މާލެ ޓެކްސީ ލައިން ޚިދުމަތުގައި ބޭނުންކުރާ އެޕްލިކޭޝަން ބޭރުން ބަޔަކު ހެކް ކޮށްފައިނުވާކަމަށާއި ސިސްޓަމްގައި ހުރި މައުލޫމާތުތައް ލީކްކޮށްފައިވަނީ ކުންފުނީގެ މުވައްޒަފަކުކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީން ވިދާޅުވެއްޖެއެވެ.
އެ ކުންފުނިން މިފަދައިން ވިދާޅުވެފައިވަނީ މާލެ ޓެކްސީ ލައިން ޚިދުމަތުގައި ބޭނުންކުރާ އެޕްލިކޭޝަން ހެކު ކުރި ކަމަށް ބުނެ ދައުރުކުރާ ޚަބަރާ ގުޅޭ ގޮތުން ނެރުނު ނޫސްބަޔާނުގައެވެ. އެ ނޫސްބަޔާނުގައި ވިދާޅުވީ މާލެ ޓެކްސީ ލައިން ޚިދުމަތުގައި ބޭނުންކުރާ އެޕްލިކޭޝަން ބޭރުން ބަޔަކު ހެކު ކުރި ކަމަށް ބުނެ ދައުރުކުރާ ޚަބަރަކީ ދޮގެއްކަމަށެވެ.
ޓެކްސީ އެޕްލިކޭޝަންގެ ބެކްއެންޑް ޑޭޓާބޭސް ސިސްޓަމުގައި ހުރި މަޢުލޫމާތުތަކަށް ބަދަލު ގެނެސް ސިސްޓަމްގައި ހުރި މައުލޫމާތުތަކުގެ ސްކްރީން ޝޮޓް ނަގައި ލީކުކޮށްފައިވަނީ ކުންފުނީގައި މަސައްކަތްކުރަމުން އަންނަ މުވައްޒަފަކުކަން އެކުންފުނިން ކުރި އެތެރޭގެ ތަހުގީގުން އެގިފައިވާކަމަށް ނޫސްބަޔާނުގައި ވިދާޅުވިއެވެ. އަދި އެ މުވައްޒަފު އެކަން ކޮށްފައިވަނީ އެއްވެސް ހުއްދައަކާއި ނުލާ އަމިއްލަ ޒާތީ އަދި ސިޔާސީ މަގުސަދެއް ހާސިލުކުރުމުގެ ނިޔަތުގައިކަމަށްވެސް އެމްޓީސީސީން ވިދާޅުވިއެވެ.
އެމްޓީސީސީން ވިދާޅުވީ ބެކްއެންޑް ޑޭޓާބޭސް ސިސްޓަމަށް ބަދަލުގެނައިކަން އައ.ިސ.ީޓީ ނެޓްވޯކް ސެކިޔުރިޓީ ޓީމަށް ފާހަގަވުމާއެކު ވަގުތުން އެ ކަން އޮޕަރޭޝަންސްގެ ސަމާލުކަމަށް ގެނެސް ސިސްޓަމް ޝަޓްޑައުންކޮށް ސެކިޔުރިޓީ ލޮކްޑައުންއަކަށް ގެންދިޔަކަމަށެވެ. އަދި ކުންފުނީގެ ސާރވާއާއި މާލެ ޓެކްސީ ލައިންގެ ބެކްއެންޑް ސިސްޓަމް ރޭގެ 11:30 ގައި ރައްކާތެރިކަމާއެކު ރީސްޓޯރކޮށް ރައްކާތެރި ކުރެވިފައިވާކަމަށް އެމްޓީސީސީން ވިދާޅުވިއެވެ. އެމްޓީސީސީން ވަނީ ކަސްޓަމަރުންނަށް މާލެ ޓެކްސީ ލައިންގެ ޚިދުމަތް ހޯދުމުގައި އެއްވެސް ދަތިކަމެއް މެދުވެރި ނުވާނެކަމަށް ވިދާޅުވެފައެވެ.
މިއީ ބޭރުން އެޕްލިކޭޝަންގެ ފަޔަވޯލްއަށް ހަމަލާއެއް ދީގެން ހިނގާފައިވާ ހެކް ކުރުމުގެ އަމަލެއް ނޫންކަން ފާހަގަކޮށް އެމްޓީސީސީން ވަނީ އެ ނޭދެވޭ އަމަލު ހިންގާފައިވާ މުވައްޒަފު މިހާރު ވަޒީފާ ޒިންމާތަކުން އެކަހެރި ކޮށްފައެވެ. އެ ކުންފުނީގެ ގަވައިދުތަކާއި އުސޫލުތަކުގެ ތެރެއިން އަޅަންޖެހޭ އެންމެ ހަރުކަށި ފިޔަވަޅު އެ މުވައްޒަފާ މެދު އަޅާނެކަމުގެ ޔަގީންކަން އެމްޓީސީސީން ދެއްވައެވެ.
އެމްޓީސީސީން ވިދާޅުވީ އެފަދަ އަމަލުތަކުގެ މަގުސަދަކީ ކުންފުނިން އެތައް އަހަރެއްގެ ބުރަ މަސައްކަތުން ހޯދާފައިވާ ރައްޔިތުންގެ ލޯތްބާއި އިތުބާރު އަދި ރީތި ނަން ކިލަނބުކުރުންކަމަށެވެ. ކަސްޓަމަރުންނާއި ހިއްސާދާރުންގެ ހައްގުތައް ހިމާޔަތްކޮށް ރައްކާތެރިކުރުމަށްޓަކައ،ި ކުރާން ޖެހޭ ކޮންމެކަމެއް ކުރުންމަތީ މި
ކުންފުނި ދެމިއޮންނާނެ ކަމުގެ ޔަގީންކަން. ދެއްވައެވެ.