދީ އޮތެވެ. އެގޮތުން 230 މިލިޔަނެއްހާ ރުފިޔާ މަސްވެރިންނަށް ނުދީ އޮތެވެ. ނަމަވެސް ކުޑަ ދުވަސްކޮޅެއްގެތެރޭގައި އެ ފައިސާ ދިނުމަށްފަހު، މަސްވެރިންނާއި އޮޑިވެރިންނަށް މިހާތަނަށް ދޭންޖެހޭ ހުރިހާ ފައިސާއެއް ވަނީ ދީ ޚަލާސްކޮށްފައެވެ. އަދި މަސްވެރިންނާއި އޮޑިވެރިންނަށް ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންފައިވާ 48 ގަޑއިރުގެތެރޭގައި ފައިސާ ދިނުމުގެ ވަޢުދު ވަނީ ފުއްދަވާފައެވެ. މިއަހަރުގެ މަސްވެރިންގެ ދުވަހުން ފެށިގެން އަންނަނީ 48 ގަޑިއިރުގެ ތެރޭގައި އޮޑިވެރިންނަށް ފައިސާ ޖަމާކޮށްދެމުންނެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޑެޓް، މިފްކޯއިން ވިދާޅުވީ، 48 ގަޑިއިރުގެ ކުރިން މިހާރު އޮޑިވެރިންނަށް ފައިސާ ޖަމާކޮށްދެމުންދާކަމަށެވެ. އެގޮތުން 24 ގަޑިއިރުގެ ތެރޭގައިވެސް މިހާރު އޮޑިވެރިންނަށް އެމީހުން ކިރުވާ މަހަށް ފައިސާ ޖަމާކޮށްދެމުންދާކަމަށް މިފްކޯއިން ވިދާޅުވިއެވެ.

މިފްކޯއިން ވިދާޅުވީ، މިކަމުގައި ބޭންކް އޮފް މޯލްޑިވްސްއާއި، މާލީ ވުޒާރާއާއި މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާގެ ފަރާތުން ވަރަށް ބޮޑު އެހީތެރިކަމަކާއި އެއްބާރުލުމެއް ލިބެމުންދާކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވުމަށްފަހު މިހާތަނަށް އޮޑިވެރިންނަށް 973،744،789 ރުފިޔާ ވަނީ ދޫކޮށްފައެވެ. މިއީ 55،299 މެޓްރިކް ޓަނަށް ދޫކޮށްފައިވާ ފައިސާގެ އަދަދެވެ. މިއީ ރެކޯޑް ޢަދަދެކެވެ.