ގދ.ވާދޫގެ މައި މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް މިއަހަރުގެ ބަޖެޓުގެ ތެރެއިން ކުރިއަށްދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ހުވަދު އަތޮޅަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ވާދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ވަހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ މިއަހަރަކީ ޢުމްރާނީ ތަރައްޤީގެ ގިނަ މަސައްކަތްތަކެއް ފެށިގެންދާނެ އަހަރެއްކަމަށެވެ. އެގޮތުން ރަށްރަށުގެ މައި މަގުތައް ތަރައްޤިކުރެއްވުމަކީ އެމަނިކުފާނުގެ ޢުމްރާނީ ތަރައްޤީގެ މުހިއްމު ވަޢުދުފުޅެއްކަން ފާހަގަކުރައްވާ، އެވަޢުދުފުޅުގެ ދަށުން ގދ.ވާދޫގެ މައި މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކޮށްދެއްވުމުގެ މަސައްކަތް މިއަހަރުގެ ބަޖެޓުގެ ތެރެއިން ކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
"އަޅުގަނޑުގެ ވަޢުދެއް އެއީ ކޮންމެހެން މިރަށުގެ އެކަންޏެއް ނޫން. ރަށްރަށުގެ މައި މަގުތަށް ތަރައްޤީކޮށްދިނުމަކީ. އެގޮތުން މިރަށުގެ މަގުތައްވެސް ޒަމާނީ ފެންވަރަށް ރައްޔިތުން އެދޭގޮތަށް ތަރައްޤީކުރުމުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ފެށިގެން ކުރިއަށްދާނެ ވާހަކަ ދަންނަވަން." ރައީސް ވިދާޅުވިއެވެ.
President Dr @MMuizzu meets with the residents of Vaadhoo Island in South Huvadhu Atoll to understand their needs and address development priorities, highlighting the importance of collaborative solutions for a sustainable future. pic.twitter.com/FdJWqDqGji
— The President's Office (@presidencymv) January 7, 2025
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ވާދޫއަކީ ތަޢުލީމީ ފަޚުރުވެރި ތާރީޚެއް އޮތް ރަށެއްކަމަށާއި، އެކަން އެގޮތުގައި ދެމެހެއްޓުމަށް މަސައްކަތް ކުރުމަކީ ކޮންމެ ސަރުކާރަކުންވެސް ކުރައްވަންޖެހޭނެކަމެއްކަމަށެވެ. އެހެންކަމުން ވިދާޅުވީ ވާދޫ ސްކޫލަށް ބޭނުންވާ ޢުމްރާނީ ތަރައްޤީއާއި ރަށު ސްކޫލަށް ބޭނުންވާ ޓީޗަރުން ހަމަކުރުމަށް މަސައްކަތްކޮށްދެއްވާނެކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކައުންސިލްތައް ބާރުވެރިކުރުވުމަކީ އެމަނިކުފާނުގެ ސަރުކާރުގެ މުހިއްމު ސިޔާސަތެއްކަމަށެވެ. އެހެންކަމުން ކައުންސިލްތައް މެދުވެރިކޮށް ރައްޔިތުންގެ ފުދުންތެރިކަން އިތުރުކުރުމަށް ކުރެވެންހުރި ކަންކަމަށް އިސްކަން ދެއްވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތުން ރަށްރަށުގެ ކައިރީގައި ހުރި ފަޅުރަށްތަކުގެ ބޭނުން ކައުންސިލްތަކަށް ކުރެވޭނެ މަގު އުސޫލުތަކުގެ ތެރެއިން ކުރައްވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެމަނިކުފާނު ޤަބޫލުކުރައްވާ އެންމެ މުހިއްމު އެއްކަމަކީ ރައްޔިތުންނާއި ގާތުން މަސައްކަތްކުރެއްވުންކަމަށެވެ. އެހެންކަމުން ވެރިކަމުގެ ފުރަތަމަ އަހަރުގެ ތެރޭގައި ހުރިހާ ކައުންސިލްތަކަކާއި ބައްދަލުކުރެއްވުމަށްފަހު މިއަހަރު އެމަނިކުފާނު މަސައްކަތް ކުރައްވަމުންގެންދަވަނީ ރަށްރަށުގެ ޙާލަތު ބެއްލެވުމަށް ރަށްރަށަށް ވަޑައިގެންނެވުމަށްކަން ފާހަގަކުރެއްވިއެވެ.