ބޭނުންފުޅުވަނީ ރައްޔިތުންގެ ވިންދު ދެނެވަޑައިގެން، އެ ވިންދާ އެއްގޮތަށް ޚިދުމަތް ކުރައްވަންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ހުވަދު އަތޮޅަށް އެމަނިކުފާނު ކުރެއްވި 3 ދުވަހު ދަތުރުފުޅުގައި ގއ. ދެއްވަދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ އެމަނިކުފާނު ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުތަކަކީ ރައްޔިތުންނާ ބައްދަލުކުރައްވައި ރައްޔިތުންގެ ވާހަކަތައް އަޑުއެއްސެވުމަށް ކުރައްވާ ދަތުރުފުޅުތަކެއް ކަމަށެވެ. އެގޮތުން، ރާއްޖޭގެ ހުރިހާ ރަށެއްގެވެސް ރައްޔިތުންނާ ބައްދަލުކުރައްވާނެ ކަމަށާއި ބޭނުންފުޅުވަނީ ރައްޔިތުން އެދޭގޮތަށް މަސައްކަތް ކުރައްވަން ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ވެރިކަން ކުރާ ރަށުގައި ހުންނަވައިގެން މަސައްކަތް ކުރެއްވުމަށްވުރެ ބޭނުންފުޅުވަނީ ރައްޔިތުން ބޭނުންވާ ކަންކަން ރައްޔިތުންނާ ބައްދަލުކުރައްވައި އަޑުއައްސަވަން ކަމަށެވެ.
"މާ ދުރުގައި މާލޭގައި ހުރެގެން ސިޓީބިޓީ ނިޒާމުގެ ތެރެއިން ބިއުރޯކްރަސީގެ ތެރެއިން އެ ފިލްޓަރވެގެން އަންނަ ގޮތަކަށް އައިސް އަންނަ ކަންކަމަކީއެއް ނޫން އަޅުގަނޑު ހަމައެކަނި ބޭނުންވާ ގޮތަކީ. އޭގެ އިތުރަށް ސީދާ ރައްޔިތުން ގާތަށް އައިސް ކަންކަން އޮޅުންފިލުވައިގެން ކަންކަން ކުރަން ބޭނުންވަނީ ރައްޔިތުން ބޭނުންވާ ގޮތަށް ޚިދުމަތް ދޭން ބޭނުންވާތީ. ރައްޔިތުންގެ ވިންދު ސީދާ އެނގެން ބޭނުންވާތީ. އެ ވިންދާ އެއްގޮތަށް އެކަން ކޮށްދިނުމަށް،" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ އެމަނިކުފާނުގެ ވެރިކަމުގައި ރައްޔިތުންނާ ވީހާވެސް ގާތުން މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. އެގޮތުން، މިދިޔަ އަހަރު އެމަނިކުފާނު ވަނީ 190 އަށްވުރެ ގިނަ ކައުންސިލާ ބައްދަލުކުރައްވާފައެެވެ. އަދި ގިނަ ރަށްތަކެއްގެ ރައްޔިތުންނާވެސް ވަނީ ބައްދަލުކުރައްވާފައެވެ.
މިއަހަރުގެ މިހާތަނަށް އެމަނިކުފާނު މާލެ އަތޮޅު ގުޅި އާއި ހުވަދު އަތޮޅުގެ 9 ރަށް ހިމެނޭހެން 10 ރަށަކަށް ވަނީ ވަޑައިގެންފައެވެ. ކުރިއަށް އޮތް ދުވަސްތަކުގައި އިތުރު ރަށްތަކަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.