ޚަބަރު

ޕާކިސްތާނުން އަފްޣާނިސްތާނަށް ބޮން އެޅުމުން ޠާލިބާނުން ބަދަލުހިފަން ތައްޔާރުވަނީ


އަފްޣާނިސްތާނުގެ ޕަކްތިކާ ޕްރޮވިންސަށް ޕާކިސްތާނުގެ އަސްކަރިއްޔާއިން ބޮން އަޅައި 50އެއްހާ މީހުން މަރައިލައިފިއެވެ.

އަފްޣާނިސްތާނުގައި ވެރިކަން ކުރާ ޠާލިބާން ޖަމާޢަތުގެ ދިފާޢީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނީ ޕާކިސްތާނުގެ އަސްކަރިއްޔާއިން ދިން ޙަމަލާތައް އަމާޒުވެފައި ވަނީ ޢާންމުންނަށް ކަމަށެވެ. އަދި އެ ޙަމަލާތަކުގައި އަންހެނުންނާއި ކުޑަކުދިން މަރުވި ކަމަށާއި އެ ސަރަޙައްދަކީ ވަޒިރިސްތާނުން ގެދޮރު ގެއްލުނު މީހުން ދިރިއުޅެމުންދާ ސަރަޙައްދެއް ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

ޠާލިބާނުންގެ ބަޔާނުގައި ޕާކިސްތާނުގެ އަސްކަރިއްޔާއިން ދިން ޙަމަލާ ސިފަކޮށްފައި ވަނީ އަފްޣާނިސްތާނުގެ ސިޔާދަތަށާއި މިނިވަން ކަމަށް ދިން ޙަމަލާއެއްގެ ގޮތުގައެވެ. އަދި އެ ފަދަ ޢުދުވާންތައް ހިންގައިގެން ޕާކިސްތާނަށް ޙާޞިލްކުރެވޭނެ ކަމެއް ނެތް ކަމަށް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. އަފްޣާނިސްތާން ދިފާޢު ކުރުމަކީ ޠާލިބާނުންގެ ވާޖިބެއް ކަމަށް ބުނެ އެ ޙަމަލާތަކުގެ ބަދަލުހިފާނެ ކަމުގެ އިންޒާރު ވެސް އެ ޖަމާޢަތުން ވަނީ ދީފައެވެ.

ފާއިތުވި ދުވަސްތަކުގައި އަފްޣާނިސްތާނާއި ޕާކިސްތާނުގެ ގުޅުން ވަނީ ގޯސްވެފައެވެ. އެ ގޮތުން ނުރައްކާތެރި ހަނގުރާމަވެރިންނަށް ހިމާޔަތް ދޭ ކަމަށް ބުނެ އެއް ޤައުމު އަނެއް ޤައުމު ދަނީ ކުށްވެރިކުރަމުންނެވެ. އަފްޣާނިސްތާނަށް ޕާކިސްތާނުގެ އަސްކަރިއްޔާއިން ބޮން އެޅީ މަޞްރަހް ފިނި ކުރަން ޕާކިސްތާނުގެ ވަފުދެއް އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގައި ތިއްބައެވެ.