ބާސެލޯނާގެ މުހިންމު ދެ ކުޅުންތެރިން ރަޖިސްޓަރ ނުކުރަން ސްޕެނިޝް ލީގާއި ސްޕެއިންގެ ފުޓްބޯޅަ ފެޑަރޭޝަނުން ނިންމުމުން، އެ މައްސަލަ ބާސެލޯނާއިން އެ ގައުމުގެ ކުޅިވަރާ ބެހޭ އެންމެ މަތީ ކައުންސިލާއި ކޯޓަށް ވައްދައިފިއެވެ.
ބާސެލޯނާއަށް ދާއިމީކޮށް ރަޖިސްޓަރ ނުކުރެވުނީ މި ސީޒަނަށް 60 މިލިއަން ޔޫރޯއަށް ގެނައި އެޓޭކިން މިޑްފީލްޑަރު ޑެނީ އޮލްމޯ އާއި ޒުވާން ފޯވާޑް ޕައު ވިކްޓަރ އެވެ. އެ ދެ ކުޅުންތެރިން މިހާތަނަށް ރަޖިސްޓަރ ކޮށްފައިވަނީ ވަގުތީ ހުއްދައެއްގެ ދަށުންނެވެ. ބާސެލޯނާގެ އާމްދަނީ އިތުރުކޮށް، ސްޕެނިޝް ލީގުގެ މާލީ ގަވާއިދުތަކަށް ފެތިގެން އެ ދެ ކުޅުންތެރިން ދާއިމީކޮށް ރަޖިސްޓަރ ކުރަން ދީފައިވާ މުއްދަތަކީ މިދިޔަ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހެވެ.
ނައިކީއާއެކު ހަދާފައިވާ އެއްބަސްވުމުގެ އަގުބޮޑުކޮށް، އަދި އަލަށް ހަދަމުންދާ އެ ކުލަބުގެ ސްޓޭޑިއަމްގެ ވީއައިޕީ ލައުންޖްތައް ވިއްކާލައިގެން ބާސެލޯނާއިން 120 މިލިއަން ޔޫރޯ ހޯދައި، ކުޅުންތެރިން ރަޖިސްޓަރ ކުރަން ހުށަހެޅީ މި މުއްދަތު ފަހަނައަޅައި ދިޔަ ފަހުންނެވެ. އެހެންވެ ސްޕެނިޝް ލީގާއި ފެޑަރޭޝަނުން ބުނަނީ ބާސެލޯނާއިން ކުޅުންތެރިން ރަޖިސްޓަރ ކުރެވޭ ވަރަށް އާމްދަނީ ކަށަވަރުކުރީ މުއްދަތު ހަމަވި ފަހުން ކަމަށާއި، ވަކި ކުލަބަކަށް ތަފާތު ގޮތެއް ނުހެދޭނެ ކަމަށެވެ.
މައްސަލަ ޖެހިގެން އުޅެނީ ސްޕެއިނުގެ ފުޓްބޯލް ފެޑަރޭޝަނުގެ ގަވާއިދުގެ 130 ވަނަ މާއްދާގެ ދެވަނަ ނުކުތާގެ ސަބަބުންނެވެ. އެ ޕޮއިންޓްގައި ބުނެފައިވަނީ ކުޅުންތެރިއަކު އެއް ޓީމަކަށް ސީޒަނެއްގެ ތެރޭގައި ދެ ފަހަރަކު ރަޖިސްޓަރީ ނުކުރެވޭނެ ކަމަށެވެ. އަދި ކުޅުންތެރިއަކު ޑީ-ރަޖިސްޓަރީ (ރަޖިސްޓަރީން އުނިވެއްޖެނަމަ) ވެސް އަލުން އެ ޓީމަކަށް ރަޖިސްޓަރ ނުކުރެވޭނެ ކަމަށެވެ. ބާސެލޯނާއަށް ދިމާވެގެން އުޅޭ މައިގަނޑު މައްސަލަ އަކީ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަސް ނިމުމާއެކު ސްޕެނިޝް ލީގުން އެ ދެ ކުޅުންތެރިން ރަޖިސްޓަރީން އުނިކޮށްފައިވާތީ އެވެ. އަލުން ރަޖިސްޓަރ ކުރުމަށް ބޭނުންވާ ލައިސަންސް ދޭން ފެޑަރޭޝަނުން ބޭނުންނުވީ އެކަމަށް ލީގުން ދެކޮޅު ހަދައި، އެއީ ގަވާއިދާ ޚިލާފު ކަމެއް ކަމަށް ބުނުމުންނެވެ. ބާސެލޯނާ އަށް އަލުން މި ސީޒަނުގައި ކުޅުމުގެ ފުރުސަތު ނުލިބޭނެނަމަ އެއްބަސްވުން އުވާލައި އޮލްމޯ އާއި ޕައު ވިކްޓަރ އަށް ބޭނުން ކުލަބަކަށް ދެވިދާނެއެވެ. ނަމަވެސް އަދި ދެ ކުޅުންތެރިންވެސް ތިބީ ބާސެލޯނާގައި މަޑުކުރަން ބޭނުންވެފައެވެ.
ބާސެލޯނާއިން މައްސަލަ ހުށަހެޅީ ސްޕެއިނުގެ ސްޕްރީމް ކައުންސިލް ފޯ ސްޕޯޓްސް އަށެވެ. އެ ތަނުން ނާކާމިޔާބުވެއްޖެނަމަ މި މައްސަލަ ދެން ގެންދާނީ އެންމެ މަތީ ކޯޓަށެވެ.
ބާސެލޯނާގެ ރައީސް ހުއާން ލަޕޯޓާ އަކީ މަޝްހޫރު ލޯޔަރެކެވެ. އޭނާ ވަނީ ހޮނިހިރު ދުވަހު އޮތް އެކުލަބުގެ ފަރިތަކުރުންތަކަށް ފަހު އޮލްމޯ އާއި ވިކްޓަރއާ ބައްދަލުކޮށް، އެ ދެ ކުޅުންތެރިން ރަޖިސްޓަރ ކުރެވޭނެ ކަމުގެ ޔަގީންކަން ދީފައެވެ. ނަމަވެސް އެކަމުގެ ތަފުސީލެއް ދީފައެއް ނުވެއެވެ.
ސްޕެއިނުގެ މީޑިޔާތަކުގައި އެ ގައުމުގެ ކުޅިވަރާ ބެހޭ ބައެއް ފުންނާބު އުސް ގާނޫނީ ވަކީލުން ބުނެފައިވަނީ ބާސެލޯނާއިން މައްސަލަ ކޯޓަށް ވައްދައިފިނަމަ، ކުޅުންތެރިން ރަޖިސްޓަރ ކުރަން ބޭނުންވާ ލައިސަންސް ލިބޭނެ ކަމަށެވެ. އަނެއް ބައި މީޑިއާތަކުން ބުނަނީ އެ މައްސަލައަށް ގޮތެއް ނިންމަން ސްޕެނިޝް ލީގާއި ފެޑަރޭޝަނުންވެސް މިހާރު ބޭނުންވަނީ ކޯޓުން ކަމަށެވެ. ސަބަބަކީ ކޯޓު މެދުވެރިނުވެ ލީގާއި ފެޑަރޭޝަނުން ކުޅުންތެރިން ރަޖިސްޓަރ ކޮށްދީފިނަމަ، އެހެން ޓީމުތަކުން އެ މައްސަލައިގެ ތެރެއަށް ވަދެ، ލީގާއި ފެޑަރޭޝަން ގޮވައިގެން ކޯޓަށް ހިނގައިދާނެ ކަމުގެ ބިރު އޮތުމެވެ.
މި މައްސަލައިގައި ބާސެލޯނާއިން މިހާތަނަށް ބުނަމުން އަންނަނީ އެ ކުލަބަށް ލީގުގެ މާލީ ގަވާއިދުތަކުގެ ތެރެއިން ބޭނުން ކުޅުންތެރިއަކު ގަނެ، ވިއްކުމަށް އެއްވެސް ހުރަހެއް މިހާރު ނެތް ކަމަށް ލިއުމުން ޖަވާބުދީފައިވާއިރު، ކުޅުންތެރިން ރަޖިސްޓަރ ވާންޖެހޭނެ ކަމަށެވެ. އަދި އެއް ސީޒަނެއްގައި ދެ ފަހަރެއްގެ މަތިން އެއް ޓީމަށް ކުޅުންތެރިން ރަޖިސްޓަރ ނުކުރެވޭނެ ކަމަށް ލިޔެފައިވާ 130 ވަނަ މާއްދާގެ މާނަ ތައާރުޒް ވެފައި، އެއީ މިޒަމާނަށް ނުފެތޭ މާއްދާއެއް ކަމަށެވެ. އަދި މާއްދާގެ މައިގަނޑު މަފްހޫމަކީ އެއްބަސްވުން ހަމަވެގެން އަލަށް ރަޖިސްޓަރ ނުކުރެވޭނެ ވާހަކަ ކަމަށެވެ. އެއީ ޓީމުގައި ދެމިހުރި ކުޅުންތެރިއަކަށް ނިސްބަތްކޮށްފައިވާ މާއްދާއެއް ނޫން ކަމަށްވެސް ވަނީ ބުނެފައެވެ.