ޚަބަރު

ދިވެހީންގެ ދިވެހި މުދައްރިސް، ސޯދުބެއަށް 90 އަހަރު


  • ޞާދިޤަކީ މުދައްރިސެއް، ޝާޢިރެއް، ލިޔުންތެރިއެއް، ބަހުގެ މާހިރެއް

  • ޞާދިޤު ވަނީ ދިވެހިބަހާއި އަދަބިއްޔާތަށް ގިނަ ޚިދުމަތްތަކެއްކޮށްދެއްވާފައި

  • ޞާދިޤު ވަނީ ވަރަށް ގިނަ މަދަރުސާތަކަށް ދިވެހިބަސް ކިޔަވައިދެއްވާފައި

ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއަށް ވަރަށް ގިނަ ދުވަސްތަކެއްވަންދެން އަގުހުރި ޚިދުމަތްތަކެއްކޮށްދެއްވި ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިޔާ ޢަބްދުﷲ ޞާދިޤު، ސޯދުބޭގެ ޢުމުރުފުޅުން 90 އަހަރުފުރިއްޖެއެވެ.

މިއަދަކީ ދިވެހިބަހުގެ އުސްތާޛުގެ ގޮތުގައި މަޝްހޫރުކަން ހޯދާފައިވާ ޢަބްދުﷲ ޞާދިޤްގެ 90 ވަނަ އުފަންދުވަހެވެ. އެމަނިކުފާނު ދުނިޔޭގެ އަލިކަންދެކެވަޑައިގަތީ 1935ވަނަ އަހަރުގެ ޖެނުއަރީމަހުގެ 11 ވަނަ ދުވަހުއެވެ.

މުލަކަތޮޅު މުއްޔަށް އުފަން ޢަބްދުﷲ ޞާދިޤް ޅައިރުގެ ދުވަސްތައް ހޭދަކުރެއްވީ އުފަން ރަށުގައެވެ. ޢަބްދުﷲ ޞާދިޤް މާލެ ވަޑައިގަތީ ސަރުކާރުން ދެއްވި ފުރުޞަތެއްގައި ކިޔަވާ ވިދާޅުވުމަށް ޢުމުރުފުޅުން އެންމެ 9 އަހަރުގައެވެ.

މާލެ ވަޑައިގެން ކިޔަވާ ވިދާޅުވުމަށްފަހު އެކި ދާއިރާތަކުން ޚިދުމަތްކުރައްވަން ފެށްޓެވިއެވެ. އެންމެ ފުރަތަމަ އަދާކުރެއްވީ މަޢާރިފުގެ ޗާޕުޚާނާގެ ކާތިބުކަމުގެ ވަޒީފާއެވެ. އަދި ވަޒީރުލްއަޢުޡަމްގެ އޮފީހުގެ ކާތިބުކަމާއި މަޢާރިފުގެ ޚާއްޞަ މުދައްރިސްގެ މަޤާމު އަދާކުރެއްވިއެވެ. ނޫސްވެރިކަމުގެ ދާއިރާއަށްވެސް ގިނަ ޚިދުމަތްތަކެއްކޮށްދެއްވިއެވެ. އެގޮތުން ރާއްޖޭގެ އެންމެ މަޝްހޫރު އެއް ނޫސްކަމަށްވާ ހަވީރު ނޫހުގެ ޚަބަރު އެޑިޓަރެއްގެ ގޮތުގައި މަސައްކަތްކުރެއްވިއެވެ.

ގިނަ ދުވަސްތަކެއްވަންދެން ދައުލަތުގެ މީޑިޔާ، ޚާއްސަކޮށް ދިވެހިރާއްޖޭގެ އަޑާއި ޓީވީ މޯލްޑިވްސްގެ ކޮންޓެންޓް ބަހުގެ ޤަވާއިދުތަކާ އެއްގޮތަށް މުއްސަނދިކުރުމާއި އަޑުގެ ބައެއް ޕްރޮގްރާމްތައް ހުށަހަޅުއްވަންވެސް އުޅުއްވިއެވެ. ދިވެހިބަހާއި އަދަބަށް ޚިދުމަތްކުރާ ޤައުމީ މަޖިލީހުގެ އިސް މަޤާމުތަކެއްވެސް ޞާދިޤު ފުރުއްވިއެވެ. އޭގެފަހުން ދިވެހިބަހުގެ އެކެޑެމީއަށް ގިނަ އެހީތަކެއް ފޯރުކޮށްދެއްވައި، ނިމިދިޔަ ސަރުކާރުގައި އުފެއްދި މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖްގެ މުޝީރުކަމުގެ މަޤާމުވެސް އަބްދުﷲ ޞާދިޤް ވަނީ އަދާކުރައްވާފައިވެއެވެ.

ޞާދިޤުގެ ޙަޔާތްޕުޅުން އެންމެ ކުލަގަދަކޮށް ފެވެނީ ދިވެހި ޤައުމަށް، ޚާއްސަކޮށް ދިވެހި ބަހާއި އަދަބިއްޔާތުގެ ދާއިރާއަށް ކޮށްދެއްވި އަގުހުރި ޚިދުމަތްތަކެވެ. އަބްދުﷲ ޞާދިޤަކީ ދިވެހިބަސް ވަރަށް ރަނގަޅަށް ދެނެވަޑައިގަންނަވާ ބޭފުޅެކެވެ. ފަހުގެ ތާރީޚެއްގައި ދިވެހި ޖައްވުން ވިދާލި އެންމެ ވަރުގަދަ އަދީބަކީ ޞާދިޤޭވެސް ދެންނެވުމަކުން ދޮގަކަށް ނުވާނެއެވެ. އެހެނީ މިހާރުވެސް ދިވެހި ބަހުގެ ކަމެއްގައި އެއްޗެއް އޮޅުންފިލުވަން ބޭނުންވާނަމަ އެންމެ ފުރަތަމަވެސް އަޅުގަނޑުމެންގެ ތެރެއިން ގިނަ މީހުންގެ ވިސްނުމަށް އަންނާނީ ސޯދުބޭގެ ނަމެވެ. ބަހުގެ ކަމެއް ނަމަ ސޯދުބެއަށް ނޭނގި ނުދާނެކަން ގިނަ ބަޔަކު ގަބޫލުކުރެއެވެ.

އަބްދުﷲ ޞާދިޤް ތަފާތު މަޢުޟޫތަކަށް މަޒުމޫނު ލިޔުއްވިއެވެ. ޙަޤީޤީ ވާހަކަތަކާއި ޢިލްމީ ލިޔުންތައް ދިވެހިބަހަށް ތަރުޖަމާކުރެއްވިއެވެ. ތަފާތު މުނާސަބާތަކާއި އެކި ކަންކަމާ ގުޅުވައިގެން ޅެމާއި ލަވަ ހެއްދެވިއެވެ. ސަމާސާ އަދަބު ލިޔުއްވިއެވެ. ގަވާއިދު ފޮތްތައް ލިޔުއްވިއެވެ. މިއިން ކޮންމެ ކަމެއްވެސް ޞާދިޤު ކުރެއްވީ އެ ކަމެއްކުރެވޭނެ އެންމެ މޮޅަށެވެ.

ދިވެހި ޤައުމަށް ޞާދިޤު ކޮށްދެއްވި ޚިދުމަތްތަކުގެ އަގުވަޒަންކޮށް އެކި ދުވަސްވަރު އެކި ޝަރަފު ދިވެހި ދައުލަތުން ޞާދިޤަށް އެރުވިއެވެ. އެގޮތުން ދިވެހިބަހަށް ކޮށްދެއްވާފައިވާ ޚިދުމަތުގެ އަގު ވަޒަންކުރައްވައި، 1980 އާއި 1983 ވަނަ އަހަރު ޢާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު ޞާދިޤަށް އަރުވާފައިވެއެވެ. އަދި ދިވެހި ޅެންވެރިކަމުގެ ރޮނގުން 1992 ވަނަ އަހަރު ޢާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމުގެ އިތުރުން 1998 ވަނަ އަހަރު ދިވެހިބަހަށް ޚިދުމަތް ކުރެއްވުމުގެ ރޮނގުން ޢާންމު ޚިދުމަތުގެ ޝަރަފުވެރިކަމުގެ އިނާމު ދައުލަތުން ވަނީ ޞާދިޤަށް އަރުވާފައެވެ. އަދި މިނިވަން 25ގެ ޢާންމު ޚިދުމަތުގެ އިނާމުވެސް އެމަނިކުފާނަށް ލިބިވަޑައިގެންނެވިއެވެ. މީގެ އިތުރުން 2019 ވަނަ އަހަރު ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިކަމުގެ ލަޤަބު ޞާދިޤަށް ދިވެހި ދައުލަތުން އެރުވިއެވެ.

މިހާރުގެ ދިވެހިބަހުގެ އުސްތާޛުން ވިދާޅުވާ ގޮތުގައި ޞޯދުބޭގެ އެންމެ ޚާއްސަ އެއް ސިފައަކީ ބުނަން ބޭނުންވާ ވާހަކައެއް ކުރު ޢިބާރާތަކުން ސާދާ ބަހުން ބުނުމެވެ. އެއީ އެމަނިކުފާނުގެ އަދަބީ ލިޔުންތަކުންނާއި ޅެންތަކުން ފެންނަ އެންމެ ޚާއްސަ އެއް ސިފައެވެ. ފަރުމާކުރައްވާ ކުރު ޢިބާރާތްތަކުގައި ހިތުގެ އެންމެ ފުންމިނަށް ފޯރާފަދަ އަސަރު ލެއްވުމަކީވެސް ޞޯދުބޭގެ އަދަބީ އުފެއްދުންތަކުގައި ހިމެނޭ ޚާއްސަ ސިފައެކެވެ.

ޞާދިޤުގެ މަސައްކަތްޕުޅުތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ އޮޔާ ދަމުންދިޔަ ދިވެހިބަހުގެ ހަމަތަކާއި އުޞޫލުތަކާއި ޤަވާއިދުތައް އެއްކުރެއްވުމެވެ. ވަރަށް ރަނގަޅަށް ދިވެހިބަސް ދިރާސާކުރެއްވިއެވެ. އަދި މި ދިރާސާތަކުގެ މައްޗަށް ފޮތްތައް ލިޔުއްވިއެވެ. މި ފޮތްތައް ވެގެންދިޔައީ ދިވެހިބަހުގެ ހަމަތައް ރައްކާކުރެވި، ކޮންމެ ދިވެއްސަކަށްވެސް އޭގެ މަންފާ ލިބުނު ކަމަކަށެވެ. މިގޮތަށް ލިޔުއްވި ފޮތްތަކުގެ ތެރޭގައި "ބަހުގެ ހަމައިގެ އަތްމަތީ ފޮތް"، "ބަސްމަގު ފަށާ ފޮތް" އަދި "ދިވެހި ސިޓީ"ގެ އިތުރުން "ދިވެހި މަޒުމޫނު" ހިމެނެއެވެ. މިއިން ކޮންމެ ފޮތެއްގައިވެސް ބަހުގެ އެކި ފަންނުތަކުގައި ބޭނުންކުރަންޖެހޭ ހަމަ، ވަރަށް ރަނގަޅަށް ބަޔާންކޮށްދެއްވާފައިވެއެވެ.

އަދަބީ މަސައްކަތްތަކުގެ އިތުރަށް ޞާދިޤުގެ ނަން ދިވެހި ޖައްވުގައި ފިޔަ ޖަހަނީ އެމަނިކުފާނުގެ ކިބައިން ދަރިވަރުވި ދަރިވަރުން ގިނަ ކަމުންނެވެ. ތެދުފުޅެކެވެ. ކިޔަވާ ވިދާޅުވުމަށްފަހު އަބަދުވެސް އެންމެ އިސްކަމެއް ދެއްވައިގެން ކުރެއްވި އެއްކަމަކީ ކިޔަވައިދެއްވުމޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ. އެއް ދުވަސްވަރެއްގައި ސްރީލަންކާގެ ކޭޑީ ކޮލެޖާއި ވެސްލީ ކޮލެޖުގައި ކިޔަވަން ތިބި ދިވެހި ދަރިވަރުންނަށް ދިވެހިބަސް ކިޔަވައި ދެއްވިއެވެ. އަނެއްބައި ދުވަސްވަރު މާލޭގެ މަދަރުސާތަކުގައި ކިޔަވައި ދެއްވިއެވެ. އޭގެ ތެރޭގައި މަދްރަސަތުލް ޢަމަލު، މަދްރަސަތުލް ޢާލިޔާ، އީ.ޕީ.އެސް ސްކޫލް، ސައިންސް އެޑިޔުކޭޝަން ސެންޓަރ، މަޢުހަދު ދިރާސާތިލް އިސްލާމިއްޔާގެ ދަރިވަރުންނަށް ޞާދިޤު އެންމެ ލޯބިފުޅުވާ ދިވެހިބަސް އުނގަންނަވައިދެއްވިއެވެ. އޭރު މާލޭގައިހުރި މަދަރުސާތަކުގެ ތެރެއިން ޞާދިޤު ކިޔަވައިނުދެއްވާ މަދަރުސާއެއް މަދުވާނެއެވެ. ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުން ހިންގެވި ދިވެހިބަހުގެ ކޯސްތަކާއި އެކި މުއައްސަސާތަކުން ހިންގާ ކޯސްތަކުގައިވެސް ޞާދިޤު ކިޔަވައިދެއްވިއެވެ.

ޞާދިޤަކީ އަމިއްލަފުޅު ގޭގައިވެސް ޓިޔުޝަން ދެއްވި ބޭފުޅެކެވެ. ފުރަތަމަ ކުލާސްތައް ހެއްދެވީ ވަރަށް އާދައިގެ ގޮތަކަށް ދަނޑި ފަނުންނެވެ. މި ކުލާސްތަކަށް އޭރު ދެއްވި ނަމަކީ "އެލްޕާސޯ ކުލާސް" މިނަމެވެ. ފަހުން އާމުލީގެ ޓިޔުޝަން ސެންޓަރު ވެގެންދިޔައީ ދިވެހިބަސް ކިޔަވައިދޭ މުޅި ރާއްޖެއަށް މަޝްހޫރު ޞޯދުބޭގެ ޓިޔުޝަން ސެންޓަރަށެވެ. އާދެ! ހައްތަހާވެސް މި ޤައުމުގައި އޮތީ ޞާދިޤުގެ ދަރިވަރުންނެެވެ.

ޢަބްދުﷲ ޞާދިޤަކީ ދިވެހިބަހުގެ އުސްތާޛުންގެ އުސްތާޛެވެ. ޞޯދުބޭގެ އަރިހުން ދަރިވަރުވި މީހުންނާއި ބޭފުޅުންގެ އަދަދު ވަރަށް ގިނައެވެ. އެހެންކަމުން ހ. އާމުލީގެ ޢަބްދުﷲ ޞާދިޤް ވެފައިވަނީ އެތައް އެތަށް ދިވެހީންގެ ދިވެހި މުދައްރިސެވެ.

ޞިއްޙީ ހާލަތު ތަން ނުދޭތީ ދިވެހި ބަހާއި އަދަބިއްޔާތުގެ ކަންކަމުގައި އަމަލީގޮތުން ހަރަކާތްތެރި ނުވެވުނު ނަމަވެސް މިހާރުވެސް ޚަބަރުތަކާއި ޕްރޮގްރާމްތައް ޞޯދުބެ ބައްލަވައެވެ. އަދި އެފަދަ ކޮންޓެންޓުތަކުން އިވިވަޑައިގަންނަވާ ބަހާއި އަދަބިއްޔާތުގެ ކުށްތައް ފާހަގަކުރެވި އެކަންކަން ރަނގަޅުކުރުމަށް އާއިލާގެ މެންބަރުން މެދުވެރިކޮށްވެސް މަސައްކަތްކުރައްވާކަމީ ސޯދުބޭގެ ހިތްޕުޅުގައި ދިވެހި ބަހާއި ބަހުގެ އަދަބިއްޔާތަށް އޮތް ލޯބި މިއަދުވެސް އެނގި ހާމަވެގެންދާ އަލިގަދަ ހެތްކެކެވެ.