ދައުލަތުގެ ޚަރަދުގައި ތަރައްޤީގެ މަޝްރޫޢުތައް ހިންގުމަށް، ޕަބްލިކް ސެކްޓަރ އިންވެސްޓްމެންޓް ޕްރޮގްރާމްގެ ދަށުން އަހަރުގެ މިހާތަނަށް 10 ބިލިޔަނަށް ވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް މާލީކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ޕަބްލިކް ސެކްޓަރ އިންވެސްޓްމެންޓް ޕްރޮގްރާމް، ޕީއެސްއައިޕީގެ މަޝްރޫޢުތަކަކީ ސަރުކާރުގެ ޚަރަދުގައި ހިންގާ ތަރައްޤީގެ މަޝްރޫޢުތަކެވެ. ކޮންމެ އަހަރަކުވެސް އެމަޝްރޫޢުތައް ހިންގުމަށް އެތައް ބިލިޔަން ރުފިޔާ ހޭދަ ކުރެއެވެ.
މާލީ ވުޒާރާއިން ނެރޭ ވީކްލީ ފިސްކަލް ރިޕޯޓު ދައްކާގޮތުން މި ޑިސެމްބަރު މަހުގެ 19ވަނަ ދުވަހުގެ ނިޔަލަށް ޖުމްލަ 45.9 ބިލިޔަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. މީގެ ތެރެއިން ޑިސެމްބަރު 19އަށް ޕީއެސްއައިޕީ ޕްރޮޖެކްޓުތަކަށް 10.3 ބިލިޔަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.
ޕީއެސްއައިޕީ މަޝްރޫޢުތަކަށް ކުރި ޚަރަދު 10 ބިލިޔަން ފަހަނާޅާ ގޮސްފައިވާއިރު، މިއަހަރު ޖުމްލަ ޚަރަދު ކުރުމަށް ނިންމާފައިވަނީ 10.97 ބިލިޔަން ރުފިޔާގެ ބަޖެޓެކެވެ.
މި ދައިރާތަކުގެ އިތުރުންވެސް، އެކި ދާއިރާތަކަށް ސަރުކާރުން ވަނީ މަޝްރޫޢުތައް ކުރިއަށް ގެންދިއުމަށް ބޮޑު ޚަރަދެއް ކޮށްފައެވެ. މިއަހަރު ޕީއެސްއައިޕީ ބަޖެޓުގައި ހިމެނޭ މަޝްރޫޢުތައް ސަރުކާރުން ކުރިއަށްގެންދާއިރު، ކޮށްފައިވާ ޚަރަދުތައް ބަޖެޓަށް ވުރެ އިތުރު ވެފައި ނުވެއެވެ.
މި އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ބަޖެޓުގައި ޕީއެސްއައިޕީ މަޝްރޫޢުތަކަށް ހިމަނާފައިވަނީ 8.9 ބިލިޔަން ރުފިޔާއެވެ. އަދި ދައުލަތުގެ ޚަރަދުތައް ފޫބެއްދުމަށް މިދިޔަ އޮކްޓޫބަރުމަހު ފާސްކޮށްފައިވާ 5.1 ބިލިޔަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓުގައިވަނީ ޕީއެސްއައިޕީގެ މަޝްރޫޢުތަކަށް 2 ބިލިޔަން ރުފިޔާ ހިމަނާފައެވެ. އެހެންކަމުން މިއަހަރަށް ޕީ.އެސް.އައި.ޕީއަށް ވަނީ 10.9 ބިލިޔަން ރުފިޔާގެ ބަޖެޓެއް ލިބިފައެވެ.
މާލީ ވުޒާރާއިން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުން، ޕީއެސްއަޕީ މަޝްރޫޢުތަކަށް 10 ބިލިޔަން ރުފިޔާ ހޭދަކޮށްފައިވާއިރު، އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި ޕީއެސްއައިޕީ މަޝްރޫތައް ހިންގުމަށް 12.4 ބިލިޔަން ރުފިޔާ ވަނީ ހިމަނާފައެވެ.
ސަރުކާރުން ވަނީ ޕީއެސްއައިޕީ މަޝްރޫޢުތައް ހިންގުމުގައި، އަންނަ އަހަރުން ފެށިގެން ފައިދާއަށް ބަލާނެކަން ހާމަކޮށްފައެވެ. އެގޮތުން އަލަށް ފަށާ މަޝްރޫޢުތަކުގެ ބޭނުންތެރިކަން ދެނެގަތުމަށް ޕްރޮޖެކްޓް ޕްރިޕަރޭޓަރީ ފަންޑެއް ޤާއިމްކޮށް އެ ފަންޑުގެ އެހީގައި މަޝްރޫޢުތައް ކުރިއަށް ގެންދިއުމަށް ހަދަންޖެހޭ ދިރާސާތައް ހެދުމަށް އަންނަ އަހަރުގެ ބަޖެޓުގައި ވަނީ ހިމަނާފައެވެ.