މާލެ ސިޓީ ކައުންސިލުން މާފަންނު ސަހަރާ ހުސްކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވާ ކޮންޓެކްޓަރުގެ އިހުމާލުން އެތަނުގައި ހަދާފައިވާ ސްޓޯމް ވޯޓަރ ޕަމްޕް ސްޓޭޝަން ހަލާކުވެފައިވާކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ.
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގަ ރޭ ދަންވަރުން ފެށިގެން ބޯކޮށް ވާރޭވެހުމުގެ ސަބަބުން މާލޭގެ ބޮޑު ސަރަޙައްދެއްގައި ވަނީ ފެން ބޮޑުވެފައެވެ. މިގޮތަށް ފެންބޮޑުވިޔަ ނުދިނުމަށާއި، ޚާއްސަކޮށް ފެންބޮޑުވުމުން އެފެން ހިންދަން ފަސޭހަކުރުމުގެ ގޮތުން ހަދާފައިވާ އެއް ސްޓޯމް ވޯޓަރ ޕަމްޕް ސްޓޭޝަން ހުންނަނީ މާފަންނު ސަހަރާ ހިމެނޭ ސަރަހައްދުގައެވެ. މާލެއަށް ކުރި ވިއްސާރައިގައި ސަހަރާ ހިމެނޭ ސަރަހައްދުގައި ބޮޑުވި ފެން ހިނދުން ލަސްވަނީ އެތަނުގައި ޤާއިމްކޮށްފައިވާ ސްޓޯމްވޯޓަރ ސިސްޓަމް ހަލާކުވުމާއި ގުޅިގެން ކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ.އަބްދުﷲ މުއްޠަލިބު ވިދާޅުވިއެވެ.
ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ވިދާޅުވީ މާފަންނު ސަހަރާގެ ބައެއް ހުސްކުރުމަށް މާލެ ސިޓީ ކައުންސިލުން ހަވާލުކޮށްފައިވާ ފަރާތުން އެވުޒާރާއަށް އެންގުމަކާ ނުލައި ރޫޅާލާގެން އެކަންކޮށްފައިވަނީ ޒިންމާދާރުކަން ކުޑަގޮތަކަށްކަމަށެވެ.
The Malé City Council and their contractor have acted in an irresponsible manner by carrying out excavation work at Maafannu Cemetery. They have dismantled the stormwater pump station there that serves the northwest side of Malé without notifying us. This has led to significant… pic.twitter.com/sXm0LMvnEe
— Abdulla Muththalib (@muththo) January 11, 2025
ވަޒީރު ވިދާޅުވީ މިކަމުގެ ސަބަބުން އެ ސަރަޙައްދުގައި ބޮޑުވި ފެން ހިންދަން ދަތިތަކާއި ކުރިމަތިވެފައިވާކަމަށެވެ.
ވަޒީރު ވިދާޅުވީ މިޕަމްޕް ސްޓޭޝަން ރަނގަޅަށް މަސައްކަތްކުރޭތޯ އެވުޒާރާގެ ފަރާތުން ގަވާއިދުން ބަލަމުންދާކަމަށެވެ. އެގޮތުން ނިމުނު ހަފްތާގެ ތެރޭގައި ޕަމްޕް ސްޓޭޝަންގެ އިންސްޕެކްޝަންތަކެއް ހަދާފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި އެސަރަޙައްދުގައި ދިރިއުޅޭ ފަރާތްތަކަށް މިޕަމްޕް ސްޓޭޝަން ރަނގަޅަށް މަސައްކަތްކުރާއިރާއި ނުކުރާއިރުގެ ތަފާތު އެނގޭނެކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ މާފަންނު ސަހަރާގެ މަސައްކަތް ކުރުމުގެ ތެރެއިން ޕަމްޕް ސްޓޭޝަން ޤާއިމުކޮށްފައިވާ ސަރަޙައްދު ހުސްކުރުމުގެ ބޭނުންމެއް ނެތްކަމަށެވެ. ވަޒީރު ޑރ.މުއްޠަލިބު ވިދާޅުވީ، ސްޓޯމް ވޯޓަރ ޕަމްޕް ސްޓޭޝަން ޤާއިމުކޮށްފައިވަނީ އެސަރަޙައްދުގައި ހުރި މިނިކަށި ނަގާ ސާފުކުރުމަށްފަހުގައިކަމަށެވެ. އަދި މިހާރު އެޕަމްޕް ސްޓޭޝަން އަނބުރާ އޮޕަރޭޝަނަށް ގެނެވިފައިވާ ކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
މާލޭގެ އެކި ސަރަޙައްދުތަކުގައި ސްޓޯމްވޯޓަރ ސްޓޭޝަންތައް ޤާއިމުކޮށް މާލެއަށް ކުރަމުންދާ ވިއްސާރައިގައި ފެން ހިންދުމުގެ މަސައްކަތް ކުރިނަމަވެސް، އެކަށީގެންވާގޮތުގައި މިތަންތަން ބޭނުން ނުކުރެވޭކަމުގެ ކަންބޮޑުވުން އަބަދުވެސް އޮވެއެވެ. އަދި އެގޮތަށް މެދުވެރިވާ މައިގަނޑު ސަބަބެއްކަމަށް ޓެކްނިކަލް ގިނަ ބޭފުޅުން ފާހަގަކުރައްވަނީ އެއްވެސް ޕްލޭނެއް ނެތި ތަރައްޤީކުރެވިފައިވާ މާލޭގެ މަގުތައް އޮތްގޮތެވެ. އެހެންކަމުން ސަރުކާރުން ގެންދަވަނީ ޗައިނާގެ އެހީތެރިކަމާއެކު މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް ކުރަމުންނެވެ.