ޚަބަރު

ފުރަތަމަ ފަހަރަށް ވީއޭއާރްގެ ނިންމުން ރެފުރީ އިއުލާންކޮށްފި


އިންގްލަންޑުގައި ކުޅުނު ފުޓްބޯޅަ މެޗެއްގައި ވީޑިއޯ އެސިސްޓެންޓް ރެފުރީ (ވީއޭއާރް) ގެ ނިންމުން ފުރަތަމަ ފަހަރަށް ރެފުރީ އިއުލާންކޮށްފިއެވެ.

އިނގިރޭސި ލީގު ކަޕްގައި ރޭ ޓޮޓްނަމް ހޮޓްސްޕަރ އާއި ދެކޮޅަށް ލިވަޕޫލް ކުޅުނު މެޗުގައި ޓޮޓްނަމްގެ ޑޮމިނިކް ސޮލާންކޭ ޖެހި ގޯލު އޮފްސައިޑް ކަމަށް ނިންމާފައިވަނީ ވީޑިއޯ ބެލުމަށްފަހުގަ އެވެ.

"ވީޑިއޯ ރިވިއުކޮށްފިން, ގޯލު ޖެހި ވަގުތު ޑޮމިނިކް ސޮލާންކޭ ހުރީ އޮފްސައިޑް ޕޮޒިޝަނެއްގައި." ވީޑިއޯ ބެލުމަށްފަހު ރެފްރީ ސްޓުއަޓް އެޓްވެލް ދަނޑަށް ވަދެތިބި ސަޕޯޓަރުންނަށް އަޑުއިވޭ ގޮތަށް އިއުލާން ކޮށްފައިވެ އެވެ.

މި މެޗުން ޓޮޓްނަމް ހޮޓްސްޕަރ ވަނީ 1-0 ގެ ނަތީޖާއަކުން ލިވަޕޫލް ބަލިކޮށްފަ އެވެ. ޓޮޓްނަމް އިން މި މެޗުގައި ޖެހި ހަމައެކަނި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ 18 އަހަރުގެ ޒުވާން ކުޅުންތެރިޔާ ލޫކަސް ބާރގްވެލް އެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ޓޮޓްނަމްގެ ކޯޗު ޕޮސްޓެކޮގްލޫ ބުނެފައިވަނީ ވީޑިއޯ ރެފްރީގެ އެ ނިންމުން ފުރަތަމަ ފަހަރަށް އިއުލާން ކުރި ނަމަވެސް އެކަމުގެ ސަބަބުން އެ މެޗަށް އެއްވެސް ހާއްސަ ކަމެއް އައިސްފައިވާ ކަމަށް އޭނާ ގަބޫލުނުކުރާ ކަމަށެވެ.

އިނގިރޭސި އެފްއޭއިން ބުނެފައިވާ ގޮތުގައި ލީގު ކަޕްގެ ސެމީ ފައިނަލުގައި ވީޑިއޯ ރެފްރީންގެ ނިންމުންތައް އިއުލާން ކުރަން ނިންމާފައިވަނީ ޓްރަޔަލް އެއްގެ ގޮތުގައެވެ.

ރަގްބީ އާއި އެމެރިކަން ފުޓްބޯޅައިގައި ވީޑިއޯ ރެފްރީންގެ ނިންމުންތައް އިއުލާން ކުރަމުން ގޮސްފައިވާއިރު 2023 ވަނަ އަހަރުގެ އަންހެނުންގެ ވޯލްޑްކަޕްގައި ފީފާއިންވެސް ވަނީ މިކަން ޓެސްޓްކޮށްފަ އެވެ. އަދި އިނގިރޭސި ޕްރިމިއާ ލީގުން ވަނީ މި ސީޒަނުގެ ކޮންމެވެސް ހިސާބެއްގައި ވީޑިއޯ އެސިސްޓެންޓް ރެފްރީންގެ ނިންމުންތައް އިއުލާން ކުރަން ފަށާނެ ކަމަށެވެ.