ދުނިޔޭގެ އެންމެ މުއްސަނދި މަހުޖަނު އެމެރިކާގެ އިލޯން މަސްކު އެހެން ޤަައުމުތަކުގެ ދާޚިލީ ކަން ކަމަށް ގޮތް ކިޔާތީ ގިނަ ޤައުމުތަކުން ނުރުހުން ވެއްޖެއެވެ.
އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަންޕުގެ ގާތް މީހެއް ކަމަށްވާ މަސްކު މިދިޔަ މަހުގެ ތެރޭގައި ވަނީ ޖަރުމަނުވިލާތުގެ އިދިކޮޅު ޕާޓީއަކަށް ތާޢީދު ކޮށްފައެވެ. އެ ޕާޓީއަށް ތާޢީދު ކުރާ ކަމަށް މަސްކު ބުނީ ޖަރުމަނުވިލާތުގެ ޤާނޫނު ހަދާ މަޖިލީހުގެ އިންތިޚާބު ފެބްރުއަރީ މަަހުގެ ތެރޭގައި ބޭއްވުމަށް ތައްޔާރުވަމުންދާ ދަނޑިވަޅެއްގައެވެ. އޭގެ އިތުރުން އިނގިރޭސިވިލާތުގެ ސިޔާސީ ކަންކަމާ ގުޅޭގޮތުން ވެސް ތަކުރާރުކޮށް މަސްކު ވާހަކަ ދައްކައި އެ ޤައުމުގެ ބޮޑުވަޒީރު ކިއާ ސްޓާމާ މަޤާމުން އިސްތިޢުފާ ދެއްވުމަށް ވެސް އޭނާ ވަނީ ގޮވާލައިފައެވެ.
މަސްކުގެ ޢަމަލުތަކާ ގުޅޭ ގޮތުން ނޯވޭގެ ބޮޑުވަޒީރު ޔޫނަސް ގާރު ސްޓޫރް ވިދާޅުވީ ބޭރު ޤައުމުތަކުގެ ސިޔާސީ ކަންކަމާ ގުޅޭގޮތުން މަސްކު ވާހަކަ ދެއްކުމަކީ އެ ކަމާ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށެވެ. މީސްމިޑީއާއަށް ބޮޑެތި ނުފޫޒު ފޯރުވޭ އަދި ގިނަގުނަ އިޤްތިޞާދީ ވަޞީލަތްތައް ލިބިފައިވާ މީހަކު އެހާ ސީދާކޮށް އެހެން ޤައުމުތަކުގެ ދާޚިލީ ކަންކަމާ ބެހުމަކީ ކަންބޮޑުވާ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ. މިއީ ޑިމޮކްރަސީތަކާއި އެކުވެރި ޤައުމުތަކުގައި ކަންކަން އޮންނަން ވާނެ ގޮތް ނޫން ކަމަށާއި ނޯވޭގެ ސިޔާސީ ކަންކަމުގެ ތެރެއަށް މަސްކު ވަންނަ ނަމަ އެ ޤައުމުގެ ސިޔާސީވެރިން އެކައްޗެއް ކިޔައި އެ ފަދަ ޢަމަލުތަކާ ދުރުވާންޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި މަސްކު ވަނީ ޖަރުމަނުވިލާތުގެ ސަލާމަތީ ޚިދުމަތްތަކުން ކަނާތު ފިޔައިގެ ހަރުކަށި ފިކުރުގެ ޕާޓީއެއް ކަމަށް ކަނޑައަޅާފައިވާ އޮލްޓަނޭޓިވް ފޮރ ޖާމަނީ (އޭއެފްޑީ) އަށް ތާޢީދު ކޮށްފައެވެ. އޭއެފްޑީއަކީ އެއް ޤައުމުން އަނެއް ޤަައުމަށް މީހުން ހިޖުރަ ކުރުމާ ދެކޮޅު އަދި އިސްލާމްދީނާއި މުސްލިމުންނާ ދެކޮޅު ޕާޓީއެކެވެ. ޖަރުމަނުވިލާތުގެ ބޮޑެތި ހުރިހާ ސިޔާސީ ޕާޓީތަކުން ވަނީ އޭއެފްޑީ އަކީ ނުރައްކާތެރި އަދި ޑިމޮކްރަޓިކް ހަމަތަކާ ދުރު ޕާޓީއެއް ކަމަށް އެއްބަސްވެ އެ ޕާޓީއާއެކު މަސައްކަތް ނުކުރާނެ ކަމަށް ބުނެފައެވެ. އެހެންކަމުން މަސްކު ފަދަ މަޝްހޫރު އަދި ނުފޫޒުގަދަ މަހުޖަނަކު އެ ފަދަ ޕާޓީއަކަށް ތާޢީދުކޮށް ހިތްވަރު ދިނުމަކީ ގިނަ ބައެއްގެ ކަންބޮޑުވުން އެ ކަމަކާމެދު އުފެދިފައިވާ ކަމެކެވެ. ޖަރުމަނުވިލާތުގެ އިންތިޚާބު ގާތްވެފައިވާއިރު މި މަހުގެ ތެރޭގައި އޭއެފްޑީގެ ލީޑަރު އަލީސް ވައިޑްލަށް މަސްކުގެ މީސްމީޑިއާ ޕްލެޓުފޯމް, އެކްސްގެ އެކްސް ސްޕޭސާސްގައި މެހެމާނެއްގެ ގޮތުގައި ވާހަކަ ދެއްކުމުގެ ފުރުޞަތު ދޭނެކަމުގެ އަޑުތައް ވެސް ވަނީ ފެތުރިފައެވެ. އެއީ އިންތިޚާބަށް ނުފޫޒު ފޯރުވުމަށް ކުރާ ކަމެއް ކަމަށް ޖަރުމަނުވިލާތުގެ ސަރުކާރުން ވަނީ ތުހުމަތު ކޮށްފައެވެ.
އިނގިރޭސިވިލާތުގެ ސިޔާސީ ކަންކަމުގެ ތެރެއަށް ވެސް މަސްކު ވަނީ ވަދެގަނެފައެވެ. މީީގެ ކުރިން އޭނާ ވަނީ އެ ޤައުމުގެ ބޮޑުވަޒީރު ކިއާ ސްޓާމާއަށް ވަރަށް ބޮޑަށް ފާޑު ކިޔައިފައެވެ. އޭގެ އިތުރުން ޖަނަވަރީ މަހުގެ 5ވަނަ ދުވަހު އޭނާ ވަނީ ކަނާތު ފިޔައިގެ ރިފޯމް ޔޫކޭ ޕާޓީގެ ލިޑަރުކަމުން ނައިޖެލް ފަރާޖު އިސްތިޢުފާ ދެއްވަން ޖެހޭ ކަމަށް ބުނެފައެވެ. ފަރާޖަށް ތާޢީދުކުރާ މޭރުމަކުން މީގެ ކުރިން ވާހަކަ ދައްކާފައިވާ މަސްކުގެ ރާގު ކުއްލި ގޮތަކަށް ބަދަލުވެ, ޕާޓީ ހިންގަން ބޭނުންވާ ސިފަތައް ފަރާޖުގެ ކިބައިގައި ނެތް ކަމަށާއި ޕާޓީއަށް އައު ވެރިއެއް ބޭނުންވާ ކަމަށް މަސްކު ވަނީ ބުނެފައެވެ. މަސްކުގެ ތާޢީދު އަނބުރާ ގެންދިޔައީ ކޯޓުގެ ހުރުމަތް ކެނޑުމުގެ ކުށުގައި މި ވަގުތު ޖަލުގައި ބަންދުކޮށްފައިވާ ހިޖުރަ ކުރުމާ ދެކޮޅު އަދި އިސްލާމްދީނާއި މުސްލިމުންނާ ދެކޮޅު އެކްޓިވިސްޓެއް ކަމަށްވާ އިނގިރޭސިވިލާތުގެ ސްޓީވެން ޔެކްސްލީ-ލެނަން, މަޝްހޫރު ނަމުން ނަމަ ޓޮމީ ރޮބިންސަނަށް ތާޢީދު ކުރާ ކަމަށް މަސްކު ލިޔެފައިވާ ޕޯސްޓެއްގައި އެ ނިންމުމަށް ތާޢީދު ނުކުރާ ކަމަށާއި ޓޮމީ ރޮބިންސަންގެ ފިކުރަކީ ރިފޯމުގެ ފިކުރު ނޫން ކަމަށް ފަރާޖު ވިދާޅުވެފައި ވަނިކޮށެވެ.