ޚަބަރު

180 ބިދޭސީން ހިމެނޭހެން މިޔަންމާއިން 6،000 ޤައިދީން މިނިވަންކުރަނީ


އިނގިރޭސި އިސްތިޢުމާރީ ވެރިކަމުން މިޔަންމާ މިނިވަންވިތާ 77 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން 5,864 ޤައިދީންނަށް މަޢާފުދީ މިނިވަން ކުރުމަށް މިޔަންމާގެ އަސްކަރިއްޔާއިން ނިންމައިފިއެވެ.

މިޔަންމާގެ އަސްކަރިއްޔާއިން ބުނީ ޤައިދީން މިނިވަން ކުރުމަށް ނިންމާފައި ވަނީ އިންސާނިއްޔަތަށްޓަކައި ކަމަށެވެ. އަދި ޢުމުރަށް ޖަލަށްލާފައިވާ 144 މީހުންގެ އަދަބު 15 އަހަރަށް ލުއިކޮށް ދިނުމަށް ނިންމާފައިވާ ކަމަށް ވެސް އަސްކަރިއްޔާއިން ބުނެއެވެ.

ޖަލުން މިނިވަން ކުރަން ނިންމާފައިވާ ޤައިދީންނަކީ ކޮން ކުށްތަކެއްގައި ބަންދު ކޮށްފައިވާ ބައެއް ކަމެއް ހާމަ ކޮށްފައެއް ނުވެއެވެ. މިނިވަން ކުރާ މީހުންގެ ތެރޭގައި ބޭރު ޤައުމުތަކަށް ނިޞްބަތްވާ 180 މީހުން ހިމެނެއެވެ. އެއީ ކޮން ޤައުމުތަކަކަށް ނިޞްބަތްވާ ބައެއް ކަން ސާފެއް ނުވެއެވެ. ނަމަވެސް އެ މީހުން މިނިވަން ކުރުމާއެކު އެ މީހުންގެ ޤައުމަށް އެނބުރި ފޮނުވައިލުމަށް ވަނި ހަމަޖެހިފައެވެ. ބައެއް ނޫސްތަކުން ބުނީ މިނިވަން ކުރާ ބޭރު މީހުންގެ ތެރޭގައި މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި މިޔަންމާގެ ކަނޑުގެ ސިފައިން ހައްޔަރު ކުރި ތައިލޭންޑުގެ ހަތަރު މަސްވެރިން ހިމެނޭކަމަށް ބެލެވޭ ކަމަށެވެ.

މިޔަންމާއަކީ ޚާއްޞަ ދުވަސްތަކާ ގުޅުވައިގެން އެތައް ހާސް ޤައިދީންނަށް އާންމުކޮށް މަޢާދުދޭ ޤައުމެކެވެ. މިދިޔަ އަހަރު ވެސް މިނިވަން ދުވަހާ ގުޅުވައިގެން މިޔަންމާގެ އަސްކަރީ ސަރުކާރުން ވަނީ 9,000އަށްވުރެ ގިނަ ޤައިދީން މިނިވަން ކޮށްފައެވެ. 2021ވަނަ އަހަރުގެ އޮކްޓޯބަރު މަހުގައި ވެސް ގިނަ ޢަދަދެއްގެ ޤައިދީން ވަނީ މިނިވަން ކޮށްފައެވެ.

2021ވަނަ އަހަރުގެ ކުރީކޮޅުން ފެށިގެން މިޔަންމާގެ ސިޔާސީ މަސްރަހު ހަލަބޮލިވެ ޤައުމުގައި ހަމަނުޖެހުންތައް ވަނީ އުފެދިފައެވެ. އެ ޤައުމުގެ އަސްކަރިއްޔާއިން މަދަނީ ސަރުކާރު ވައްޓާލައި ޑިމޮކްރަސީއަށް ގޮވައިލައި މުޒާހަރާ ކުރަމުން ދިޔަ މީހުންނާ މެދު އަނިޔާވެރިކޮށް ކަންތައް ކުރުމުން އަސްކަރިއްޔާއާ ދެކޮޅަށް ހަތިޔާރު އެޅި ހަނގުރާމަވެރިން ވަނީ މުޅި ޤައުމުގައި ޙަރަކާތްތެރިވާން ފަށައިފައެވެ.

މިނިވަން ދުވަހުގެ ޚިޠާބުގައި މިޔަންމާގެ އަސްކަރިއްޔާގެ ވެރިޔާ ޖެނެރަލް މިން އައުން ލައިން ވަނީ ފާއިތުވި ހަތަރު އަހަރު އަސްކަރިއްޔާއާ ދެކޮޅަށް ހަނގުރާމަ ކުރަމުންދާ ހަނގުރާމަވެރި ޖަމާޢަތްތަކުން ހަތިޔާރު ބަހައްޓައި ޞުލްޙަވެރިކަމާއެކު ސިޔާސީ މައްސަލަތައް ޙައްލު ކުރުމަށް ގޮވާލައްވައިފައެވެ.