މިއަހަރުގެ 3 ވަނަ ކުއާޓަރގައި ޖެޓް ފިއުލް ވިއްކައިގެން ލިބުނު އާމްދަނީ އިތުރުވެފައިވާކަމަށް މޯލްޑިވްސް މަނިޓަރީ އޮޓޯރިޓީ، އެމްއެމްއޭގެ ރިޕޯޓުން ދައްކައިފިއެވެ.
ރާއްޖެ އަންނަ ބޯޓުތަކަށް ޖެޓް ފިއުލް ވިއްކުމަކީ އެމްއޭސީއެލްއިން ދެމުންއަންނަ ޚިދުމަތެކެވެ. އެމްއެމްއޭގެ ކުއާޓާރލީ އިކޮނޮމިކް ބުލެޓިން ރިޕޯޓުން ދައްކާގޮތުން މިއަހަރުގެ 3 ވަނަ ކުއާޓަރގައި ޖެޓް ފިއުލް ވިއްކައިގެން ލިބުނު އާމްދަނީ ވަނީ އޭގެ ކުރީ ކުއާޓާރއާއި އަޅާބަލާއިރު %14 އިތުރުވެފައެވެ. އެގޮތުން މިއަހަރުގެ 3 ވަނަ ކުއާޓާރގައި ޖެޓް ފިއުލް ވިއްކައިގެން އާމްދަނީގެ ގޮތުގައި 5.3 މިލިޔަން ޑޮލަރު ލިބިފައިވާކަމަށް އެމްއެމްއޭގެ ރިޕޯޓުން ދައްކައެވެ.
މި ރިޕޯޓްގައިވާގޮތުން ޖެޓް ފިއުލް ވިއްކައިގެން ލިބުނު އާމްދަނީ އިތުރުވެފައިވަނީ މި ކުއާޓަރގައި ރާއްޖެ އައި އެއަރލައިންތަކުގެ އަދަދު އިތުރުވެފައިވުމުންނެވެ. ރާއްޖެ އަންނަ އެއަރލައިންތަކުގެ އަދަދު ދުވަހެއް ދުވަހަކަށް އަންނަނީ އިތުރުވަމުންނެވެ. ޝެޑިއުލް ގިނަ އެއަރލައިންތަކަކުން ރާއްޖެއަށް ދަތުރުކުރަމުންދާއިރު ޗާޓަރ ދަތުރުތައްވެސް ގިނަ އެއަރލައިންތަކަކުން ބާއްވައެވެ. މީގެއިތުރުން ރާއްޖެއަކީ ގިނަ އަދަދަކަށް ޕްރައިވެޓް ޖެޓްތައްވެސް ދަތުރުކުރާ ޤައުމެކެވެ.
ވީއައިއޭގެ އައު ފިއުލް ފާމާއި ފިއުލް ހައިޑްރަންޓް ސިސްޓަމް މިދިޔަ މަހުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ހުޅުވައިދެއްވާފައެވެ. ކުރިން ބޭނުންކުރި ފިއުލް ފާމަކީ 13 މިލިޔަން ލީޓަރުގެ ތެޔޮ ރައްކާކުރެވޭ ފާމެކެވެ. ނަމަވެސް އަލަށް ތަރައްޤީކޮށް ބޭނުންކުރަން ފެށި ފިއުލް ފާމުގައި 45 މިލިޔަން ލީޓަރުގެ ޖެޓް ފިއުލް ރައްކާކުރެވެއެވެ. މީގެ އިތުރުން 1 މިލިޔަން ލީޓަރުގެ ޑީސަލާއި، 100،000 ލީޓަރުގެ ޕެޓްރޯލްވެސް ރައްކާކުރެވެއެވެ.
ފިއުލް ހައިޑްރަންޓް ނެޓްވޯކާއެކު، ފްލައިޓްތަކަށް ތެޔޮ އެޅުމަށް ހޭދަވާ ވަގުތު ވަރަށް ބޮޑަށް ކުޑަވެފައެވެ. މި ޚިދުމަތް ދިނުމަށް 8.4 ކިލޯމީޓަރުގެ ވިއުގައެއް ވަނީ އަޅާފައެވެ. މި ނިޒާމް ބޭނުންކޮށްގެން އެއްފަހަރާ 7 ބޯޓަށް ތެޔޮ އެޅުމުގެ ޚިދުމަތް ދެވޭނެކަމަށް އެމްއޭސީއެލްއިން ވިދާޅުވެއެވެ.
ފަތުރުވެރިކަމާއި ބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ ނޮވެމްބަރ މަހުގެ ނިޔަލަށް ވައިގެމަގުން ރާއްޖެއަށް 1.8 މިލިޔަނަށްވުރެ ގިނަ ފަތުރުވެރިން ވަނީ އައިސްފައެވެ. މީގެތެރެއިން އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަށެވެ. 2 ވަނައަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ގަން އިންޓަނޭޝަނަލް އެއަރޕޯޓަށެވެ.