ޔަމަނުގެ ހޫތީން ސައޫދީ އަރަބިއާ އަށް ހަމަލާދޭތީވެ އެ ގައުމުގައި ބާއްވަން ނިންމާފައިވާ މުހިންމު ކުޅިވަރު މުބާރާތްތައް ފަސް ކުރަން ފަށައިފިއެވެ.
މި ގޮތުން މިހާތަނަށް ފަސްކޮށްފައިވާ އެންމެ މުހިންމު އެއް މުބާރާތަކީ ފީފާ އީސްޕޯޓްސް މުބާރާތެވެ. އިއްޔެއިން ފެށިގެން މި މަމަހުގެ 26 އަށް ކުރިއަށް ގެންދަން ރާވާފައިވާ މުބާރާތް މިހާރު ބާއްވަން ނިންމާނެ ތާރީހެއް އިއުލާނު ކުރާނީ ފަހުންނެވެ. މުބާރާތް ފަސްކުރި މައިގަނޑު ސަބަބަކީ ޖަޕާނާއި ބްރެޒިލް ފަދަ ޓީމުތަކުން މި މުބާރާތުން ވަކިވުމެވެ.
މީގެ އިތުރުން ސިކްސް ކިންގްސް ސްލޭމް އެގްޒިބިޝަން ޓެނިސް މުބާރާތް ވެސް ވަނީ ފަސްކޮށްފައެވެ. މި މަހު ބާއްވަން ހަމަޖެއްސި މުބާރާތް މިހާރު ބާއްވަން ނިންމާފައިވަނީ އަންނަ ޑިސެމްބަރު މަހުއެވެ. މީގެ އިތުރުން ވެރިރަށް ރިޔާދްގައި ބާއްވަން ހަމަޖައްސާފައިވަނީ ގޮލްފް އޭޝިއާ ޓުއާ ވެސް ވަނީ ޑިސެމްބަރު މަހަށް ފަސްކޮށްފ އެވެ. މީގެ އިތުރުން ޑިސެމްބަރު މަހު ބާއްވަން ހަމަޖައްސާފައިވާ އޭޝިއަން ކަޕް ފުޓްބޯޅަ މުބާރާތް ވެސް އަންނަ އަހަރަށް ފަސް ކުރަން ޖެހިދާނެ ކަމުގެ އިޝާރާތެއް އޭޝިޔާގެ މައި ފުޓުބޯޅަ އިދާރާއިން ވަނީ ދީފައެވެ. މީގެ ސަބަބަކީ ވެސް މުބާރާތުގައި ވާދަކުރާ ގައުމުތަކުން ކަންބޮޑުވުން ފާޅު ކުރަމުންދާތީއެވެ. މި ގޮތުން ދެކުނު ކޮރެޔާއިން ވަނީ ހޫތީން ސައޫދީ އަށް ހަމަލާދެމުންދާތީވެ އެ ގައުމުގެ ހާލަތު މޮނިޓަރކޮށް ސައޫދީ ފުޓުބޯޅަ ފެޑަރޭޝަނާ މަޝްވަރާ ކުރަމުންދާ ކަމަށް ބުނެފައެވެ.
ނަމަވެސް އޭއެފްސީގެ ރައީސް މުބާރާތް ފަސް ކުރުމާމެދު ދެއްވި އިންޓަވިއު އަށް ފަހު ސައޫދީ އަރަބިއާއިން ވަނީ މުބާރާތް ފަސް ކުރުމުގެ ވިސްނުން އަދި ނުގެންގުޅޭ ކަމަށް މިއަދު ބުނެފަ އެވެ.
ޔަމަނުގެ ހޫތީ ހަނގުރާމަވެރިން ސައޫދީ އަރަބިއާ އަށް ދިން ހަމަލާތަކާ ގުޅިގެން ސައޫދީ ޕްރޯ ފުޓްބޯޅަ ލީގުގެ ބައެއް މެޗުތައް ވެސް ވަނީ ފަސްކޮށްފައެވެ. މި ގޮތުން ފަހުން ކުޅެން ހަމަޖައްސާފައިވަނީ ތިން މެޗެކެވެ. އެއީ
އައް ރިޔާދް އާއި އަލް ހިލާލް ކުޅޭ މެޗާއި އަލް އިއްތިހާދާއި އައްޝަބާބްގެ އަންނަ ހުކުރު ދުވަހު ކުޅެން އޮތް މެޗު މިހާރު ކުޅޭ ގޮތަށް ހަމަޖައްސާފައިވަނީ ޑިސެމްބަރު މަހުގެ 19 ވަނަ ދުވަހުއެވެ. އަދި އަލް އަހްލީ އާއި އައް ނަސްރު ކުޅެން އޮތް މެޗު މިހާރު ކުޅޭ ގޮތަށް ހަމަޖައްސާފައިވަނީ އަންނަ މާޗު ހަ ވަނަ ދުވަހުއެވެ. މީގެ އިތުރުން މިދިޔަ ހޯމަ ދުވަހު އޭއެފްސީ ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތުގައި އައް ނަސްރާއި އުޒުބަކިސްތާނުގެ ފެރްގާނާ ސައޫދީ އަރަބިއާގެ ވެރިރަށް ރިޔާދްގައި ކުޅެން އޮތް މެޗު ވަރަށް ބޮޑަށް ފަސްވެގެން ދިޔައެވެ.
ހޫތީން ދަނީ ކުރިއަށް އޮތް ދުވަސްތަކުގައި ވެސް މައްކާ އާއި މަދީނާ ފިޔަވައި ސައޫދީ އަރަބިއާގެ އެހެން ސިޓީތަކަށް އަމާޒުކޮށް ހަމަލާދޭނެ ކަމަށް ބުނެފައެވެ. ހޫތީންގެ އެންމެ ފަހުގެ ހަމަލާހގައި 13 މީހުން މަރުވެފައިވާއިރު މިއީ 2015 ވަނަ އަހަރުގެ ފަހުން ސައޫދީ އަށް އަމާޒުވި އެންމެ ވަރުގަދަ ހަމަލާތަކެވެ. އަދި އިއްޔެ ޖިއްދާ އަށް އަމާޒުކޮށް ދިން މިސައިލް ހަމަލާއެއް ސައޫދީ އަރަބިއާ ދިފާއު ކުރަން އެކުލަވާލާފައިވާ ކޯލިޝަނުން ވަނީ ހުއްޓުވައިފައެވެ. ނަމަވެސް ހޫތީން ދަނީ ސައޫދީ ތެޔޮ ކާރުހާނާތަކަށް އަމާޒުކޮށް ހަމަލާދޭނެ ކަމަށް ބުނަމުންނެވެ.