ޚަބަރު

ޤައިދީންނަށް ލިބެންޖެހޭ އެއްވެސް އަސާސީ ޚިދުމަތެއް އުނިކުރެވިފައިނުވޭ: ކަރެކްޝަނަލް ސަރވިސް


  • ސިއްޙީ ހާލަތު ގޯސްވެ، ހޮސްޕިޓަލްގައި އެޑްމިޓްކޮށް ވަކި ޚާއްސަ ފަރުވާ ދެވިފައިވާ ނުވޭ

  • ބަންދުގައި ތިބި މީހުންނާ ވާހަކަ ދައްކާ ހާލަތު މޮނިޓަރ ކުރުމުގެ މަސައްކަތް ދަނީ ކުރަމުން

ޤައިދީންނާއި ބަންދުމީހުންނަށް ލިބެންޖެހޭ އެއްވެސް އަސާސީ ޢިނާޔަތެއް ނުވަތަ ޚިދުމަތެއް އުނިކުރެވިފައި ނުވާނެކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ވިދާޅުވެއްޖެވެ.

ކަރެކްޝަންސްއިން މިހެން ވިދާޅުވީ މާފުށި ޖަލުގައި ގައިދީންތަކެއް ބަނޑުހައި ހޫނު ކަމުގެ ހަޅުތާލެއް ކުރަން ފެށިކަމަށް ޚަބަރު ފެތުރެމުންދާ ދަނޑިވަޅެއްގަވެ.

ކަރެކްޝަނަލް ސަރވިސްއިން ވިދާޅުވީ ޖަލުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ މަސައްކަތްތައް ހަރުދަނާކުރުމުގެ ގޮތުން ބައެއް އުޞޫލުތަކަށް ބަދަލުގެނެވިފައިވާކަމަށެވެ. ނަމަވެސް، އެ ސަރވިސްގެ ބެލުމުގެ ދަށުގައިވާ ޤައިދީންނާއި ބަންދުމީހުންނަށް ލިބެންޖެހޭ އެއްވެސް އަސާސީ ޢިނާޔަތެއްވެސް އަދި ޚިދުމަތެއްވެސް އުނިކުރެވިފައެއް ނުވާކަމަށެވެ.

މާފުށީ ޖަލުގައި ތިބި ބައެއް ބަންދުމީހުން އެ ސަރވިސްއިން ފޯރުކޮށްދޭ ކާބޯތަކެތި ބައެއް ފަހަރު ނުނަގާކަަމަށް އެސަރވިސުން ވިދާޅުވިއެވެ. ނަމަވެސް، ވިޔަފާރި އުޞޫލުން ގަނެފައިވާ ތަކެތި ބޭނުން ކުރަމުންދާކަމަށާއި އެއްވެސް ކަމަކާ ގުޅިގެން އެއްވެސް ބަންދުމީހެއްގެ ސިއްޙީ ހާލަތު ގޯސްވެ، ހޮސްޕިޓަލްގައި އެޑްމިޓްކޮށް ވަކި ޚާއްސަ ފަރުވާ ދެވިފައިވާ ނުވާކަމަށް ކަރެކްޝަން ސާރވިސްއިން ވިދާޅުވިއެވެ.

މި މައްސަލައާއި ގުޅިގެން ހިއުމަން ރައިޓްސް ކޮމިޝަނުން ވިދާޅުވީ އެކަން ކޮމިޝަންގެ ސަމާލުކަމަށް އައިސްފައިވާކަަމަށާއި، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން މައުލޫމާތު ސާފުުކޮށް ގައިދީންނާއި ބަންދުގައި ތިބި މީހުންނާ ވާހަކަ ދައްކައި، ހާލަތު މޮނިޓަރ ކުރުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.

ކުށުގެ ތުހުމަތުގައި ހައްޔަރުގައި ތިބޭ މީހުންނާއި، ކޯޓު އަމުރެއްގެ ދަށުން ބަންދުގައި ބައިތިއްބަންޖެހޭ މީހުންނަށް ލިބިދޭންޖެހޭ އަސާސީ ޚިދުމަތްތަކާއި އިނާޔާތްތަކާބެހޭ ގަވާއިދުގައި ބަޔާންކޮށްފައިވާ އަސާސީ ޚިދުމަތްތަކުގެ ތެރޭގައި ނަމާދުކޮށް ޤުރްއާން ކިޔަވައި ރޯދަހިފުމުގެ އިންތިޒާމާއި ކެއިން ބުއިމުގެ އިންތިޒާމާއި އަމިއްލަ ސާފުތާހިރުކަން ދެމެހެއްޓޭނެ އިންތިޒާމާއި ފާޚާނާކުރުމުގެ އިންތިޒާމާއި ނިދާނެ ތަނަކާއި ނިދަން ބޭނުންވާ ތަކެތި ފޯރުކޮށްދިނުން ހިމެނެއެވެ.