ޚަބަރު

ރަށްރަށުގައި ތިބި ކެންސަރަށް ފަރުވާހޯދާ މީހުން ދަފްތަރު ކުރުމުގެ މަސައްކަތް އަންނަ އަހަރު ފަށަނީ


  • މާލެ ސަރަޙައްދުން 1474 މީހުން ވަނީ ދަފުތަރުކޮށްފައި

  • އަތޮޅުތަކުގައި އެމަސައްކަތް ފަށަނީ ބޮޑެތި ހޮސްޕިޓަލްތަކުން

ކެންސަރު ބައްޔަށް ފަރުވާ ހޯދާ މީހުންގެ ތެރެއިން އަތޮޅުތަކުގެ ރަށްތަކަށް ނިސްބަތްވާ މީހުން ދެނެގަނެ "ކެންސަރު ދަފުތަރު"ގައި ރަޖިސްޓްރީ ކުރުމުގެ މަސައްކަތްތައް އަންނަ އަހަރު ފަށާނެކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭއިން ވިދާޅުވެއްޖެއެވެ.

އެޗްޕީއޭއިން މިހާރު އަންނަނީ މާލެ ސަރަޙައްދުގައި ކެންސަރު ޖެހިފައި ތިބި މީހުންގެ ތަފާސްހިސާބުތައް އެއްކުރުމުގެ މަސައްކަތް ކުރަމުންނެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އެޗްޕީއޭއިން ވިދާޅުވީ މާލެ ސަރަހައުދުން މިހާތަނަށް 1474 މީހަކު ކެންސަރު ދަފްތަރުގައި ރަޖިސްޓަރކޮށްފައިވާކަމަށެވެ. އަދި އަހަރު ނިމުމުގެ ކުރިން މާލެ ސަރަޙައްދުގެ މަސައްކަތްތައް ނިމެނޭކަމަށް އެޗްޕީއޭއިން ވަނީ ވިދާޅުވެފައެވެ. އެގޮތުން މާލެ ސަރަހައްދުގައި އެންމެ ގިނައިން ފާހަގަވެފައިވަނީ އުރަމަތީގެ ކެންސަރާއި ފުއްޕާމެއާއި ތައިރޮއިޑް އަދި ލޭގެ ކަންސަރުކަން އެޗްޕީއޭއިން ފާހަގަކުރެވެއެވެ.

އެޗްޕީއޭއިން ވިދާޅުވީ ރަށްރަށުގެ މަޢުލޫމާތުތައް އެއްކުރުމުގެ މަސައްކަތް އަންނަ އަހަރުގެ ތެރޭގައި ފަށާނެކަމަށެވެ. އެގޮތުން އެމަސައްކަތް ފުރަތަމަ ފެށުމަށް ހަމަޖެހިފައިވަނީ އަތޮޅުތެރޭގެ ބޮޑެތި ހޮސްޕިޓަލްތަކުންކަމަށެވެ. އަދި އެއަށްފަހު މުޅި ރާއްޖޭގައި އެމަސައްކަތް ކުރިއަށްގެންދާނެކަމަށްވެސް އެޗްޕީއޭއިން ވިދާޅުވެއެވެ.

ރާއްޖޭގައި ކެންސަރު ޖެހޭ މީހުންގެ ޢަދަދު އިތުރުވަމުން އަންނައިރު މިއަދާ ހަމައަށް އައިއިރުވެސް ކެންސަރުގެ ތަފާސްހިސާބުތައް އެކުލަވާލަފައެއް ނުވެއެވެ. އެހެންކަމުން މިހާރު މަސައްކަތް ކުރަމުން އަންނަނީ ކެންސަރު ބަލީގައި ފަރުވާ މީހުން ދެނެގަނެ "ކެންސަރ ޕޭޝަންޓް ރަޖިސްޓްރީ"އެއް އެކުލަވާލުމުގެ މަސައްކަތެވެ.

ރާއްޖޭގައި ކެންސަރު ބައްޔާ ގުޅޭ ޚިދުމަތްދޭ ސަރުކާރުގެ މައި ހޮސްޕިޓަލަކީ ހުޅުމާލެ ހޮސްޕިޓަލެވެ. ކެންސަރު ބަލީގައި ހުޅުމާލެ ހޮސްޕިޓަލްގައި ރަޖިސްޓަރކޮށްފައިވާ މީހުންގެ ތަފާސްހިސާބުތަކަށް ބަލާއިރު ކެންސަރު ބަލީގެ މީހުން އެންމެ ގިނައީ، މާލެ، އައްޑޫ، ހއ، ހދ، ށ އަދި ރ އަތޮޅުގައެވެ.

ކެންސަރު ބަލީގެ މީހުންނަށް މައިގަނޑު ބޮޑެތި ހުރިހާ ފަރުވާތައް މިހާރުވެސް ދެނީ ރާއްޖެއިން ބޭރުންނެވެ. އެކަމަށް ރައްޔިތުންނާއި ސަރުކާރުން ބޮޑު ހޭދައެއް ކުރާއިރު، މިއީ ބަލިމީހާއަށް ބޮޑު ތަކުލީފެއްވެސް ލިބޭ ކަމެކެވެ. ރާއްޖޭގައި މަރުވާ މީހުންގެ %84އަކީ ގައިންގަޔަށް ނާރާ ބަލިތަކުގައި މަރުވާ މީހުންނަށްވާއިރު، މީގެތެރެއިން %17އަކީ ކެންސަރު ބަލީގައި މަރުވާ މީހުންނެވެ.

ސަރުކާރުގެ އެންމެ ބޮޑު ޢަމާޒަކީ މި ތަކުލީފުން ރައްޔިތުންނަށް ލުޔެއް ހޯދައިދިނުމެވެ. އެންމެ ޒަމާނީ ޚިދުމަތްތަކާއެކު ފުލްފްލެޖް ކެންސަރ ހޮސްޕިޓަލެއް ރާއްޖޭގައި ތަރައްޤީކުރުމަށް މިހާރު ވަނީ ނިންމާފައެވެ.