ޚަބަރު

ދެކުނު ކޮރެޔާގައި މަތިންދާބޯޓެއް ވެއްޓި 179 މީހުން މަރުވެއްޖެ، ސަލާމަތްވީ ދެ ފަޅުވެރިން


ދެކުނު ކޮރެޔާގެ ޖޭޖޫ އެއަރގެ މަތިންދާބޯޓެއް، ވައިގެ ބަނދަރުގައި ޖެއްސުމުގެ ތެރެއިން އަލިފާން ރޯވެ، 179 މީހުން މަރުވެއްޖެއެވެ. މަތިންދާބޯޓުގައި ބޮޑު ހުޅުގަނޑެއް ރޯވެ، ބޮޑު ގޮވުމެއް ގޮވާފައި ވަނީ މުއާން ބައިނަލްއަޤުވާމީ ވައިގެ ބަނދަރުގައި ޖެއްސުމަށް މަސައްކަތް ކުރަމުން ދަނިކޮށެވެ. މަތިންދާބޯޓުގައި ދަތުރު ކުރި ދެ މީހުން ފިޔަވައި އެހެން ހުރިހާ ފަޅުވެރިންނާއި ފަސިންޖަރުން މަރުވެފައިވާ ކަމަށް ބެލެވޭ ކަމުގައި ދެކުނު ކޮރެޔާގެ ދަތުރުފަތުރާ ބެހޭ ވުޒާރާއިން ހާމަކުރިއެވެ.

މި ހާދިސާ ހިނގި ވަގުތު ނަގާފައިވާ ވީޑިޔޯތަކުން ފެންނަނީ، ލޭންޑިންގ ގިޔަރ ނުވަތަ އެއްގަމުގައި ދަތުރު ކުރުމަށް ބޭނުން ކުރާ ފުރޮޅުތަކާ ނުލައި، ވައިގެ ބަނދަރުގެ ރަންވޭ މަތީގައި މަތިންދާބޯޓު ޖެއްސުމަށް މަސައްކަތް ކުރަމުން ދިޔަ މަންޒަރެވެ. އަދި، ރަންވޭއިން ބޭރަށް ކަހައިލައި، ބޮޑު ހުޅުގަނޑެއް ފަޅައިގެންދާ މަންޒަރެވެ. ރަންވޭއިން ކަހައިލައިގެން ގޮސް، މަތިންދާބޯޓު ޖެހިފައި ވަނީ ވައިގެ ބަނދަރުގައި ހުރި އިމާރާތެއްގެ ފާރުގައެވެ.

ވެއްޓިފައިވާ ޖޭޖޫ އެއަރގެ މަތިންދާބޯޓަކީ ތައިލެންޑުގެ ބެންކޮކުން ފުރައިގެން ދެކުނު ކޮރެޔާގެ ދެކުނުގައި އޮތް މުއާނަށް ދަތުރު ކުރަމުން ދިޔަ މަތިންދާބޯޓެކެވެ. އޭގައި 175 ފަސިންޖަރުންނާއި ހަ ފަޅުވެރިން ތިއްބެވެ. އޭގެ ތެރޭގައި ތައިލެންޑުގެ ދެ ރައްޔިތުން ހިމެނެއެވެ. ސަލާމަތް ކުރެވިފައި ވަނީ ދެ ފަޅުވެރިންނެވެ.

މިއީ، ދެކުނު ކޮރެޔާގެ ތާރީޚުގައި ވެސް ހިނގާފައިވާ އެންމެ ނުރައްކާތެރި ވައިގެ ޙާދިޘާއެވެ. އަދި، ފާއިތުވި ތިން ދަހަރެއްހާ ދުވަހުގެ ތެރޭގައި އެ ޤައުމުގެ އެއަރލައިނަކަށް ކުރިމަތިވި އެންމެ ނުރައްކާތެރި ޙާދިޘާއެވެ. މުއާންގެ އަލިފާން ނިއްވާ އިދާރާގެ ވެރިޔާ ލީ ޗޮންގ-ޔަން ވިދާޅުވީ ސަލާމަތް ކުރެވިފައިވާ ދެ ފަޅުވެރިން ފެނިފައި ވަނީ މަތިންދާބޯޓުގެ އެންމެ ފަހަތުން ކަމުގައެވެ. އެ ދެ މީހުންނަށް ހަސްފަތާލުގައި ދަނީ ފަރުވާ ދެމުންނެވެ.

މަތިންދާބޯޓުގައި ރޯވި އަލިފާންގަނޑު ނިއްވައިލުމަށް ގިނަ ވަގުތެއް ހޭދަވި ކަމުގައި ވެސް ލީ ވިދާޅުވިއެވެ. އަލިފާންގަނޑު ނިއްވައިލުމަށް ފަހު، ކަމާ ގުޅޭ އިދާރާތަކުގެ އޮފިޝަލުން ވަނީ، މީހުން ސަލާމަތް ކުރުމަށް ކުރަމުން ދިޔަ މަސައްކަތް ހުއްޓައިލުމަށް ފަހު، މަރުވެފައިވާ މީހުންގެ ހަށިތައް ހޯދުމުގެ މަސައްކަތް ފަށާފައެވެ. އަދި، އެކި ހިސާބުތަކަށް ވިއްސިވިހާލިވެފައިވާ މީހުންގެ ހަށިތަކުގެ ބައިތައް ހޯދައި، ދެނެގަތުމުގެ މަސައްކަތް ފަށާފައެވެ.

މި ޙާދިޘާގައި މަރުވި މީހުންގެ ޢާއިލާގެ މެންބަރުން މި ވަގުތު ދަނީ މުއާން ވައިގެ ބަނދަރު ކައިރިއަށް ޖަމާވަމުންނެވެ. ދެކުނު ކޮރެޔާގެ ދަތުރުފަތުރާ ބެހޭ ވުޒާރާގެ އޮފިޝަލުން ބުނީ، މަރުވެފައިވާ މީހުންގެ ހަށިތައް ދެނެގަތުމަށް މިހާރު މަސައްކަތް ކުރަމުންދާ ކަމުގައެވެ. މިހާތަނަށް ދެނެގަނެވިފައި ވަނީ އޭގެ ތެރެއިން 22 މީހެއްގެ ހަށިގަނޑެވެ.

މި ޙާދިޘާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށް މަސައްކަތް ފަށާފައިވާއިރު، ލީ ވިދާޅުވީ އުދުހެމުން ދިޔަ ދޫނިތަކެއް މަތިންދާބޯޓުގައި ޖެހިފައިވާ ކަމަށް ބެލެވޭ ކަމުގައެވެ. އަދި، މަތިންދާބޯޓުގެ ލޭންޑިންގ ގިޔަރއަށް މައްސަލަތަކެއް ކުރިމަތިވީ އެ ސަބަބާ ގުޅިގެން ކަމަށް ބެލެވޭ ކަމުގައެވެ. އަދި، މި ހާދިސާއާ މޫސުން ގޯސްވުމާ ގުޅުން އޮތްތޯ ކަށަވަރު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމުގައި ވެސް އޮފިޝަލުން ބުންޏެވެ.

ވެއްޓިފައި ވަނީ ބޯއިންގ 800-737 މަރުކާގެ މަތިންދާބޯޓެކެވެ. ދެކުނު ކޮރެޔާގެ ދަތުރުފަތުރާ ބެހޭ ވުޒާރާއިން ބުނީ އެއީ 2009ވަނަ އަހަރު އުފައްދާފައިވާ މަތިންދާބޯޓެއް ކަމުގައެވެ. މަތިންދާބޯޓު ވެއްޓުނު ޙާދިޘާއާ ގުޅިގެން ޖޭޖޫ އެއަރގެ ވެރިޔާ ކިމް އީ-ބަޔި ވަނީ، މި ޙާދިޘާގައި މަރުވި މީހުންގެ ޢާއިލާތަކަށް ތަޢުޒިޔާ ކިޔައި، މަޢާފަށް އެދިފައެވެ. އޭނާ ވެސް ބުނީ، މަތިންދާބޯޓު ވެއްޓެން މެދުވެރިވި ސަބަބު ދެނެގަނެވިފައި ނުވާ ކަމުގައެވެ. އަދި، ތަޙުޤީޤަށް ފުރިހަމައަށް އެއްބާރުލުން ދެމުންދާނެ ކަމުގައެވެ.

ޖޭޖޫ އެއަރއަކީ 2005ވަނަ އަހަރު އުފެއްދި ބަޖެޓު އެއަރލައިނެވެ. އަދި، ދެކުނު ކޮރެޔާގައި ތިންވަނައަށް އެންމެ ގިނަ އަދަދެއްގެ ފަސިންޖަރުން އުފުލާ އެއަރލައިނެވެ. އެ އެއަރލައިންގެ މަތިންދާބޯޓެއް ވެއްޓިފައި މި ވަނީ، ބެންކޮކާއި މުއާނާ ދެމެދު ސީދާ ދަތުރުތައް ފެށިތާ ތިން ހަފުތާއެއްހާ ދުވަސް ފަހުންނެވެ.

ދެކުނު ކޮރެޔާގެ އެއަރލައިނަކަށް މި ފަދަ ހިތާމަވެރި ހާދިސާއެއް އެންމެ ފަހުން ހިނގާފައި ވަނީ 1997ވަނަ އަހަރުއެވެ. އެ އަހަރު، ކޮރެޔަން އެއަރގެ މަތިންދާބޯޓެއް ވެއްޓި 200އަށްވުރެ ގިނަ މީހުން މަރުވިއެވެ. ދެކުނު ކޮރެޔާގެ ފަސްގަނޑުގައި ހިނގި މި ފަދަ އެހެން ހާދިސާއެއްގައި އެއަރ ޗައިނާގެ މަތިންދާބޯޓެއް ވެއްޓި 129 މީހުން މަރުވިއެވެ.