ޚަބަރު

ރަޝިޔާގެ ތެލާއި ގޭހުގެ ވިޔަފާރިއަށް އެމެރިކާއިން ކުރިން ނާޅާވަރުގެ ހަރުކަށި ފިޔަވަޅުތަކެއް


ރަޝިޔާގެ ތެލާއި ގޭހުގެ ވިޔަފާރިއަށް އިތުރު ފިއްތުންތައް ކުރިމަތި ކުރުމުގެ ގޮތުން އެމެރިކާގެ ރައީސް ޖޯ ބައިޑަންގެ ސަރުކާރުން އަނެއްކާ ވެސް ހަރުކަށި ފިޔަވަޅުތަކެއް އަޅައިފިއެވެ. މިއީ، ރަޝިޔާ-ޔޫކްރެއިން ހަނގުރާމައަށް ނިމުމެއް ގެނައުމަށް ޖަނަވަރީ 20ވަނަ ދުވަހު އެމެރިކާގެ ވެރިކަމާ ޙަވާލުވެ ވަޑައިގަންނަވާ އިންތިޚާބީ-ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރަށް އެހީތެރިވެދިނުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތަކެއް ކަމުގައި އެމެރިކާއިން ބުންޏެވެ.

ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ފަށާފައި ވަނީ 2022ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 24ވަނަ ދުވަހުއެވެ. އިސްވެ ހަނގުރާމަ ފަށާފައި ވަނީ ރަޝިޔާއިންނެވެ. އެ ހަނގުރާމައިގައި ޔޫކްރެއިނަށް އެންމެ ބޮޑަށް އެހީތެރިކަން ފޯރުކޮށްދެމުން ދަނީ އެމެރިކާގެ ރައީސް ބައިޑަންގެ ސަރުކާރާއި، ވިލާތުގެ ދިފާޢީ އިއްތިޙާދު (އީޔޫ)ންނެވެ. ހަނގުރާމަ ހުއްޓައިލުމަށް ބާރު އެޅުމުގެ ގޮތުން ކަމަށް ބުނެ އެމެރިކާއާއި ހުޅަނގުގެ ބާރުތަކުން ދަނީ ރަޝިޔާއާ ދެކޮޅަށް ދަތި ކުރުމުގެ ހަރުކަށި ފިޔަވަޅުތަކެއް ތަންފީޒު ކުރަމުންނެވެ.

ރަޝިޔާ-ޔޫކްރެއިން ހަނގުރާމައިގައި މަރުވެފައިވާ ޔޫކްރެއިންގެ ޢާންމު ރައްޔިތުންގެ އަދަދު 12,300އަށް އުފުލިފައިވާ ކަމުގައި އދން ދާދިފަހުން ބުނެފައިވެއެވެ. އަދި، ޔޫކްރެއިންގެ އިރުމަތީ ދޮންބާސާއި ދެކުނުގެ ސަރަޙައްދުތަކުގައި ގިނަ ރަށްތައް ވަނީ ސުންނާފަތި ކޮށްލާފައެވެ.

މި ހަނގުރާމަ ހުއްޓައިލުމަށް ބާރު އެޅުމުގެ ގޮތުން ކަމަށް ބުނެ އެމެރިކާއިން ރަޝިޔާގެ ތެލާއި ގޭހުގެ ވިޔަފާރިއާ ދެކޮޅަށް ދަތި ކުރުމުގެ އިތުރު ފިޔަވަޅުތަކެއް އެޅުމާ ގުޅިގެން ޔޫކްރެެއިންގެ ރައީސް ވޮލޮޑޮމީރް ޒެލެންސްކީ ވަނީ އެ ކަމާ މެދު އުފާ ފާޅު ކުރައްވާފައެވެ. އެ ނިންމުމާ އެކު ރަޝިޔާއަށް މާލީ ގޮތުން ބޮޑެތި ގެއްލުމެއް ލިބިގެންދާނެ ކަމުގައި އޭނާ ވިދާޅުވިއެވެ. "ތެޔޮ ވިއްކައިގެން ރަޝިޔާއިން ލިބޭ އާމްދާނީ ދަށްވުމަކީ ސުލްޙަ ޤާއިމު ކުރުން އަވަސް ކުރެވޭނެ ނިންމުމެއް،" އޭނާ ވިދާޅުވިއެވެ.

މިހާތަނަށް އަޅާފައިވާ އެންމެ ހަރުކަށި ފިޔަވަޅުތައް

އެމެރިކާގެ ރިޔާސީ ގަނޑުވަރު، ވައިޓް ހައުސްގެ އިޤުތިޞާދީ އަދި ޤައުމީ ސަލާމަތީ ދާއިރާގެ މުޝީރެއް ކަމުގައިވާ ދަލީޕް ސިންގ ވިދާޅުވީ، މިއީ ރަޝިޔާގެ ތެލާއި ގޭހުގެ ވިޔަފާރިއާ ދެކޮޅަށް އެމެރިކާއިން މިހާތަނަށް އަޅާފައިވާ އެންމެ ހަރުކަށި ފިޔަވަޅުތައް ކަމުގައެވެ. "[ތެލާއި ގޭހުގެ ވިޔަފާރިއަކީ ރައީސް ވްލަޑިމިޔަރ] ޕުޓިންގެ ސަރުކާރަށް އެންމެ ބޮޑު އާމްދަނީއެއް ލިބޭ ސިނާއަތް،" އޭނާ ފާހަގަ ކުރެއްވިއެވެ.

މި ފަހަރު އެމެރިކާއިން އަޅާފައިވާ ފިޔަވަޅުތައް އަމާޒު ކޮށްފައި ވަނީ ރަޝިޔާގެ ތެޔޮ ކުންފުނިތައް ކަމުގައިވާ ގެސްޕްރޮމް ނިޔެފްޓާއި ސުރްބުތުނިޔެފްތެގާސްއާ ދެކޮޅަށެވެ. މީގެ އިތުރުން ރަޝިޔާގައި އުފައްދާ ތެލާއި ގޭސް އެހެން ޤައުމުތަކަށް އުފުލާ 183 އާގުބޯޓަކާ ދެކޮޅަށް ވެސް އެމެރިކާއިން ވަނީ ފިޔަވަޅު އަޅާފައެވެ.

ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ފެށުމާ އެކު އެމެރިކާއާއި ހުޅަނގުން އެ ޤައުމާ ދެކޮޅަށް އަޅާފައިވާ ދަތި ކުރުމުގެ ފިޔަވަޅުތަކުގެ ތެރޭގައި، އެ ޤައުމުގައި އުފައްދާ ތެލާއި ގޭސް ގަތުން ހުއްޓައިލުން ހިމެނެއެވެ. އަދި، ރަޝިޔާގެ ތެލާއި ގޭހުގެ އަގު ކޮންޓުރޯލު ކުރުމަށް ވެސް އެންމެ ކުރިއަރާފައިވާ ހަތް އިޤުތިޞާދު ހިމެނޭ ގްރޫޕް އޮފް ސެވަންގެ މެންބަރު ޤައުމުތަކުން ވަނީ ނިންމާފައެވެ. މި ނިންމުމާ އެކު، ރަޝިޔާއިން ވަނީ ޗައިނާއާއި އިންޑިޔާގެ ބާޒާރަށް ތެޔޮ ފޯރުކޮށްދޭ މިންވަރު އެތަކެއް ގުނައަކަށް އިތުރު ކޮށްފައެވެ.

ރަޝިޔާއަށް މާލީ ގޮތުން ބޮޑު ގެއްލުމެއް

އެމެރިކާގެ މަޞްދަރުތަކުން ބުނީ، ރަޝިޔާއާ ދެކޮޅަށް އެންމެ ފަހުން އަޅާފައިވާ ފިޔަވަޅުތަކާ އެކު އެ ޤައުމަށް މާލީ ގޮތުން ބޮޑެތި ގެއްލުންތަކެއް ކުރިމަތިވާނެ ކަމަށް ބެލެވޭ ކަމުގައެވެ. "ރަޝިޔާގެ ތެލާއި ގޭސް އުފައްދާ، އަދި ޤައުމުތަކަށް ފޯރުކޮށްދޭ ވިޔަފާރީގެ ހުރިހާ ދިމާލަކަށް ފިޔަވަޅުތަކުގެ އަސަރު ކުރާނެ، އެއާ އެކު ޔޫކްރެއިން ހަނގުރާމައަށް ރަޝިޔާއިން ކުރަންޖެހޭ ހޭދަ އެތަކެއް ގުނައަކަށް އިތުރުވެގެންދާނެ،" އެމެރިކާ ސަރުކާރުގެ މަޞްދަރަކުން ބުންޏެވެ.

އެމެރިކާގެ ނިންމުމާ މެދު ގެސްޕްރޮމް ނިޔެފްޓުން ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ. އަދި، އެއީ ޣައިރުޤާނޫނީ ނިންމުމެއް ކަމަށާއި، އިންސާފުން ބޭރުން އަޅާފައިވާ ފިޔަވަޅުތަކެއް ކަމުގައި ސިފަކޮށްފައެވެ. އެމެރިކާގެ އައު ފިޔަވަޅުތަކަށް އަމަލު ކުރަން ފަށާނީ މާރިޗު މަހުގެ 12ވަނަ ދުވަހުއެވެ. އެހެންކަމުން، ވިޔަފާރީގެ މުޢާމަލާތްތައް ފުރިހަމަކޮށް ނިންމުމަށް ރަޝިޔާގެ ގޭހާއި ތެޔޮ އުފައްދާ ކުންފުނިތަކާއި، އެ ކުންފުނިތަކާ އެކު ވިޔަފާރި ކުރާ ޤައުމުތަކަށް ވަނީ ފުރުޞަތެއް ދީފައެވެ.

މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުނީ، އެމެރިކާގެ ފިޔަވަޅުތަކާ އެކު ރަޝިޔާގެ ތެލުގެ ވިޔަފާރީގެ އިތުރުން އިންޑިޔާގެ ތެޔޮ ސާފުކުރާ ވިޔަފާރިއަށް ވެސް ހީނަރުކަން އަންނާނެ ކަމަށް ބެލެވޭ ކަމުގައެވެ. އަދި، ޗައިނާއާއި އިންޑިޔާއަށް ތެޔޮ ފޯރުކޮށްދިނުމަށް ރަޝިޔާއިން ކުރަމުންދާ މަސައްކަތްތަކަށް ހުރަސްތަކެއް ކުރިމަތިވާނެ ކަމުގައެވެ. އެމެރިކާގެ ނިންމުމާ އެކު، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު %3ން އުފުލުނެވެ. ބާޒާރުގެ އަގުތަކަށް ބަލައިލާއިރު، ބްރެންޓް ކްރޫޑްގެ ތެޔޮ ފީފާއެއްގެ އަގު ވަނީ 80 އެމެރިކާ ޑޮލަރަށް އުފުލިފައެވެ.