މޫސުން ގޯސްވާނެކަމަށް ލަފާކޮށް ވ އަތޮޅުން ފެށިގެން ދ އަތޮޅުގެ ރަށްތަކަށް ރީނދޫ ސަމާލު ނެރެފިއެވެ.
މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ މި ސަރަހައްދުތަކަށް ބޯކޮށް ވާރޭ ވެހި ގުގުރުން އެކަށީގެންވާކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެކަމަށާއި އަދި ކަނޑުތައްވެސް ގަދަވާނެކަމަށް މެޓް އޮފީހުން ލަފާކުރައްވައެވެ. މެޓް އޮފީހުން ރީނދޫ ސަމާލު ނެރެފައިވަނީ މިރޭ 20:15 އިން ދަންވަރު 12:30 އަށެވެ.
Yellow Advisory for torrential rain and thunderstorms with gust winds of 45 mph and rough seas. pic.twitter.com/iNEsXkQRi1
— Maldives Meteorology (@MetMaldives) January 1, 2025
މެޓް އޮފީހުން ވިދާޅުވީ މި ވިއްސާރައަކީ ސްރީލަންކާގެ އިރު ދެކުނުގައި އުފެދިފައިވާ ކޮޅިގަނޑާއި، އެކޮޅިގަނޑާ ގުޅިފައިވާ ލޯޕްރެޝާރ ޓްރަފުގެ ސަބަބުން ވެހޭ ވާރެއެއްކަމަށެވެ. އެގޮތުން ކުރިއަށް އޮތް ހަތަރު ދުވަހުވެސް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވިއްސާރަ ކުރާނެ ކަމަށާއި، މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހި، އާއްމު ވައިވެސް ގަދަވާނޭކަމަށް އެ އިދާރާއިން ލަފާކުރައްވައެވެ.