ވައްކަމުގެ މައްސަލައެއްގައި ކުށް ސާބިތުވެ ގޭބަންދުގައި ހުރި މީހަކު އިތުރު ވައްކަމުގެ މައްސަލައެއްގައި ދިވެހި ފުލުހުންގެ ޚިދުމަތުން ހައްޔަރުކޮށްފިއެވެ.
ފުލުހުން ވިދާޅުވީ މާފަންނުގައި ހުންނަ "ސްޕައި އެންޑް ޓެކް" މޯބައިލް ފިހާރައިގެ ދޮރު ހަލާކުކޮށްލައިގެން މި މަހުގެ 26 ވަނަ ދުވަހުގެ ފަތިހު 4:00 ހާއިރު އެފިހާރައިން ވައްކަން ކޮށްފައިވާ މައްސަލައިގައި ތުހުމަތުކުރެވޭ މީހާ ހައްޔަރުކޮށް، ވަގަށް ނަގާފައިވާ ފޯނުތައް ހޯދާފައިވާ ކަމަށެވެ. އެގޮތުން ހައްޔަރުކޮށްފައިވަނީ ރ. މީދޫ، ބުލްބުލްގެ، އުމުރުން 40 އަހަރުގެ އަޒްމީލް މުޙައްމަދު ކަމަށް ފުލުހުން ވިދާޅުވެއެވެ.
ފުލުހުން ވިދާޅުވީ އަޒްމީލް ހައްޔަރުކޮށް، ބަލައިފާސްކުރިއިރު ސްޕައި އެންޑް ޓެކް ފިހާރައިން ވަގަށް ނަގާފައިވާކަމަށް ބެލެވޭ 5 ފޯނު ފެނިފައިވާ ކަމަށެވެ.
މި މައްސަލާގައި ހައްޔަރުކޮށްފައިވާ އަޒްމީލް މުޙައްމަދަކީ މިއަހަރުގެ އޮކްޓޫބަރު މަހުގެ 6 ވަނަ ދުވަހުގެ ވަގުތެއްގައި "ކްރޭވެސް ޓޭކްއަވޭ" ރެސްޓޯރަންޓުން ވައްކަން ކޮށްފައިވާ މައްސަލައަކާ ގުޅިގެން ކުށް ސާބިތުވެ 5 މަހާއި 22 ދުވަހަށް ގޭބަންދުކުރުމަށް ހުކުމްކޮށްފައިވާ މީހެއް ކަމަށްވެސް ފުލުހުން ވިދާޅުވެއެވެ. އޭނާއަށް ހުކުމްކޮށްފައިވަނީ މިދިޔަ މަހުގެ 6 ވަނަ ދުވަހުއެވެ.
އަޒްމީލަކީ މީގެކުރިންވެސް އެކި މައްސަލަތަކާ ގުޅިގެން 59 ފަހަރެއްގެ މަތިން ހައްޔަރުކޮށްފައިވާ މީހެއް ކަމަށާއި މަސްތުވާތަކެތި ބޭނުންކުރުމާއި ވައްކަމާއި ފޭރުމުގެ ކުށުގެ ރެކޯޑު އޮންނަ މީހެއް ކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.
ފުލުހުން ވިދާޅުވީ "ސްޕައި އެންޑް ޓެކް" މޯބައިލް ފިހާރައިން ވައްކަންކޮށްފައިވާ މައްސަލައާ ގުޅިގެން އަޒްމީލް މުޙައްމަދުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހުގެ ބަންދުގެ މުއްދަތެއް ދީފައިވާ ކަމަށެވެ.