އިނގިރޭސި ޕްރިމިއާ ލީގުގެ ކްލަބް އެވަޓަންގެ ކޯޗު ކަމުގެ މަގާމުން ޝޯން ޑައިޗް ވަކިކޮށްފި އެވެ.
އެފްއޭ ކަޕްގައި ލީގު ވަންގެ ޕީޓަރބޮރޯ އާއި ދެކޮޅަށް ކުޅެން އޮތް މެޗުގެ ކުރިން އެވަޓަންއިން ވަނީ ޑައިޗް މަގާމުން ވަކިކޮށްފައިވާކަން އިއުލާން ކޮށްފަ އެވެ. އަދި ވަގުތީ ގޮތުން އެ ޓީމުގެ ކޯޗުކަމާއި ހަވާލުވެފައިވަނީ އެވަޓަންގެ 18 އަހަރުން ދަށުގެ ޓީމަށް ކޯޗުކޮށްދެމުން އަންނަ ލޭޓަން ބެއިންސް އެވެ.
ޕްރިމިއާ ލޫގުގެ 16 ވަނައިގައި މިވަގުތު އޮތް އެވަޓަން ވަނީ ޑައިޗްގެ އިރުޝާދުގެ ދަށުން އެންމެ ފަހުން ބޯންމަތު އާއި ދެކޮޅަށް މިދިޔަ ހޮނިހިރު ދުވަހު ކުޅުނު މެޗުން 1-0 ގެ ނަތީޖާއަކުން ބަލިވެފަ އެވެ. އަދި ރެލިގޭޝަން ޒޯނުން އެ ޓީމު ސަލާމަތްވެފައިވަނީ އެންމެ ޕޮއިންޓެއްގެ ތަފާތުންނެވެ.
ލީގުގައި މިހާތަނަށް 19 މެޗު ކުޅެފައިވާއިރު އެ ޓީމު މޮޅުވެފައިވަނީ އެންމެ ތިން މެޗުންނެވެ. އަދި ބޯންމަތު އާއި ދެކޮޅަށް ކުޅުނު މެޗުގައި އެ ޓީމަށް އިދިކޮޅު ޓީމުގެ ގޯލަށް އަމާޒުކޮށް ހަމަލައެއް އުފެއްދިފައެއް ނުވެއެވެ.
ދާދި ފަހުން އެވަޓަން އާއި ހަވާލުވި އެމެރިކާގެ ފްރެއިޑްކިން ގްރޫޕްއިން ވަނީ މި ހަފްތާގައި ޑައިޗް އާއިއެކު ގިނަ މަޝްވަރާތަކެއް ބާއްވާ ދެ ފަރާތުގެ ދެމެދުގައިވާ އެއްބަސްވުން އުވާލުމާއި ގުޅޭ ގޮތުން މަޝްވަރާތަކެއް ކޮށްފަ އެވެ. އަދި އެ އެއްބަސް އުވާލާފައިވަނީ ކިހާވަރެއްގެ ބަދަލެއް ދިނުމަށްފަހު ކަމެއް އެއްވެސް ފަރާތަކުން ހާމަކޮށްފައެއް ނުވެއެވެ.
މެޗެއް ކުޅެން މަދު ވަގުތުކޮޅެއް އޮއްވާ ކޯޗު ވަކި ކުރުމަކީ ރަގަޅު ނިންމުމެއް ނޫން ކަމަށް ބައެއް ފަރާތްތަކުން ބުނެފައިވާއިރު އެކަމާއި ގުޅޭ ގޮތުން އެވަޓަން އިން އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ. އަދި އެ ކްލަބުން ހާމަކޮށްފައިވާ ގޮތުގައި އެ ޓީމުގެ ކޯޗުކަމަށް ދެން ހަމަޖައްސާނީ ޕްރިމިއާ ލީގުގެ ތަޖުރިބާ ލިބިފައިވާ ފަރާތެކެވެ.
ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި އެވަޓަންގެ ކޯޗު ކަމާއި ދެން ހަވާލުވާނީ ކުރިންވެސް އެ ޓީމަށް ކޯޗުކޮށްދިން ޑޭވިޑް މޯޔެސް އެވެ. އަދި މީގެ ކުރިން ފްރެއިޑްކިން ގްރޫޕާއިއެކު އިޓަލީގެ ރޯމާއަށް ކޯޗުކޮށްދިން ޕޯޗުގަލްގެ ހޯސޭ މޮރީނިއޯ އާއި މަޝްވަރާކޮށްފައިނުވާ ކަމަށް އޭނާ އާއި ގާތް ފަރާތްތަކާއި ހަވާލާދީ ބީބީސީ އިން ވަނީ ރިޕޯޓްކޮށްފަ އެވެ.
މޯޔެސް ވަނީ 2002 އިން 2013 ގެ ނިޔަލަށް އެވަޓަން އަށް ކޯޗުކޮށްދީފަ އެވެ. އަދި ދާދި ފަހުން އޭނާ ވަނީ އަދި ފުޓްބޯޅައިން ރިޓަޔަރ ކުރުމުގެ ވިސްނުމެއް ނުގެންގުޅޭކަމަށްވެސް ބުނެފަ އެވެ.
ޑައިޗް މަގާމުން ވަކިކުރުމަށްފަހު އެފްއޭ ކަޕްގައި ރޭ އެވަޓަން ޕޯޓަރބޮރޯ އާއި ދެކޮޅަށް ކުޅުނު މެޗުން ވަނީ 2-0 ގެ ނަތީޖާއަކުން މޮޅުވެފަ އެވެ.