އިޓާލިއަން ލީގުގައި ރޭ ލާޒިއޯއާ ދެކޮޅަށް ކުޅުނު މެޗު 2-0 ގެ ނަތީޖާއަކުން ރޯމާއިން ކާމިޔާބުކޮށްފިއެވެ.
ރޯމާގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކުރުމާއެކު އެ ޓީމަށް ވަނީ 23 ޕޮއިންޓާއެކު ތާވަލުގެ 10 ވަނަ މަގާމު ލިބިފަ އެވެ. 19 މެޗުން ލާޒިއޯ އަށް ލިބިފައިވާ 35 ޕޮއިންޓާއެކު އެ ޓީމު އޮތީ ހަތަރުވަނައިގަ އެވެ.
މި މެޗުން ރޯމާ މޮޅުވެފައިވާއިރު މިއީ ރޯމާގެ ކޯޗު ކަމާއި ދާދި ފަހުން ހަވާލުވި ކްލައުޑިއޯ ރަނިއޭރީގެ އިރުޝާދުގެ ދަށުން އެ ޓީމު މޮޅުވި ފަސްވަނަ މެޗެވެ.
ރޯމުގެ ވާދަވެރި ދެ ޓީމުގެ ކުރިމަތިލުމުގެ ދިހަވަނަ މިނިޓުގައި ރޯމާގެ ލޮރެންޒޯ ޕެލެގްރީނީ ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ. އަދި އޭގެ އަށް މިނިޓު ފަހުން އެލެކްސިސް ސައެލެމައެކާސް ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 2-0 އަށް ބަދަލުކޮށްފަ އެވެ.
މެޗުގެ ދެވަނަ ހާފުގައި ލާޒިއޯ އިން އެ ޓީމު ކުޅުން އިތުރަށް ރަގަޅު ކުރި ނަމަވެސް އެ ޓީމަށް ވަނީ ރޯމާގެ ގޯލު ހުޅުވާލެވޭގޮތް ނުވެފަ އެވެ.
ދެ ޓީމުގެ ކުޅުންތެރިންގެ ފަރާތުންވެސް ފޯރިގަދަ ކުޅުމެއް ފެނިގެން ގޮސްފައިވާ މި މެޗުގެ އިތުރު ވަގުތުގައި ރެފްރީ ވަނީ ލާޒިއޯގެ ކަސްޓެލަނޮސް އަށް ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލާފަ އެވެ.