ޚަބަރު

2024: ގެދޮރުވެރިކަމުގެ ބޮޑު ތަޞައްވުރަށް ވާސިލުވުމަށް މަސައްކަތްކުރެއްވި 1 އަހަރު


  • ސަރުކާރުން ދޫކޮށްފައިވާ ފްލެޓްތަކުގެ ކުލި ކުޑަކުރެއްވި

  • ރަސްމާލެ މަޝްރޫޢު ހަލުވި ކުރުމުގެ މަސައްކަތް ވަނީ ފައްޓަވާފައި

  • މިއަހަރު ބަޖެޓުގައި ގެދޮރުވެރިކަމުގެ ދާއިރާއަށް 2.8 ބިލިއަން ރުފިޔާ ކަނޑައެޅުއްވި

މިނިވަންކަމާއި އިސްތިޤްލާލު ދެމެހެއްޓުމުގެ މަސައްކަތަށްފަހު ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އެންމެ އިސްކަން ދެއްވާ މަސައްކަތްޕުޅަކީ ރާއްޖެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯއްދަވައިދެއްވުމުގެ މަސައްކަތްޕުޅެވެ.

ރައީސުލްޖުމްހޫރިއްޔާގެ ތަޞައްވުރަކީ 20 އަހަރަށް ބަހާލައިގެން 65000 ގެދޮރު ޔަގީންކޮށްދިނުމެވެ. މިކަން ޙަޤީގަތަކަށް ހެއްދެވުމުގެ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ ވަނީ ފައްޓަވާފައެވެ.

ބޯހިޔާވަހިކަމާ ގުޅުންހުރި ދާއިރާއިން ރައީސުލްޖުމްހޫރިއްޔާ އެންމެ ފުރަތަމަ ނިންމެވި ނިންމެވުމަކީ ސަރުކާރުގެ ސްކީމްތަކުން ދޫކޮށްފައިވާ ޔުނިޓްތަކުގެ ކުލި ކުޑަކުރެއްވުމެވެ. އެގޮތުން ހިޔާ ފްލެޓާ ވިނަރެސް ފްލެޓް އަދި އަތޮޅުތަކުގެ ހައުސިން ޔުނިޓްތަކުގެ ކުލިން ބޮޑު އިންސައްތައެއް ވަނީ ކުޑަކުރައްވާފައެވެ.

ދައުރުގެ ފުރަތަމަ 2 މަސްތެރޭ ފެއްޓެވި މަސައްކަތްތަކުގެ ތެރޭގައި އެމަނިކުފާނުގެ އެންމެ ބޮޑު ތަޞައްވުރުކަމަށްވާ "ރަސްމާލެ"ގެ މަސައްކަތް ވަނީ ފައްޓަވާފައެވެ. ރަސްމާލެ މަޝްރޫޢުގެ ދަށުން 1153 ހެކްޓަރުގެ ބިން ހިއްކާ 37000 ގެދޮރު ޔަގީންކޮށްދެއްވުމަކީ ރައީސްގެ ވަޢުދުފުޅެކެވެ. މިމަޝްރޫޢަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ފަށާފައިވާއިރު، މަސައްކަތުގެ ދުވެލި 3 ގުނަ އަވަސްކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާ ދެން އެންމެ އިސްކަން ދެއްވި މަސައްކަތްޕުޅަކީ ކުރީގެ ސަރުކާރުން ދޭން ބުނެ ނަމަވެސް ފުރިހަމަވުމާއި ގާތަށްވެސް މަސައްކަތް ގޮސްފައި ނުވާ ހައުސިން މަސައްކަތްތައް ހަލުވިކޮށް، އެތަންތަން ރައްޔިތުންނަށް ލިބޭނެކަން ޔަގީންކޮށްދެއްވުމަށް ފެއްޓެވި މަސައްކަތްޕުޅެވެ. މިމަސައްކަތުގައި ހުޅުމާލޭން ދޫކުރަން ބުނި ގޯތިތައް ވެރިފަރާތްތަކާ ހަވާލުކުރުމުގެ މަސައްކަތް މިހާރު ވަނީ ނިންމާފައެވެ. އަދި ގުޅިފަޅުން ދޫކުރާ ގޯތިތަކުގެ ޕްލޮޓް ކަނޑައަޅާ ގުރުއަތުލުންވެސް މިހާރު ވަނީ ނިންމާފައެވެ.

ބޮޑެތި މައްސަލަތަކާއެކު ހަދާފައިވާ ގުޅީފަޅުގެ ޕްލޭން ބަދަލުކޮށް މިހާރުވަނީ އެތަން ތަރައްޤީކުރާނެގޮތުގެ މާސްޓަރ ޕްލޭން އެކުލަވާލާފައެވެ. މީގެދަށުން ގުޅިފަޅުގެ މަގުތައް ތަރައްޤީކުރުމާއި ޔުޓިލިޓީ ޚިދުމަތްތައް ގާއިމުކުރުމަށް ޗައިނާގެ ސީއެމްއީސީ ކުންފުންޏާ މިހާރު ވަނީ ހަވާލުކޮށްފައެވެ.

މީގެއިތުރުން އެފްޑީސީއާއި ހަވާލުކޮށްގެން ކުރިއަށްގެންދާ 4000 ހައުސިން ޔުނިޓްގެ މަސައްކަތްތަކުގެ ދުވެލި ބާރުކޮށް، އެމަޝްރޫޢުގައި ހިމެނޭ ހުރިހާ ހައުސިން ޔުނިޓްތައް މިއަހަރުގެ ޖޫންއަށް ނިންމުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

އަތޮޅުތަކަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމުގައިވެސް ރައީސްގެ އޮތީ ބޮޑު ތަޞައްވުރެކެވެ. އެގޮތުން ރާއްޖޭގެ އުތުރުގައި 20000 ހައުސިން ޔުނިޓް އަދި ދެކުނުގައި 20000 ހައުސިން ޔުނިޓް ތަރައްޤީކުރުމަށް އެމަނިކުފާނުގެ މެނިފެސްޓޯގައި ވަނީ ހިމަނުއްވާފައެވެ. އަތޮޅުތަކުގައި ތަރައްޤީކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ މިހާތަނަށް އިޢުލާނުކުރައްވާފައިވާ ހުރިހާ ހައުސިން މަޝްރޫޢުތަކަށް ކޮންޓްރެކްޓަރުން ހޯދުމަށް މިމަހު އިޢުލާނުކުރާނެކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ހާމަކުރައްވާފައެވެ. މިހާރުވެސް ބައެއް މަޝްރޫޢުތައް ކޮންޓްރެކްޓަރުންނާ ވަނީ ހަވާލުކޮށްފައެވެ.

2025ވަނަ އަހަރުވެގެންދަނީ މިހާތަނަށް ބޯހިޔާވަހިކަމުގެ ދާއިރާއަށް އެންމެ ބޮޑު ބަޖެޓެއްވެސް ކަނޑައެޅި އަހަރަށެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު 2025ވަނަ ސިފަކުރައްވަނީ ގެދޮރުވެރިކަމުގެ ރަން ޒަމާނަކަށް ދިވެހިން ގެންގޮސްދިނުމުގެ މަސައްކަތްތައް ފަށާ އަހަރުގެ ގޮތުގައެވެ.

މިއަހަރުގެ ބަޖެޓުގައި މިދާއިރާއިން 2.8 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ. މީގެތެރެއިން 1.8 ބިލިއަން ރުފިޔާ ކަނޑައަޅާފައިވަނީ ބޯހިޔާވަހިކަމުގެ ޢުމްރާނީ މަސައްކަތްތަކަށެވެ. އަދި 1 ބިލިއަން ރުފިޔާ ހިމަނާފައިވަނީ، ގެދޮރު އަޅަން ބޭނުންވެ ނަމަވެސް މާލީ ދަތިކަމުގެ ސަބަބުން އެކަން ނުކުރެވި ތިބި ފަރާތްތަކަށް ލުއިފަސޭހަ ފައިނޭންސިން ފެސިލިޓީއެއް ފޯރުކޮށްދިނުމަށެވެ. މި ސްކީމަށް މިހާރު ހުޅުވާލާފައިވާއިރު، މާލީ އެހީ މިއަހަރު ދޫކުރަން ފަށާނެއެވެ.

ގެދޮރުވެރިކަމުގެ ދާއިރާއިން ކުރައްވާފައިވާ އިތުރު މަސައްކަތްތަކުގެ ތެރޭގައި، ހައުސިން ސްކީމްތަކަށް ހުށައެޅުމަށް ފަސޭހަކުރުމަށް "ހިޔާވަހި ޕޯޓަލް" ވަނީ އިފްތިތާޙުކުރައްވާފައެވެ.

މީގެއިތުރުން އެއްމެދު އިމާރާތްތަކުގެ މައްސަލަތައް ހައްލުކުރުމަށް އުސޫލުތައް ހަރުދަނާކުރުމާއި ބިމާ ބެހޭ އައު ޤާނޫނެއް އެކުލަވާލުމުގެ މަސައްކަތްވެސް ގެންދަވަނީ ކުރައްވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ތަޞައްވުރަކީ އެމަނިކުފާނުގެ ދަޢުރު ނިމޭއިރު، ހައުސިންގެ އެއްވެސް ސްކީމަކުން ފުރުޞަތު ނުލިބޭ ރައްޔިތަކު ނެތްކަން ކަށަވަރުކުރެއްވުމެވެ.