ޚަބަރު

ޙައްޖު ކިއު: ހުރިހާ އުމުރަކަށްވެސް އަވަހަށް ފުރުސަތު ތަނަވަސްވާނެ ނިޒާމަކަށް!


  • ފަރުޟު ޙައްޖު އަދާކޮށްފައި ނުވާ އުމުރުން ދޮށީ 638 މީހުން އެބަތި

  • 80 އަހަރުން ދޮށީ 53 މީހުން

  • އުމުރުން 75 އަހަރަށްވުރެ ދޮށީ 129 މީހުން

  • 70 އަހަރަށްވުރެ ދޮށީ 456 މީހުން

ދިވެހި ރާއްޖެއިން ޙައްޖަށް މީހުން ގެންދިޔުމަށްޓަކައި ކޮންމެ އަހަރަކުވެސް 1000 ކޯޓާ ލިބޭއިރު އޭގެތެރެއިން ޙައްޖަށް ދިޔުމުގެ ފުރުސަތު ގިނައިން ލިބެނީ އުމުރުން ދުވަސްވެފައިވާ މީހުންނަށެެވެ.

އުމުރުން ދުވަސްވެފައިވާ މީހުންނާއި ބޮޑެތި ބަލިތައް ތަޙައްމަލު ކުރަމުންދާ މީހުން ޙައްޖަށް ގެންދަން ޖެހުމުގެ ސަބަބުން ކޮންމެ އަހަރަކުވެސް އެމީހުންގެ އެހީތެރިންގެ ގޮތުގައި ޙައްޖު ކިއުއިން ބޭރުންވެސް މީހުން ގެންދަންޖެހެއެވެ. މިއާއެކު ޙައްޖު ކިއު ދިގުވެ އިތުރު މީހުން ޙައްޖަށް ދިއުމަށް ހޭދަކުރަންޖެހޭ މުއްދަތު އިތުރުވެ އުމުރުގެ ދުވަސްތައް ހޭދަކުރަންޖެހެއެވެ.

ޙައްޖަށް ދިއުމަށްޓަކައި ކިއުއަށް އެރެނީ ޙައްޖަށް ގެންދާ އަގުގެ %75 ދެއްކުމުންނެވެ. ޙައްޖަށް ދިއުމަށް ދައްކަން ޖެހެނީ 69,965 ރުފިޔާއެވެ.

ޙައްޖުގެ އަޅުކަމަކީ ކެތްތެރިވާންޖެހޭ އެހާ ބުރަ އަޅުކަމަކަށްވާއިރު އުމުރުން ދުވަސްވީ މީހުން ޙައްޖުގައި ހޭދަކުރާ ވަގުތުތަކުގައި އާޢިލާގެ ކޮންމެވެސް މީހެއްގެ އެހީތެރިކަން ބޭނުންވެއެވެ. އަދި ޙައްޖުގެ މަޝާއިރުގައި ހޭދަކުރާ ވަގުތުތަކުގައި ބަލި ހާލަތު ހުންނަގޮތުން އެކި ކަހަލަ ގޮންޖެހުންތަކާ ކުރިމަތިލާންޖެހެއެވެ. ގިނަ ވަގުތު ހިނގަން ޖެހުމާއި ހޫނު ގަދަވުމުގެ ސަބަބުން ކުރިމަތިވެދާނެ ކަންކަމަށް އެހީތެރިކަން ބޭނުންވެއެވެ. އަދި ބަލި ހާލަތު ހުންނަ ގޮތުން ގިނަ މީހުންނަށް ދުއްވާ ގޮނޑި ބޭނުންވާނަމަ އެފަދަ ކަންކަން ކޯށްދިނުމަށްވެސް އެހީތެރިކަން ފޯރުކޮށްދޭންޖެހެއެވެ.

އެހެންކަމުން ކޮންމެ އަހަރަކުވެސް އާންމު ކިއޫއިން ޙައްޖަށްދާ އުމުރުން ދުވަސްވީ މީހުންނާއި ބޮޑެތި ބަލިތައް ތަޙައްމަލު ކުރަމުންދާ މީހުންނަށް އެހީތެރިއެއްގެ ގޮތުގައި އެކަކު ގެންދިޔުމުގެ ފުރުސަތު ލިބެއެވެ.

މިހާރު ޙައްޖު ކިއުގައި 14000 މީހުން އެބަތިއްބެވެ. ޙައްޖު ކިއު މިހާ ދިގުވެފައިވުމާއި ކިއުގައި ގިނަ ޢަދަދެއްގެ އުމުރުން ދުވަސްވެފައި ތިބި މީހުން ތިބުމުން މިހާރު ވަނީ ޙައްޖު ކިޔޫގައި 3 އަހަރުވެފައިވާ ޢުމުރުން 70 އަހަރުން މަތީގެ އެންމެނަށް 1448 ވަނަ އަހަރު ޙައްޖުވުމަށް ފުރުސަތުދޭން ނިންމާފައެވެ.

ޙައްޖު ކޯޕަރޭޝަނުން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިވަގުތު ކިއުގައި ފަރުޟު ޙައްޖު އަދާކޮށްފައި ނުވާ އުމުރުން ދުވަސްވެފައިވާ 638 މީހުން އެބަތިއްބެއެވެ. އޭގެ ތެރޭގައި ހިމެނެނީ އުމުރުން 70 އަހަރަށްވުރެ ދޮށީ 456 މީހުންނާއި އުމުރުން 75 އަހަރަށްވުރެ ދޮށީ 129 މީހުންނެވެ. އަދި އުމުރުން 80 އަހަރުން ދޮށީ 53 މީހުން ޙައްޖަށް ދިއުމުގެ އިންތިޒާރުގައި އެބަތިއްބެވެ. އާންމު ކިޔޫއިން ގޮސް ޙައްޖުވުމަށް ފުރުސަތު ލިބޭއިރު 3364 މީހުން އުމުރުން 70 އަހަރު ވާނެކަމަށް މި ތަފާސްހިސާބުތަކުން ދައްކައެވެ. އަދި އުމުރުން 75 އަހަރުވާނެ 1596 މީހުން ތިބިއިރު އުމުރުން 80 އަހަރުން މިތިވާނެކަމަށް 555 މީހުން ކިއުގައި އެބަތިއްބެވެ.

މި ތަފާސްހިސާބުތަކަށް ބަލާއިރު އުމުރުން ދުވަސްވުމުގެ ސަބަބުން އެމީހުންނަށް އިތުރު އެހީތެރިއަކު ބޭނުންވެއެވެ. އެއާއެކު އެހީތެރިންގެ ޢަދަދު އިތުރުވެ އަނެއްކާވެސް ޙައްޖު ކިއޫއަށް ބުރު އަރާގޮތްވެއެވެ. މިކަންކަމަށް ޙައްލު ގެނައުމުގެ ގޮތުން މިހާރު މިވަނީ އުމުރުން 70 އަހަރުން މަތީގެ މީހުންނަށް އިސްކަންދީ ޙައްޖަށް ދިއުމުގެ ފުރުޞަތު ދީފައެވެ.

މިކަމާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޙައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ އަލްއުސްތާޛު މުޙައްމަދު ފިރްޒުލް ޢަބްދުﷲ ޚަލީލް ވިދާޅުވީ މިވަގުތު އުމުރުން ދޮށީ މީހުންނަށް އިސްކަން ނުދީ ކުރިއަށްދާނަމަ އެމީހުންގެ އެހީތެރިން ގިނައިން ގެންދަންޖެހޭނަމަ، ކިއޫއިން އާންމު މީހުންނަށް ލިބޭ ފުރުޞަތު ކުޑަވެގެންދާނެކަމަށެވެ.

މި ނިޒާމް ތަންފީޒު ކުރުމުގެ ނަތީޖާއެއްގެ ގޮތުން ކުރިއަށް އޮތްތަނުގައި އަމާޒަކީ ކިއުގައި ތިބޭމީހުން 75 އަހަރަށްވުރެ މައްޗަށް ނުދާނެ ނިޒާމެއް ޤާއިމްކުރުންކަމަށް ފިރުޒުލް ވިދާޅުވިއެވެ.

"ކުރިއަށް އޮތްތަނުގައި އެއްވެސް މީހަކު 75 އަހަރުވުމުގެ ސަބަބުން އިތުރު އެހީތެރިއަކު ގެންދަން ޖެހޭ ހާލަތެއް މެދުވެރިވިޔަ ނުދިނުން. އެއާއެކު ކިއޫއިން އެހީތެރިންގެ ގޮތުގައި ފުރުޞަތު ދޭންޖެހޭ ޖާގަ މަދުވެގެންދާނެ. އަދި ކޯޓާގެ ތެރެއިން ކިއޫގައި ތިބި އާންމު މީހުންނަށް ލިބޭ ފުރުޞަތު އިތުރުވެގެން ދާނެ. އަވަހަށް ޙައްޖަށް ދިއުމުގެ ފުރުޞަތު ފަހިވެގެންދާނެ."ޙައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ އަލްއުސްތާޛު މުޙައްމަދު ފިރްޒުލް ޢަބްދުﷲ ޚަލީލް ވިދާޅުވިއެވެ.

މި އުޞޫލް އަންނަ އަހަރު ތަންފީޒް ކުރަން ފަށާއިރު އުމުރުން 70 އަހަރުން މަތީގެ ފަރުޟު ޙައްޖު އަދާކޮށްފައިނުވާ 324 މީހަކަށް ޙައްޖު ވުމުގެ ފުރުސަތު ލިބޭނެއެވެ.

މި އުސޫލުގެ ދަށުން ޙައްޖު ކިއުގައި ތިބޭތާ 3 އަހަރު ވެފައިވާ ފަރާތްތައް ކަމުގައި ބަލާނީ، 31 ޑިސެންބަރު 2023 ގެ ނިޔަލަށް ޙައްޖަށް ދިއުމަށް ފައިސާ ދައްކާފައިވާ، ޢުމުރުން 70 އަހަރުން މަތީގެ ހުރިހާ ފަރާތްތަކެވެ. އަދި 70 އަހަރުން މަތީގެ ޢުމުރުފުރާ ކަމުގައި ބަލާނީ، 31 ޑިސެންބަރު 2026 ގެ ނިޔަލަށް ޢުމުރުން 70 އަހަރު ފުރިފައިވާ ފަރާތްތަކެވެ.

މިއީ ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް އެތައް އަހަރެއް ވަންދެން އިންތިޒާރުކުރަމުން އަންނަ ދޮށީ ޢުމުރުގެ އެތައް ރައްޔިތުންނަކަށް ލިބިގެންދިޔަ ވަރަށް ބޮޑު އުންމީދެކެވެ. އަދި މިއީ ރާއްޖެއަށް ލިބޭ ޙައްޖު ކޯޓާގެ ބޭނުން އެންމެ އިންޞާފުވެރި އަދި އެންމެ ފުރިހަމަ ގޮތުގައި ހިފުމަށް އެޅިގެންދިޔަ މުހިންމު ފިޔަވަޅެއްވެސްމެއެވެ. އަދި ޙައްޖު ކިއުގެ އިންތިޒާމުތައް ހަރުދަނާވެ، ކުރިއަށް އޮތް ތަނުގައި ހުރިހާ ޢުމުރުފުރާތަކަށްވެސް ފުރުޞަތުތައް އަވަހަށް ތަނަވަސްވުމަށް މަގުފަހުވާނެ އަދި، މިކަމުގެ ފައިދާ ޢާންމު ގޮތެއްގައި ކިއުގައި ތިބި ހުރިހާ އެންމެނަށްވެސް ކުރާނެ ކަމެކެވެ.