ޚަބަރު

ވަންގަވްގެ އައު އެޕްލިކޭޝަން މިމަހު އިފްތިތާހްކުރަނީ


  • އައު އެޕްލިކޭޝަންގައި ގިނަ ފީޗާރތައް ހިމެނޭނެ

އިތުރު ޚިދުމަތްތަކާއެކު "ވަންގަވް"ގެ އައު އެޕްލިކޭޝަން މިމަހުގެ ތެރޭގައި އިފްތިތާހްކުރާނެކަމަށް ޓްރޭޑްނެޓް ކޯޕަރޭޝަންގެ ޗެއަރމަން ސިޔާހް ޚަލީލް ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.

"ވަންގަވް" ޕޯޓަލްއަކީ ސަރުކާރުގެ އެކި އިދާރާތަކުން ކުރިން ފޯރުކޮށްދެމުންދިޔަ ޚިދުމަތް، އެއް ތަނަކުން ލިބޭ ގޮތަށް ތަރައްޤީކޮށްފައިވާ ޑިޖިޓަލް ޕްލެޓްފޯމެކެވެ. ޒަމާނީ، ލުއި ފަސޭހަ މި ނިޒާމާއެކު ސަރުކާރުގެ އެކި އޮފީސްތަކަށް އެކި ކަންކަމުގައި ދިއުމާއި އެކި ކަންކަމަށް އެދި ހުށަހެޅުން ވަނީ ނިމުމަކަށް އައިސްފައެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޓްރޭޑްނެޓް ކޯޕަރޭޝަންގެ ޗެއަރމަން ސިޔާހް ޚަލީލް ވިދާޅުވީ، ވަންގަވްގެ ޕޯޓަލް 2.0 މިމަހުގެ ތެރޭގައި އިފްތިތާހްކުރެވޭނެކަމަށެވެ. އިތުރު އައު ޕީޗާރތަކާއިއެކު މިޕޯޓަލް އަޕްގްރޭޑްވުމުން ޚިދުމަތް ލިބޭ ފަރާތްތަކަށް ފަސޭހަވެގެންދާނެކަން އޭނާ ފާހަގަކުރެއްވިއެވެ.

"ވަންގަވް ޓޫ ޕޮއިންޓް އޯ ލޯންޗްކުރުމުގެ މަސައްކަތް މިހާރު ވަނީ ނިމިފައި. އިރާދަކުރެއްވިއްޔާ މި މަސް ތެރޭގައި ލޯންޗްކުރެވިގެންދާނެ. އެއީ އޭއައި އިންޓަގްރޭޓެޑް، ބެޓަރ ޔޫއައި، އެންހޭންސް ނިއު ފީޗަރވެސް އޭގެތެރޭގައި ހިމެނިގެންދާނެ". ސިޔާހް ވިދާޅުވިއެވެ.

ސިޔާހް ވިދާޅުވީ ވަންގަވް މެދުވެރިކޮށް މިހާރުވެސް 13 އެޖެންސީއަކުން 300 އަށްވުރެ ގިނަ ޚިދުމަތްތައް ދެމުންއަންނަކަމަށެވެ. އަދި ކުރިއަށްއޮތް ތަނުގައި ވަން ގަވް މެދުވެރިކޮށް ދެމުންދާ ޚިދުމަތްތަކުގެ އަދަދު އިތުރުވާނެކަން ޓްރޭޑްނެޓް ކޯޕަރޭޝަންގެ ޗެއަރމަން ސިޔާހް ޚަލީލް ފާހަގަކުރެއްވިއެވެ.