ޚަބަރު

ޔޫއޭއީއާއެކު ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހިކުރުމަށް މަޝްވަރާކުރައްވައިފި


  • ޚާރިޖީ ވަޒީރުގެ ދަތުރުފުޅުގައި ފަތުރުވެރިކަމާއި މަސްވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް މަޝްވަރާކުރެއްވި

ވިޔަފާރީގެ ދާއިރާ ހިމެނޭގޮތަށް، އެކި ދާއިރާތަކުން ރާއްޖެއާއި ޔޫއޭއީގެ ގުޅުން އިތުރަށް ބަދަހިކުރުމާއި ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.

މި މަޝްވަރާތައް ބާއްވާފައި ވަނީ ޚާރިޖީ ވަޒީރު އަބްދުﷲ ޚަލީލް ޔޫއޭއީއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، ޔޫއޭއީގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރ އަދި ފޮރިން މިނިސްޓަރ ޝެއިޙް އަބްދުﷲ ބިން ޒަޔެދް އަލް ނަހްޔާންއާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.

މި ބައްދަލުކުރެއްވުމާއި ގުޅޭގޮތުން ޚާރިޖީ ވަޒީރު ޑރ. ޚަލީލް ވިދާޅުވީ ދެ ޤައުމު ގުޅިގެން މުހިންމު ގިނަ ދާއިރާތަކަކުން މަސައްކަތް ކުރެއްވުމަށް މަޝްވަރާކުރެއްވިކަމަށެވެ. ހާއްސަކޮށް ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހިކުރުމާއި ގުޅޭގޮތުން މަޝްވަރާކުރެއްވިކަމަށް ވަޒީރު ވިދާޅުވިއެވެ.

ޚާރިޖީ ވަޒީރު ވިދާޅުވީ، ފަތުރުވެރިކަމާއި މަސްވެރިކަމުގެ ސިނާޢަތާއި އިއާދަކުރަނިވި ހަކަތައިގެ ދާއިރާ އަދި ދަތުރުފަތުރުގެ ދާއިރާ ކުރިއެރުވުމާއި ގުޅޭގޮތުންވެސް ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވިކަމަށް ވަޒީރު ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި ޚާރިޖީ ވަޒީރު ޢަބްދުﷲ ޚަލީލް ވަނީ، ރާއްޖޭގެ ތަރައްޤީއާއި ކުރިއެރުމަށް ޔޫއޭއީން ފޯރުކޮށްދޭ އެހީތެރިކަން ފާހަގަކުރައްވާ އެކަމަށް ޝުކުރު އަދާކުރައްވާފައެވެ.

ވަޒީރުގެ މި ދަތުރުފުޅުގައި އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ ފުރުޞަތުތައް ހޯއްދެވުމަށް ޔޫއޭއީ ސަރުކާރުގެ އިސްވެރިންނާ ބައްދަކުރެއްވުމަށް ހަމަޖެހިފައިވާކަމަށް ޚާރިހީ ވުޒާރާއިން ވިދާޅުވެއެވެ.

ޚާރިޖީ ވަޒީރު ޔޫއޭއީއަށް ކުރައްވާ ދަތުރުފުޅަކީ އެ ޤައުމުގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރ އަދި ފޮރިން މިނިސްޓަރ ޝެއިޙް އަބްދުﷲ ބިން ޒަޔެދް އަލް ނަހްޔާންގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.

މި ދަތުރުފުޅުގައި ވަޒީރު ޑރ. ޚަލީލްގެ އަރިހުގައި އެމްބެސެޑަރ އެޓް ލާޖް ޢަބްދުﷲ ޙަމީދާއި ޖޮއިންޓް ސެކްރެޓަރީ މަރްޔަމް ރީޝާ ބައިވެރިވެވަޑައިގަންނަވައެވެ.