ޚަބަރު

ފެއާތަކަށް ކުރާ ހޭދަ %30 ކުޑަކޮށް، މިއަހަރު ފެންނާނީ ތަފާތު މާކެޓިންއެއް: ޝިއުރީ


  • ޑިޖިޓަލް ކެންޕެއިންތައް ގިނަކުރާނެ

  • އަމާޒަކީ އިންޓަރެކްޓިވްކޮށް ހަރަކާތްތައް ބޭއްވުން

ފެއާތަކަށް ޚަރަދުކުރާ މިންވަރު %30 އަށް ކުޑަކޮށް ރާއްޖެ އިޝްތިހާރުކުރާގޮތައް ބޮޑު ބަދަލުތަކެއް ގެނައުމަށް ނިންމާފައިވާކަމަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، އެމްއެމްޕީއާރުސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޝިއުރީ ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ، އައު އަހަރަށް މަރުހަބާ ކިޔުމަށް އެމްއެމްޕީއާރުސީން ބޭއްވި ހަރަކާތައް ފަހު ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައެވެ.

ކޮންމެ އަހަރަކުވެސް އެމްއެމްޕީއާރުސީން ރާއްޖެ އިޝްތިހާރުކުރުމަށް ބައިނަލްއަޤްވާމީ ގިނަ ފެއާތަކެއްގައި ބައިވެރިވެއެވެ.

ޕީއެސްއެމްއަށް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި އެމްއެމްޕީއާރުސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޝިއުރީ ވިދާޅުވީ، މީގެކުރިން ބައިނަލްއަޤްވާމީ ފެއާތަކުގައި ބައިވެރިވުމަށް ބޮޑު ޚަރަދެއް ކުރަމުން އައި ކަމަށެވެ. ނަމަވެސް މިއަހަރު އެ ކުންފުނީގެ އަމާޒު ހުރީ ފެއާތަކުގައި ބައިވެރިވުމަށް ކުރާ ޚަރަދު ކުޑަކޮށް ރާއްޖެ ޕްރޮމޯޓްކުރަމުން އައި ގޮތްތަކަށް ބަދަލުތަކެއް ގެނައުމަށްކަމަށެވެ.

މިއަހަރު "މޯލްޑިވްސް ވީކް"ގެ ނަމުގައި ބޮޑު ރޯޑްޝޯއެއް ބޭއްވުމަށް ހަމަޖެހިފައިވާކަމަށް އޭނާ ވިދާޅުވިއެވެ. މީގެއިތުރުންވެސް ރާއްޖެ އިޝްތިހާރުކުރުމުގެ ގިނަ ހަރަކާތްތަކެއް މިއަހަރަށް ރާވާފައިވާކަމަށް ޝިއުރީ ވިދާޅުވިއެވެ.

"މީގެކުރިން އަޅުގަނޑުމެންގެ ފޯކަސް މިއޮންނަނީ ފެއާތަކަށް ވަރަށް ބޮޑަށް ހަރަދުކުރާގޮތައް. %80 ވަރަކަށް ފެއަރތަކަށް. މިފަހަރު އަޅުގަނޑުމެން %30 ކުޑަކޮށްފައި މޯލްޑިވްސް ވީކް ކިޔާ ރޯޑްޝޯއެއް ރީބްރޭންޑްކޮށްގެން ވަރަށް ބޮޑަށް އިންޓަރެކްޓިވް ގޮތަކަށް އަޅުގަނޑުމެން އިންޓްރޮޑިއުސްކޮށްގެން މިއަންނަ އަހަރު އެކަންތައްތައް ފެނިގެންދާނެ. އޭގެއިތުރަށް ވަރޗުއަލް އެކްޓިވިޓީސްއާއި އިތުރު އިންޓަނޭޝަނަލް ކޮލޭބްރޭޝަންސް އިންޓްރޮޑިއުސްކުރާނަން. އިންޓަނޭޝަނަލް ސްޓާރުންނާއިއެކު ގްލޯބަލް އެމްބެސެޑަރ ޕްރޮގްރާމެއް ތައާރަފްކުރާނަން". ޝިއުރީ ވިދާޅުވިއެވެ.

ސަރުކާރުން ރާއްޖޭގެ ފަތުރުވެރިކަމުގައި ކަނޑައަޅާ އަމާޒުތައް ހާސިލްކުރުމަށް އެމްއެމްޕީއާރުސީގެ ދައުރު ބޮޑެވެ. އެމްއެމްޕީއާރުސީއިން ވިދާޅުވީ މި މަސައްކަތުގައި ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ކުންފުނިތަކުގެ ފަރާތުން ބޮޑު އެއްބާރުލުމެއް ލިބެމުންދާކަމަށެވެ.