ޚަބަރު

ރަށްރަށުގައި ފެންހިންދައި އާންމު ހާލަތަށް


  • ބައެއް ރަށްތަކުގެ ގިނަ ގޭބިސީތަކަށް ފެނުގެ އަސަރުކޮށްފައިވޭ

އިއްޔެ ކުރި ވިއްސާރައިގައި ރާއްޖޭގެ އެކި ރަށްރަށުގައި ފެންބޮޑުވިނަމަވެސް މިހާރު ފެންހިންދައި ހުރިހާ ރަށެއްވެސް އާންމު ހާލަތަށް ގެނެވިފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓޯ، އެންޑީއެމްއޭއިން ވިދާޅުވެއްޖެއެވެ.

މޫސުން ގޯސްވުމުގެ ސަބަބުން އެކި ރަށްތަކަށް އެކިވަރުގެ ގެއްލުންވަނީ ލިބިފައެވެ. ރަށްތަކަށް ލިބުނު ގެއްލުން ބެލުމަށް އެންޑީއެމްއޭއިން އެސެސްމަންޓް ހަދަމުން އަންނަ ކަމަށް އެ އިދާރާއިން ވިދާޅުވިއެވެ.

އެންޑީއެމްއޭއިން ވިދާޅުވެފައިވާ ގޮތުގައި އިއްޔެގެ ވިއްސާރައިގައި ރ. އިނގުރައިދޫއަށާއި ށ. މަރޮށްޓަށް އުދައަރައިގެން އެކި ވަރުގެ ގެއްލުންތައް ލިބިފައިވެއެވެ. އަދި އިތުރު ރަށްތަކަށްވެސް އެކި ވަރުގެ ގެއްލުންތައް ލިބިގެން ރިޕޯޓްކޮށްފައިވެއެވެ.

ފެންބޮޑުވި ރަށްތައް

- ފ. ނިލަންދޫ: %80 ގެތަކުގައި ފެންބޮޑުވި
- ދ. ކުޑަހުވަދޫ: 10 ވަރަކަށް ގެއަށް ގެއްލުން ލިބުނު
- ދ.މީދޫ: 10 ވަރަކަށް ގެއަށް ގެއްލުންވި
- ފ.މަގޫދޫ: 9 ގެއަކަށް ގެއްލުން ލިބި 1 ގެއިން މީހުން ހުސްކުރި
- އދ. މާމިގިލި: 4 ގެއަކަށް ބޮޑެތި ގެއްލުންތަކެއް ލިބުނު
-ކ. ގުރައިދޫ: 60 ގެއަށް އެކިވަރުގެ ގެއްލުން ލިބިފައިވޭ.
-ފ.ފީއަލީ: ފެންބޮޑުވެގެން 1 ގެއިން މީހުން ހުސްކޮށްފައިވޭ
ކ.ހިންމަފުށި: %60 ގެތަކުގައި ފެންބޮޑުވެފައިވޭ

އެންޑީއެމްއޭއިން ވިދާޅުވީ ފެންބޮޑުވި ހުރިހާ ރަށެއްގައިވެސް މިހާރު ފެންހިންދާފައިވާ ކަމަށެވެ. އަދި ހުސްކުރި ގެތަކުގެ މީހުން އަނބުރާ ގެތަކަށް ބަދަލުވެފައިވާ ކަމަށްވެސް އެ އިދާރާއިން ވިދާޅުވިއެވެ.

ވާރޭގައި ގެއްލުން ލިބުނު ރަށްތަކުގެ ކައުންސިލްތަކުން ޕީއެސްއެމްއަށް މައުލޫމާތުދީފައިވާގޮތުގައި ރަށްރަށުގެ ރައްޔިތުންގެ ހާލަތުގާތުން ބަލަމުންދާކަމަށާއި ލިބުނު ގެއްލުންތަކުގެ މައުލޫމާތު އެއްކުރަމުންދާ ކަމަށެވެ.