ޔަހޫދީ އިސްތިޢުމާރީ ފައުޖުން ޣައްޒާގެ ކަމާލް އަދްވާން ހަސްފަތާލަށް ވަދެގަނެ އެ ހަސްފަތާލުގައި ތިބި އެތައް ސަތޭކަ ބަލިމީހުންނާއި ޢާންމުންނާއި ޞިއްޙީ ޚިދުމަތްތެރިން އެ ތަން ދޫކޮށް ދިއުމަށް މަޖުބޫރު ކޮށްފިއެވެ.
ކަމާލް އަދްްވާން ހަސްފަތާލުން ނިކުތުމަށް މަޖުބޫރު ކޮށްފައިވާ 350އަށްވުރެ ގިނަ މީހުންގެ ތެރޭގައި 75 ބަލި މީހުންނާއި އެ މީހުންގެ އެހީތެރިންނާއި 185 ޞިއްޙީ ޚިދުމަތްތެރިން ހިމެނޭ ކަމަށް ފަލަސްޠީނުގެ ޞިއްޙީ ވުޒާރާއިން ބުނެއެވެ.
ފަލަޞްޠީނުގެ ޞިއްޙީ ވުޒާރާއިން ބުނީ ޔަހޫދީ ފައުޖުން އެ ހަސްފަތާލުގެ ބައެއްގައި ހުޅު ޖަހައި އަލިފާން ރޯކޮށްފައިވާ ކަމަށާއި ހަސްފަތާލުގެ އެތެރޭގައި ތިބި ޞިއްޙީ ޚިދުމަތްތެރިންނާ މުވާޞަލާތީ ގުޅުން ކެނޑިފައިވާ ކަމަށެވެ. ފަލަޞްޠީނުގެ ޞިއްޙީ ވަޒީރުގެ ނައިބު, ޔޫސުފް އަބޫ އަލް-ރިޝް ވިދާޅުވީ ރޯކޮށްލާފައިވާ ތަންތަނުގެ ތެރޭގައި ހަސްފަތާލުގެ ސާޖިކަލް ޑިޕާޓްމަންޓާއި ލެބޯޓްރީއާއި ގުދަނެއް ހިމެނޭ ކަމަށެެވެ. އެ ޙަމަލާގައި ކުޑަކުދިންގެ ޑޮކްޓަރެއް ހިމެނޭ ގޮތަށް ފަސް ޞިއްޙީ ޚިދުމަތްތެރިން ވަނީ ޝަހީދުވެފައެވެ.
ޣައްޒާގެ އުތުރުގައި މި ވަގުތު ހުރި ޞިއްޙީ ފަރުވާ ދެވޭ ހަމަ އެކަނި ތިން ޞިއްޙީ މަރުކަޒުގެ ތެރެއިން އެއް މަރުކަޒު ކަމަށްވާ ކަމާލް އަދްވާން ހަސްފަތާލަށް ޔަހޫދީ ފައުޖުން ޙަމަލާތައް އަމާޒު ކުރަމުންދާތާ ގިނަ ހަފުތާތަކެއް ވެއްޖެއެވެ. އެ ސަރަޙައްދުގައި ހުންނަ އިންޑޮނޭޝިއަން ހަސްފަތާލާއި އަލް-އަދްވާ ހަސްފަތާލަށް ވެސް ޔަހޫދީންގެ ދުއްތުރާ ޖެހި, މުޅި ބައިތު ލާހިޔާގައި ވެސް ޞިއްޙީ ޚިދުމަތް ފޯރުކޮށްދިނުމަށް ވަނީ ދަތިވެފައެވެ. ކަމާލް އަދްވާން ހަސްފަތާލުން ހުސްކުރި ބަލި މީހުންނާއި ޞިއްޙީ ޚިދުމަތްތެރިން ބަދަލުކޮށްފައި ވަނީ އޭގެ އެއް ދުވަސް ކުރިން ޔަހޫދީ ފައުޖުތަކުން ބޭނުން ނުކުރެވޭ ވަރަށް ސުންނާފަތި ކޮށްލާފައިވާ އިންޑޮނޭޝިއަން ހޮސްޕިޓަލަށް ކަމަށް ވެއެވެ.
ޣައްޒާގެ އެހެން ސަރަޙައްދަކަށް ޔަހޫދީ އިސްތިޢުމާރީ ފައުޖުން ދިން އެހެން ޙަމަލާއެއްގައި 25 މީހުން ވަނީ ޝަހީދު ކޮށްލައިފައެވެ. އޭގެ ތެރެއިން 15 މީހުންނަކީ އެއް ގެއެއްގެ ތެރޭގައި ތިބި މީހުން ކަމަށް ކުއްލި ފަރުވާ ދޭ ޚިދުމަތުން ބުނެއެވެ.
ޣައްޒާގެ އުތުރުގައި ޔަހޫދީ ފައުޖުތަކުން ދެމުންދާ ޙަމަލާތަކުގެ ސަބަބުން ޖަބާލިއާއާއި ބައިތު ލާހިޔާއާއި ބައިތު ޙަނޫނު ސަރަޙައްދު ވަނީ މީހުން ހުސްވެ ފަޅުވެފައެވެ. އެ ސަރަޙައްދުގައި ތިބި އާބާދީތައް ދާއިމީކޮށް ނައްތާލައި މުޅި ސަރަޙައްދު ސުންނާފަތި ކުރުމަށް ޔަހޫދީ ފައުޖުން ކުރަމުންދާ މަސައްކަތުން އެ ސަރަޙައްދަކީ ކުރިއަށް އޮތް ތަނުގައި ބަފަރު ޒޯނަކަށް ހެދުމަށް ނިރުބަވެރި ޔަހޫދީން މަސައްކަތް ކުރަމުންދާ ކަމަށް ބެލެވެއެވެ.
ޔަހޫދީ ފައުޖުން ޣައްޒާގެ މުސްލިމުންގެ ނަސްލުހޭދު ކުރަން ލާއިންސާނީ ޖަރީމާތަކެއް ހިންގަން ފަށާފައި ވަނީ 2023 އޮކްޓޫބަރު 7ގައި ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުގެ މުޖާހިދުން ޒަޔަނިސްޓުންގެ ރަށްތަކަށް ދީފައިވާ ޖިހާދީ ޙަމަލާތަކުގެ ބަދަލު ހިފުމުގެ ގޮތުންނެވެ. ޙަމާސުން ޔަހޫދީންގެ ރަށްތަކަށް ޙަމަލާ ދީފައި ވަނީ، ޔަހޫދީންގެ އަޅުވެތިކަމާއި އިސްތިޢުމާރީ ވެރިކަމަށް ކެތް ނުކުރެވިގެންނެވެ. އެ ޙަމަލާތަކަށް ފަހު ޙަމާސްގެ މުޖާހިދުން ވަނީ 250އެއްހާ ޔަހޫދީން ރަހީނު ކޮށްގެން ޣައްޒާއަށް ގެންގޮސްފައެވެ.
ޔަހޫދީންގެ ޢުދުވާނުގެ ދަށުން ދެމުންދާ ޙަމަލާތައް އަމާޒު ކުރަމުން ދަނީ ޣައްޒާގެ ޢާންމު ރައްޔިތުންގެ ގެދޮރާއި ރެފިއުޖީ ކޭމްޕުތަކަށެވެ. ހަސްފަތާލުތަކާއި މަދަރުސާތަކާއި މިސްކިތްތަކަށާއި ޢުމްރާނީ ވަސީލަތްތަކަށެވެ. ޢުދުވާނުގެ ދަށުން ޣައްޒާގެ ޢުމްރާނީ ވަސީލަތްތަކުގެ ތެރެއިން ބޮޑު އިންސައްތައެއް ސުންނާފަތިކޮށް ބިމާ ހަމަކޮށްލާފައިވާއިރު، ޣައްޒާގެ 2.3 މިލިޔަން މީހުންގެ އާބާދީގެ ބޮޑު އިންސައްތައެއް ވަނީ ގެދޮރު ނެތިކޮށްލާފައެވެ. އަދި، ޣައްޒާއަށް ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު އެތެރެ ކުރުމަށް ހުރަސް އަޅައި، ޔަހޫދީން ވަނީ ޣައްޒާގެ އާބާދީގެ ބޮޑު އިންސައްތައެއް ހައިހޫނުގައި ޖައްސާފައެވެ.
ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގައި ޝަހީދުކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 45,300އަށް އުފުލިފައެެވެ. އޭގެ ތެރޭގައި 17,000އެއްހާ ކުޑަކުދިން ހިމެނޭއިރު, އިތުރު 10,000އެއްހާ މީހުންގެ ހަށިތައް ސުންނާފަތި ކޮށްލާފައިވާ އިމާރާތްތަކުގެ ދަށުގައި ތާށިވެފައިވާ ކަމަށް ޣައްޒާގެ އޮފިޝަލުން ޤަބޫލު ކުރެއެވެ. ޣައްޒާ ޢުދުވާނުގައި ޔަހޫދީ ފައުޖުން ވަނީ 108,038 މީހުން ޒަޚަމު ކޮށްލާފައެވެ.