އިއްޔެއިން ފެށިގެން މާލެއަށް ކުރަމުންދާ ވިއްސާރައިގައި 7 ގެބިސީއަކަށް ފެންވަދެ ގެއްލުންވުމުގެ ސަބަބުން ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައިވާކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ ހުޅަނގުން އަރަބި ކަނޑުގައި އުފެދިފައިވަ ސަރކިއުލޭޝަންގެ ސަބަބުން ރާއްޖޭގެ ބޮޑު ބަޔަކަށްދަނީ ވިއްސާރަކުރަމުންނެވެ. މިގޮތުން ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އެންމެ ބޯކޮށް ވާރޭވެހިގެން ރިކޯޑުކުރެވިފައިވަނީ މާލެއަށެވެ.
ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ވިދާޅުވީ، މާލޭގައި ފެންބޮޑުވުމުގެ ސަބަބުން 7 ގެބިސީއަކަށް ފެންވަނުމުގެ ސަބަބުން 44 މީހަކަށް ބޯހިޔާވަހިކަން ފޯރުކޮށްދެވިފައިވާކަމަށެވެ. މިފަރާތްތަކަށް ވަގުތި ބޯހިޔާވަހިކަން ފޯރުކޮށްދީފައިވަނީ 1 ދުވަހުގެ މުއްދަތަކަށްކަމަށް އެންޑީއެމްއޭއިން ވިދާޅުވެއެވެ. އަދި މިގޭބިސީތަކުގައި ދިރިއުޅޭ ފަރާތްތަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައިވަނީ، ފާޚާނާތަކުން ނަޖިސް ލީކުވުމާއި، ކައްކާ ކައިބޮއެ ހެދުމަށް ބުރުއެރުމުގެ ސަބަބުން އާއްމު ދިރިއުޅުމަށް ހުރަސްއެޅިފައިވާތީކަމަށް އެންޑީއެމްއޭއިން ވިދާޅުވެއެވެ.
11 ޖަނަވަރީގަ މާލެއަށް ކުރި ވިއްސާރާގައި ފެންބޮޑުވުމުގެ ސަބަބުން 7 ގޭބިސީ އެއްގެ 44 މީހަކަށް 1 ދުވަހަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިން ބުއިންމުގެ އިންތިޒާމު މި އޮތޯރިޓީން ވަނީ ހަމަޖައްސާދީފަ
— NDMA Maldives (@NDMAmv) January 11, 2025
އެންޑީއެމްއޭއިން ވިދާޅުވީ ވިއްސާރަވެ ފެންބޮޑުވުމުގެ ސަބަބުން އަދި މިހާތަނަށް އެއްވެސް ރަށަކުން އެއިދާރާއަށް ރިޕޯޓުކޮށްފައި ނުވާކަމަށެވެ.
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ކުރިއަށް އޮތް 24 ގަޑއިރު ގެ ތެރޭ ބައެއް ސަރަޙައްދުތަކަށް ކެރީގެ އަސަރުކުރާނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކުރައްވައެވެ. އަދި ވިލާގަނޑުގައި ވައިގަދަވާނެ ކަމަށް ބެލެވުނުނަމަވެސް އާއްމުގޮތެއްގައި ވައި ބާރުނުވާނެކަމަށް މެޓުން ލަފާކުރައްވައެވެ. އެހެންނަމަވެސް ހޯމަ ދުވަހުން ފެށިގެން ރާއްޖޭގެ މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭތީ މެޓު އޮފިހުން ގެންދަވަނީ މިސަރަޙައްދުގެ މުސޫން ވަރަށް ގާތުން ބަލަމުންކަމަށް އެއިދާރާއިން ވިދާޅުވެއެވެ.