ޚަބަރު

ސިއްހީ މައްސަލަތައް ކުރިމަތިވާ މިންވަރަށް ވައި ނުސާފުވަމުންދާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި


  • މެދު ރާއްޖެތެރޭގެ އަތޮޅުތަކުގައިވެސް އުތުރެކޭ އެއްވަރަށް ވައި ނުސާފުވާނެކަމަށް ލަފާކުރެވޭ

  • އިރުވައި މޫސުން ފެށޭ ދުވަސްވަރާ ދިމާކޮށް ޢާންމުކޮށް އެކި ހިސާބުތަކަށް ވައި ނުސާފުވޭ

  • ކުޑަކުދިންނާއި ދުވަސްވީ މީހުންނާއި މާބަނޑު މީހުން ގިނަ ވަގުތު ބޭރުގައި ނުއުޅުން މުހިންމު

ސިއްހީ މައްސަލަތައް ކުރިމަތިވާ މިންވަރަށް ވައި ނުސާފުވަމުންދާތީ އެކަމަށް ސަމާލުވުމަށް ކަމާބެހޭ ފަރާތްތަކުން އިލްތިމާސްކުރައްވައިފިއެވެ.

ކަމާބެހޭ ފަރާތްތަކުން އިލްތިމާސްކުރައްވާފައި މިވަނީ ރާއްޖެ ސަރަހައްދުގައި ވައިގެ ނުސާފުކަން މައްޗަށް ގޮސް، ހަމަލޮލަށް ދުރު ފެންނަ މިންވަރު ދަށްވެފައިވާ ދަނޑިވަޅެއްގައެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ ރާއްޖެ ސަރަަހައްދުގެ ޖައްވުގައި މިދުވަސްވަރު ވައި ނުސާފުވެފައި ވަނީ އިންޑިއަން ސަބް ކޮންޓިނެންޓް ސަރަހައްދުން އަންނަ ދުމުގެ ސަބަބުންނެވެ. އަދި މިއީ ޢާންމުގޮތެއްގައި އިރުވައި މޫސުން ފެށޭ ދުވަސްވަރާ ދިމާކޮށް އަންނަ ދުމެއްކަމަށްވެސް އެ އިދާރާއިން ވިދާޅުވެއެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ ވައި ސާފު ދުވަހެއްގައި 10 ކިލޯމީޓަރުގެ ދުރުމިން ހަމަލޮލަށް ފެންނާނެކަމަށާއި، ނަމަވެސް އުތުރުގެ އަތޮޅުތައް ހިމެނޭ ސަރަހައްދުގައި ހަމަލޮލަށް ދުރުމިން ފެންނަ މިންވަރު ހުރީ 3 ކިލޯމީޓަރަށްކަމަށެވެ. އަދި މާދަމާއިން ފެށިގެން މާލެ ހިމެނޭ ގޮތަށް މެދުރާއްޖެތެރެއަށްވެސް އެ މިންވަރަށް ވައި ނުސާފުވެދާނެކަމަށް ލަފާކުރެވޭކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވިއެވެ. ނަމަވެސް ވައި ދަތުރުކުރާ ބާރު މިނަށް ބަލާއިރު ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް ވައި ނުސާފުވުމުގެ މައްސަލަ ކުރިމަތިވާނޭކަމަށް ނުބެލެވޭކަމަށްވެސް މެޓް އޮފީހުން ވިދާޅުވިއެވެ.

މެޓް އޮފީހުން ވިދާޅުވީ ޢާންމު މިންގަނޑަށް ވައި ސާފުވާނެކަމަށް ބެލެވެނީ މާރޗްމަހު ނަމަވެސް ދުވަހަކަށްވުރެ ދުވަހެއް ވައި ސާފުވަމުންދާނޭކަމަށެވެ.

ވައި ނުސާފުވުމުގެ ސަބަބުން ކުރިމަތިވެދާނެ ސިއްހީ މައްސަލަތަކަށް ސަމާލުވެ، ރައްކާތެރިވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއިން ވަނީ އިލްތިމާސްކުރައްވާފައެވެ. އެގޮތުން ފުއްޕާމޭގެ ބަލިތަކާއި ހިތުގެ ބައްޔާއި ތަފާތު އެލާޖީގެ މައްސަލަ ހުންނަ މީހުން ގެއިން ބޭރުގައި ގިނަ ވަގުތު ހޭދަނުކުރުމަށް އެ އެޖެންސީން އިލްތިމާސްކުރައްވައެވެ. އަދި ބޭރަށް ނުކުންނަންޖެހޭ ހާލަތްތަކުގައި މާސްކު އެޅުމަށާއި ކުޑަކުދިންނާއި ދޮށީ ޢުމުރުގެ މީހުންނާއި މާބަނޑު މީހުން ގެއިން ބޭރުގައި ގިނަ ވަގުތު ހޭދަނުކުރުމަށްވެސް އެޗްޕީއޭއިން އިލްތިމާސްކުރައްވައެވެ.

އިރުވައި މޫސުން ފެށޭ ދުވަސްވަރާ ދިމާކޮށް ޢާންމު ގޮތެއްގައި ރާއްޖޭގެ އެކި ހިސާބުތަކަށް ވައި ނުސާފުވާކަން ފާހަގަކޮށްލެވެއެވެ. އެގޮތުން މިދިޔަ އަހަރުގެ ޖެނުއަރީމަހުގެ ތެރޭގައިވެސް ވައި ނުސާފުވެ، ހަމަލޮލަށް ފެންނަ ދުރުމިން 5 ކިލޯމީޓަރަށް ދަށްވިއެވެ.