ދިވެހިންނަކީ ޤައުމަށް ދިމާވާ މުހިންމު ކޮންމެ ޙާލަތެއްގައިވެސް އަބަދުވެސް ބަދަހިކަން ދައްކާ ބައެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ޤައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިޔާގައި ޙިއްސާކުރެއްވި ޕޯސްޓެއްގައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ދިވެހީންނަކީ ޤައުމަށް ދިމާވާ ކޮންމެ މުހިންމު ހާލަތެއްގައި އެއް ޢާއިލާއެއްގެ ބަދަހިކަން ދައްކާ، އުޚްވަތްތެރި، އެކުވެރި، އޯގާތެރި، ހެޔޮލަފާ ރައްޔިތުންތަކެއްކަމަށެވެ.
— Dr Mohamed Muizzu (@MMuizzu) December 26, 2024
ދިވެހީންގެ އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފްވެސް ވަނީ ޤައުމަށް ދިމާވާ ދަތިތަކުން އަރައިގަނެ، ޤައުމީ ތަރައްޤީގެ މަސައްކަތް ހަލުވިކުރުމަށްޓަކައި އެއްބައިވަންތަކަން އިސްކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އަދި މިކަންކަން ޙާސިލުކުރުމަށް ޤައުމީ ރޫޙެއްގައި މަސައްކަތްކުރުންވެސް ވަރަށް މުހިންމުކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ މުޖުތަމަޢުގެ ދުޅަހެޔޮކަން ބިނާވަނީ އެއްބައިވަންތަކަމާއި ބަދަހި ގުޅުންތަކުގެ މައްޗަށްކަމަށެވެ.
— Hussain Mohamed Latheef (@HucenSembe) December 26, 2024
ޤައުމީ އެއްބައިވަންތަކަމުގެ ދުުވަހުގެ މުނާސަބަތުގައި ކުރީގެ ބައެއް ރައީސުންނާއި ދައުލަތުގެ ވަޒީރުންވެސް ވަނީ މީގެ 20 އަހަރު ކުރިން، ސުނާމީ ކާރިސާގައި ދިވެހިން ދައްކުވައިދިނީ އެއްބައިވަންތަކަމަކީ އެކަކު އަނެކަކަށް އަޅާލުމާއި އެހީތެރިވުުމުގެ ލާމަސީލު މިސާލެއްކަން ފާހަގަކުރައްވާ ދުވަހުގެ ތަހުނިޔާ ދަންނަވާފައެވެ.
އެއްބައިވަންތަކަމުގެ ދުވަހުގެ ހެޔޮއެދުންތައް އެންމެހާ ދިވެހިންނަށް އަރިސްކުރަން. މީގެ 20 އަހަރު ކުރިން، ސުނާމީ ކާރިސާގައި ދިވެހިން ދައްކުވައިދިނީ އެއްބައިވަންތަކަމާއި އެކަކު އަނެކަކަށް އަޅާލުމާއި އެހީތެރިވުުމުގެ ލާމަސީލު މިސާލެއް. އަޅުގަނޑުމެންގެ މެދުގައި މިއޮންނަ ބަދަހި ގުޅުން…
— Ibrahim Mohamed Solih (@ibusolih) December 26, 2024
ރާއްޖޭގައި ކޮންމެ އަހަރަކުވެސް ޤައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ޑިސެންބަރު މަހުގެ 26 ވަނަ ދުވަހެވެ. މި ދުވަސް ފާހަގަކުރަނީ 2004 ވަނަ އަހަރު ރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިޘާއިން ލިބުނު ގެއްލުމުން އަރައިގަތުމަށްޓަކައި އެއްބައެއްގެ ގޮތުގައި ދިވެހިންކުރި މަސައްކަތާއި، ދައްކުވައިދިން އަޚްވަންތަކަން ފާހަގަކުރުމަށެވެ. އަދި އެ ކާރިސާގައި ދުނިޔެ ދޫކުރި މީހުންގެ މަތިން ހަނދާންއާކުރުމަކީވެސް މިދުވަސް ފާހަގަކުރުމުގެ ބޭނުމެކެވެ.
ސުނާމީ ކާރިޘާއަކީ އެތައް އަހަރެއްވަންދެން ދިވެހިން އާރާސްތުކުރި ދިރިއުޅުން އެތައް އަހަރެއް ފަހަތަށްޖެހި އަލުން ދިރިއުޅުން އާރާސްތުކުރަން ޖެހުނު ހިތްދަތި ކާރިޘާއެކެވެ. މި ކާރިޘާގައި ރާއްޖެއިން 82 މީހުން މަރުވެ 26 މީހުން ގެއްލުނެވެ.
މި ހިތާމަވެރި ކާރިޘާއިން އަރައިގަތުމަށް ދައުލަތާއި ރައްޔިތުން ގުޅިގެން ގިނަ މަސައްކަތްތަކެއްކުރަންޖެހުނެވެ. މި މަސައްކަތުގައި އާދަޔާޚިލާފު އެއްބައިވަންތަކަމެއް ދިވެހިން ދެއްކިއެވެ. އެހެންކަމުން ޤައުމީ އެއްބައިވަންތަކަމުގެ ދުވަސް މިއަދު އަޅުގަނޑުމެން ފާހަގަކުރަނީ އެދުވަހު ދިވެހިން ދެއްކި އެއްބައިވަންތަކަމާއި އެކުވެރިކަމާއި އަޚުވަންތަކަމުގެ ނަމޫނާގެ ސަބަބުންނެވެ.