މިމަހު މިހާތަނަށް ރާއްޖެއަށް ބައިލައްކަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން އެންމެ ފަހުން ނެރެފައިވާ ޑެއިލީ އަޕްޑޭޓު ރިޕޯޓުގައިވާގޮތުން މިމަހުގެ ފުރަތަމަ 10 ދުވަސްތެރޭ ރާއްޖެއަށްވަނީ 56,872 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ 58,989 ފަތުރުވެރިންނާ އަޅާ ބަލާއިރު %3.6 ދަށް އަދަދެކެވެ.
ފަތުރުވެރިންގެ އަދަދުތަކަށް ބަލާއިރު، މިދިޔަ ހޮނިހިރު ދުވަހު ރާއްޖެއަށް ވަނީ 7241 ފަތުރުވެރިން ޒިޔާތްކޮށްފައެވެ. މިއީ މި މަހު އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރި ދުވަހެވެ.
ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރަނީ ޗައިނާއިންނެވެ. އަހަރުގެ މިހާތަނަށް އެޤައުމުން ރާއްޖެއަށް 3 ލައްކައަށްވުރެ ގިނަ ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. 2 ވަނައަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ރަޝިޔާއިންނެވެ. އެޤައުމުން ރާއްޖެއަށް 2 ލައްކައަށްވުރެ ގިނަ ފަތުރުވެރިން އައިސްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.
* ޗައިނާ: 314,519 ފަތުރުވެރިން
* ރަޝިއާ: 237,203 ފަތުރުވެރިން
* އިނގިރޭސިވިލާތް: 123,336 ފަތުރުވެރިން
* އިޓަލީވިލާތް: 105,024 ފަތުރުވެރިން
* ޖަރުމަނުވިލާތް: 100,186 ފަތުރުވެރިން
ތަފާސްހިސާބުތައް ދައްކާގޮތުން އަހަރުގެ މިހާތަނަށް ރާއްޖެއަށް ވަނީ ޖުމްލަ 1.6 މިލިޔަން ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ 1.7 މިލިޔަން ފަތުރުވެރިންނާ އަޅާ ބަލާއިރު %3.4 ދަށް އަދަދެކެވެ.
މިމަހުގެ މިހާތަނަށް ރާއްޖެއަށް ބައިލައްކައަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަމަށް ކުރި އަސަރުން އަރައިގަތުމުގައި މިހާތަނަށް ވަރަށް ބޮޑު ކާމިޔާބީއެއް ހޯދިފައިވާ ކަމަށާއި އަހަރުގެ ފަހު ކުއާޓަރުގައި ބޮޑު ކުރިއެރުމެއް އަންނާނެކަމަށް ފަތުރުވެރިކަމާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވަނީ ވިދާޅުވެފައެވެ.
މިއަހަރު ސަރުކާރުން ކަނޑައެޅި އަމާޒަކީ، 2.5 މިލިޔަން ފަތުރުވެރިން ރާއްޖެއަށް ގެނައުމަށެވެ. ނަމަވެސް ކުރިމަތިވި ޙާލަތަކީ ދުނިޔޭގެ ސިނާއަތްތަކަށް އައި ބަދަލަކަށްވުމާއެކު، ވަރަށް ގިނަ ކަންތައްތަކަކީ އަމިއްލަ ކޮންޓްރޯލުން ބޭރުގައިވާ ކަންތައްތައް ކަމަށް ވަޒީރު އަމީން ވިދާޅުވިއެވެ.
ނަމަވެސް ރާއްޖެއިން އިންޑަސްޓްރިއާއެކު ގުޅިގެން ކުރި މަސައްކަތްތަކުގެ ނަތީޖާ ވަރަށް ރަނގަޅު ކަމަށާއި، އެގޭ ކާމިޔާބީ އަހަރުގެ ފަހު ކުއާޓަރުގައި ބޮޑުތަނުން ރަނގަޅުވާނެކަމަށް ޤަބޫލުކުރެވޭކަމަށް ވިދާޅުވިއެވެ. މިހާރުވެސް މި ސީޒަންގައި އިތުރު 7 އެއަރލައިނެއްގެ ދަތުރުތައް ބޭއްވުމަށް ހަމަޖެހިފައިވާކަމަށްވެސް ވަޒީރު އަމީން ވަނީ ވިދާޅުވެފައެވެ.